ކ. މާލެ
|
16 ސެޕްޓެންބަރ 2024 | ހޯމަ 18:59
ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ރަޔަން ވެސްލީ ރޫތް
ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ރަޔަން ވެސްލީ ރޫތް
ސޯޝަލް މީޑިއާ
ޑޮނަލްޑް ޓްރަމްޕް
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހާ ހައްޔަރު ކޮށްފި
އެފްބީއައި އިން ތުހުމަތު ކުރާ މި މީހާ ފިލާހުރީ ގަސްތަކެއްގެ ތެރޭގައެވެ. އޭނާ ހުރިތަނުން ބަޑިއާއި، ދެ ބެކްޕެކް ދަބަހާއި، ގޯޕްރޯ ކެމެރާއެއް ވަނީ ހޯދާފައެވެ.
ޚަބަރުގެ އޯޑިއޯ

އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނީ ރަޔަން ވެސްލީ ރޫތް އަކީ ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ.

އުމުރުން 58 އަހަރުގެ ރޫތް އަކީ ނޯތު ކެރޮލައިނާގެ މީހެކެވެ. އަދި އޭނާގެ ދިރިއުޅުމުގެ ގިނަ ދުވަސްތައް ހޭދަކޮށްފައިވަނީ ވެސް އެތަނުގައެވެ. ނަމަވެސް، ފަހަކަށް އައިސް އޭނާ ދިރިއުޅެމުން އައީ ހަވާއީގައެވެ.

އޭނާއާ ބެހޭ ގޮތުން މީޑިއާގައި ހާމަކޮށްފައިވާ މައުލޫމާތުގައި ބުނަނީ، ސިޔާސީ ގޮތުން މައްސުނި ވިސްނުންތަކެއް ގެންގުޅޭ މީހެއް ކަމަށާއި، ޔުކްރެއިން-ރަޝިޔާ ހަނގުރާމާގައި ޔޫކްރެއިން ކޮޅަށް ތާއީދު ކުރާ މީހެއް ކަމަށާއި، އޭނާއަކީ ގާނޫނީ އެކި މައްސަލަތަކެއް ހުރި މީހެއް ކަމުގައެވެ.

ޓްރަމްޕް އަވަހާރަ ކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މި މީހާ އާދިއްތަ ދުވަހު ފްލޮރިޑާގައި އޮންނަ ޓްރަމްޕްގެ ގޮލްފް ކޯސް އަށް އޭކޭ 47 ބަޑިއެއް ހިފައިގެން އޭނާ ވަނީ ގޮސްފައެވެ.

އެފްބީއައި އިން ތުހުމަތު ކުރާ މި މީހާ ފިލާހުރީ ގަސްތަކެއްގެ ތެރޭގައެވެ. އޭނާ ހުރިތަނުން ބަޑިއާއި، ދެ ބެކްޕެކް ދަބަހާއި، ގޯޕްރޯ ކެމެރާއެއް ވަނީ ހޯދާފައެވެ.

ރޫތް ހުރި ތަނުގައި އޭނާ ބޭނުންކުރި ބަޑި އާއި ކިޓް ބަހައްޓާފައި ދިޔަ ކަމަށް ފުލުހުން ބުނޭ - ރޮއިޓާސް

ރޫތް އެ ސަރަހައްދުން އޭނާގެ ކާރުގައި ފިލައިގެން ދިޔަ ކަމަށް ވެއެވެ. ނަމަވެސް އޭނާ ދުއްވަމުންދިޔަ ކަޅު ނިސާން ކާރު ހުއްޓުވާ އޭނާ ވަނީ ހައްޔަރު ކޮށްފައެވެ.

ކާރު ހޯދުމަށް ކުއްލި އިންޒާރެއް އެފްބީއައި އިން ވަގުތުން ނެރުނެވެ. ދެ އޮފިސަރަކު ރޫތް ގެ ކާރު އަތުލައިގަތީ ގޮލްފް ކޯސް އިން ބަޑި ފެނުނުތާ 45 މިނެޓް ފަހުންނެވެ.

ރޫތް މިހާރު ހުރީ ހައްޔަރުކޮށް ބަންދުގައެވެ. އެހެން ނަމަވެސް އޭނާއާ ދެކޮޅަށް ރަސްމީކޮށް އެއްވެސް ދައުވާއެއް ނުއުފުލައެވެ. ޕާމް ބީޗް ކައުންޓީގެ ކޯޓަކަށް އޭނާ ހާޒިރުކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށުނު ފަހުން ޓްރަމްޕް އަވަހަރާކޮށްލަން އުޅުނު މިއީ ދެވަނަ ހާދިސާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް