ކ. މާލެ
|
18 ސެޕްޓެންބަރ 2024 | ބުދަ 09:27
އަލް ނަޞްރުން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ޕިއޯލީ
އަލް ނަޞްރުން ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ޕިއޯލީ
ގޯލް.ކޮމް
އަލް ނަޞްރު
އަލް ނަޞްރުގެ ކޯޗަކަށް ޕިއޯލީ ގެންނަން މަސައްކަތް ކުރަނީ
ކަސްޓްރޯގެ އިރުޝާދުގެ ދަށުން އަލް ނަޞްރަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ، އަލް ނަޞްރުން ވަނީ އޭނާ މަޤާމުން ވަކި ކުރަން ނިންމައިފަ އެވެ.

ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރުގެ ކޯޗަކަށް، އިޓަލީގެ ސްޓެފާނޯ ޕިއޯލީ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އަލް ނަޞްރުގެ ކޯޗުކަމުގައި އެންމެ ފަހުން ހުރީ ޕޯޗުގަލްގެ ލުއިސް ކަސްޓްރޯ އެވެ. އުމުރުން 63 އަހަރުގެ ކަސްޓްރޯ އެ މަޤާމަށް ހަމަޖެއްސީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ނަމަވެސް، އޭނާގެ އިރުޝާދުގެ ދަށުން އަލް ނަޞްރަށް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ، އަލް ނަޞްރުން ވަނީ އެ މަޤާމުން ވަކިކޮށްފަ އެވެ. އައު ސީޒަންގެ ސައުދީ ލީގުގައި އަލް ނަޞްރު ވަނީ މިހާތަނަށް ތިން މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެއް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އަނެއް ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

މީީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އަލް ނަޞްރުން މަސައްކަތް ކުރަމުން އަންނަނީ އެ ޓީމުގެ ކޯޗަކަށް އުމުރުން 58 އަހަރުގެ ޕިއޯލީ ގެންނަން މަސައްކަތް ކުރަމުންނެވެ. އެގޮތުން އަލް ނަޞްރުން އަންނަނީ ޕިއޯލީ އާއެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. އަލް ނަޞްރުގެ ކުރިން، އަލް އިއްތިހާދުން ވެސް ވަނީ ޕިއޯލީ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މަޝްވަރާތަކުން ކުރި ނުހޯދި، އެކަން ވަނީ ހުއްޓިފަ އެވެ.

ޕިއޯލީ އެންމެ ފަހުން އިރުޝާދު ދިނީ، އިޓަލީގެ އޭސީ މިލާނަށެވެ. އެ ކުލަބުގެ ކޯޗުކަމާ އޭނާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އެހެން ނަމަވެސް، މިދިޔަ ސީޒަނަށްފަހު ޕިއޯލީ ވަނީ އޭސީ މިލާންގެ ކޯޗުކަން ދޫކޮށްލަން ނިންމައިފަ އެވެ. 1999 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޕިއޯލީ ވަނީ ގިނަ ކުލަބުތަކެއްގައި މަސައްކަތް ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް