މީގެ ގާތްގަނޑަކަށް 80 އަހަރު ކުރިން، އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ސިފައިންގެ ބޭސްއަކުން 'ފްލައިޓް-19'ގެ ނަމުން މަޝްހޫރުވެފައިވާ 5 މަތިންދާބޯޓު މިލިޓަރީ އާންމު ތަމްރީނު ދަތުރަކަށް ފުރިއެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް، އެ މަތިންދާބޯޓުތަކާއި އޭގެ ފަޅުވެރިންގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
މި ހާދިސާއާއެކު ދެން އުފަންވީ، ސައިންސްވެރިން ދުވަހަކުވެސް ނުދެކޭ ފަދަ އަޖައިބު ކުރަނިވި ކަމެކެވެ. އަހަރެމެން މިހާރު މިކިޔާ 'ބަރމިއުޑާ ޓްރަޔޭންގަލް' އެވެ.
ބަރމިއުޑާ ޓްރަޔޭންގަލްއަކީ އެޓްލާންޓިކް ކަނޑުގައި އޮންނަ، މަޔާމީ، ބަރމިއުޑާ އަދި ޕުއެޓޯރިކޯއިން ވަށާލެވިފައިވާ ތިންކަން މަތީ ސަރަޙައްދެކެވެ. ރަސްމީ އެއްވެސް ފަރާތަކުން މި ސަރަޙައްދުގެ ތަފާސްހިސާބު ބަލަހައްޓާފައި ނުވި ނަމަވެސް، ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި، ގިނަ އަދަދެއްގެ ކަނޑު އުޅަނދުފަހަރާއި މަތިންދާބޯޓުތައް މި އަޖައިބުކުރަނިވި ސަރަހައްދަށް އެއްވެސް ނިޝާނެއް ނެތި ގެއްލިގެން ގޮސްފައިވެއެވެ. މިއާއެކު، ތަފާތު ޢިލްމީ އަދި ޚިޔާލީ ވާހަކަތައް ތިލަވެގެން އަންނަން ފެށިއެވެ.
އިޓަލީގެ މަޝްހޫރު 'އެކްސްޕްލޯރަރ' އަދި 'ނެވިގޭޓަރ'، ކްރިސްޓޮފަރ ކޮލަމްބަސް އޭނާ މި ސަރަޙައްދުން ކުރި ދަތުރުގެ ރިޕޯޓުގައި ދިމާވި ހައިރާންކުރަނިވި ވާހަކަތަކެއް ލިޔެފައިވެއެވެ. އެއީ އޭނާ ދަތުރުކުރަމުން ދިޔަ އުޅަނދުގެ ސަމުގާއަށް ދިމާވި މައްސަލައެއްގެ ވާހަކައެވެ. ނަމަވެސް، މި ސަރަޙައްދަށް 'ބަރމިއުޑާ ޓްރަޔޭންގަލް' މި ނަން ލިބުނީ 1964 ވަނަ އަހަރުގެ އޯގަސްޓު މަހުގައެވެ. އެއީ ވިންސެންޓް ގެޑިސް 'އާގޯސީ' މަޖައްލާގައި ފްލައިޓް-19 ގެއްލުމާ ބެހޭ ގޮތުން ލިޔުނު މަޝްހޫރު މަޒުމޫނުގައި މި ނަން ބޭނުންކުރުމާ ގުޅިގެންނެވެ. މި މަޒުމޫނުގެ ސަބަބުން ބަރމިއުޑާ ޓްރަޔޭންގަލްއާ ގުޅޭ ހަޤީޤަތްތައް ހޯދުމާއި، އެކި އެކި ޚިޔާލީ ވާހަކަތައް ދެކެވެން ފެށިއެވެ. އަދި ސައެންސްވެރިން އެމީހުންގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަން ފެށިއެވެ.
ބަރމިއުޑާ ޓްރަޔެންގަލް އަށް ގެއްލުނު މީހުންނާއި އުޅަނދު ފަހަރު ގެއްލުމުގެ ފަހަތުގައި ވަނީ، ބަރމިއުޑާ ޓްރަޔެންގަލްގެ ކަނޑުގެ ސަރަހައްދުގައި ދިރިއުޅޭ ބޮޑެތި ޖަނަވާރުތަކާއި، މަސްމަހާމެހީގެ ސަބަބުންނޭ ބައެއް މީހުން ކިޔަންފެށިއެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި އޭލިއަން އުޅެނީ އޭ ވެސް ކިޔަން ފެށިއެވެ. އަދި ގޮތް ނޭނގޭ ފަރާތްތަކަކުން އުފައްދާފައިވާ ސިއްރު ތިންވަނަ ޑައިމެންޝަނެއް ވުޖޫދުގައި އޮތުމާއި، ކުއްލިއަކަށް ކަނޑުގެ އަޑީގައި ހިފެހެއްޓިފައިވާ ގިނަ އަދަދެއްގެ މީތޭން ގޭސް ބޭރުވަނީ އޭ ވެސް ބައެއް ސައެންސްވެރިން ބުނަން ފެށިއެވެ.
"އަހަރެމެންގެ ތަޖުރިބާއިން ދައްކާގޮތުގައި، ޤުދުރަތީ ބާރުތަކާއި އިންސާނުންނަށް ލަފާނުކުރެވޭ ކަންތައްތަކެއް އެއްވެ، ކޮންމެ އަހަރަކުވެސް އެތައް ފަހަރެއްގެ މަތިން ސައިންސް ފިކްޝަން ވާހަކަތަކަށްވުރެ މާ ހައިރާންކުރުވަނިވި ކަންތައްތަކެއް މި ސަރަޙައްދުގައި ހިނގާ،" އެމެރިކާގެ ކޯސްޓް ގާޑުގެ ލެފްޓިނަންޓް އޭ. އެލް. ރަސެލް، ބަރމިއުޑާ ޓްރަޔޭންގަލްއާ ގުޅޭ ގޮތުން ބުނެފައިވެއެވެ.
ބަރމިއުޑާ ޓްރަޔޭންގަލްގެ ހާދިސާ އަބަދުވެސް ގުޅޭނީ 1945 ވަނަ އަހަރުގެ ޑިސެމްބަރު 5 ވަނަ ދުވަހު ހިނގި ހިތާމަވެރި ހާދިސާއަށެވެ. ފްލައިޓް-19 ގެ ނަމުން މަޝްހޫރުވެފައިވާ މި ދަތުރު ފެށުނީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ފޯޓް ލޯޑަރޑޭލްގައި ހުންނަ ކަނޑުގެ ސިފައިންގެ ވައިގެ ބަނދަރުންނެވެ. އެ ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 2:10 ގައި، ޓީބީއެމް އެވެންޖަރ ޓޯޕީޑޯ ބޮން އަޅާ 5 މަތިންދާބޯޓު، 14 މީހުންނާއެކު، ނެވިގޭޝަން ތަމްރީނު މިޝަނެއްގައި ދަތުރު ފެށިއެވެ. އާދައިގެ ތަމްރީނު ދަތުރެއްގެ ގޮތުގައި ފެށުނު މި ދަތުރު ވެގެންދިޔައީ، ފަހުން ބަރމިއުޑާ ޓްރަޔޭންގަލްގެ އެންމެ މަޝްހޫރު ހާދިސާއަށެވެ.
އިންސްޓްރަކްޓަރ ލެފްޓިނަންޓް ޗާލްސް ޓޭލަރގެ އިރުޝާދުގެ ދަށުން ފެށުނު މި މިޝަންގެ މަޤްސަދަކީ، ހެން އެންޑް ޗިކަންސް ޝޯލްސްގެ މައްޗަށް ބޮންއެޅުމެވެ. އެޒަމާނަކީ ޖީޕީއެސް އާންމުކޮށް ބޭނުންކުރަން ނުފަށާއިރު ކަމުގައިވާތީ ލެފްޓިނަންޓް ޓޭލަރ ބޮން އެޅުމުގެ މިޝަން ނިންމުމަށްފަހު، ބޯޓުގެ މަގުގެއްލި، ހާސްކަމުގެ ތެރެއަށް ވެއްޓުނެވެ.
އެޒަމާނުގައި ޕައިލެޓުން ބަރޯސާވާން ޖެހުނީ މައިގަނޑު ގޮތެއްގައި ސަމުގާ އާއި، ދަތުރަށް ހޭދަވި ވަގުތު އަދި ދުވެލީގެ (ސްޕީޑް) މައްޗަށެވެ. މިފަދަ މައުލޫމާތުގެ އެހީގައި ދަތުރުފަތުރުކުރި ނަމަވެސް، މިހާރުގެ ޒަމާނީ ނެވިގޭޝަން ޓެކްނޮލޮޖީއާ އަޅާބަލާއިރު އޭރުގެ ދަތުރުފަތުރަކީ ގިނަ ދަތިތަކާއެކު ކުރަންޖެހުނު ކަމެއްކަން ފާހަގަކުރެވެއެވެ.
ލެފްޓިނަންޓް ޓޭލަރގެ މަތިންދާ ބޯޓުގައި ހަރުކުރެވިފައިވާ ދެ ސަމުގާ ވެސް މަސައްކަތް ނުކުރާކަން ފާހަގަކުރެވުނެވެ. އުދުހުމުގެ ތެރޭގައި ބަދަލުކުރެވުނު މުވާސަލާތީ ލިޔެކިޔުންތަކުން ދޭހަވާގޮތުގައި، ވަގުތު ބެލެހެއްޓުމަށް ބޭނުންކުރާ ގަޑިއެއް އެ ބޯޓުގައި ބޭނުންކޮށްފައެއް ނުވެއެވެ. ކަނޑުމަޑު، އާދައިގެ ދުވަހެއްގައި ފެށި މި ދަތުރު ކުއްލިއަކަށް ގަދަ ވިއްސާރަ އަށް ބަދަލުވިއެވެ. މި ބިރުވެރި ވަގުތު ބޯޓު ދިޔައީ ޕައިލެޓްގެ ކޮންޓްރޯލެއް ނެތި އެކި ކޮޅު ކޮޅަށް ދަތުރުކުރަމުންނެވެ. އެވަގުތު ލެފްޓިނަންޓް ޓޭލަރގެ ޕްލޭން އަކަށްވީ މަތިންދާބޯޓުގެ ތެލުގެ މިންވަރު 10 ގެލަނަށްވުރެ ދަށަށް ދިއުމުން، ފަސް މަތިންދާބޯޓުވެސް ކަނޑަށް ޖެއްސުމެވެ.
ފްލައިޓް-19 ގެ މި 5 'އެވެންޖަރ' ބޯޓަކީ ވަރަށް ވަރުގަދަ މަތިންދާބޯޓެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އުޅަނދު ތަކެކެވެ. ނޭވަލް ހިސްޓޮރިކަލް ސެންޓަރުގެ ނޭވަލް އޭވިއޭޝަން ހިސްޓްރީ ބްރާންޗްގެ ތާރީޚު ދިރާސާ ކުރާ އިލްމުވެރިއެއް ކަމުގައިވާ މާކް އެވަންސް ވިދާޅުވި ގޮތުގައި، ޕައިލެޓުން ބައެއް ފަހަރު މި އުޅަނދުތަކަށް "އަޔަން ބާރޑްސް" ނުވަތަ "ގްރަމަން އަޔަންވަރކްސް" އޭ ވެސް ކިޔައެވެ.
"އެ އުޅަނދުތައް ހަދާފައި ހުންނަނީ ޓޭންކުތަކެކޭ އެއްފަދައިން،" އޭނާ ވިދާޅުވިއެވެ. މާކް އެވަންސް އިތުރަށް ވިދާޅުވީ ހަނގުރާމައިގެ މައިދާނުން ވަރަށް ގިނަ ފަހަރު ވަޒަން އަރާ ހަލާކުވެފައި ވީނަމަވެސް، އަދިވެސް މަސައްކަތްކުރަމުން އަންނަ ތަން ފެންނަ ކަމަށާއި، ޕައިލެޓުން މި އުޅަނދުތަކަށް ވަރަށް ލޯބިކުރާ ކަމަށެވެ.
ބޯޓުތައް ހޯދުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރެވުނެވެ. އެއްގަމާއި ކަނޑުގެ ސަރަހައްދު އެއްކޮށް ބެލިއެވެ. މި ހިތާމަވެރި ހާދިސާ ދިމާވި ވަގުތު އަދި އިތުރު ހިތާމައަކާ ކުރިމަތި ލާން ޖެހުނީ، ބޯޓުތައް ހޯދަންދިޔަ ދިޔަ އުޅަނދުތަކުގެ ތެރެއިން އެއް ބޯޓު، އޭގައި ތިބި 13 ފަޅުވެރިންނާއެކު، ގެއްލުމުންނެވެ. އެއީ، "ފްލައިންގ ގޭސް ޓޭންކް" ނަމަކަށް ކިޔާ ޕީބީއެމް މެރިނަރ އެކެވެ. އެ ސަރަހައްދުގައި ދެން އުޅުނު ބޯޓުތަކުން މައުލޫމާތު ދިން ގޮތުގައި، އެ ބޯޓު އުދުހެމުން ދިޔަ ވަގުތާއި ތަނުގައި ވަރަށް ބޮޑު އަލިފާން ބޯޅައެއް ކަހަލަ އެއްޗެއް ތެޔޮ އެޅިފައިވާ ސަރަހައްދެއް ހުރަސްކުރި އެވެ. ނޭވީން ވަނީ މި ބާވަތުގެ އުޅަނދު އުފެއްދުން 1949 ގައި ހުއްޓާލާފައެވެ.
މި ހާދިސާ ތަހުޤީޤް ކުރުމަށް ހެދި ނޭވީގެ ފައިނަލް ރިޕޯޓުގައި، ފްލައިޓް-19 ގެއްލުނު ކަމަށް ބުނެފައިވަނީ"ޕައިލެޓަށް އެރި އޮޅުމެއްގެ ސަބަބުން" ކަމަށެވެ. ލެފްޓިނަންޓް ޓޭލަރގެ އާއިލާއިން މިކަމާ ދެކޮޅުހަދައި، އިއުތިރާޒު ކުރިއެވެ. އަދި މިކަން އެކި ފަހަރު މަތިން މުރާޖަޢާކުރުމަށްފަހު، ނިންމުން ބަދަލުކޮށް "ސަބަބު ނުވަތަ ވީގޮތް ނޭނގޭ"ކަމަށް ނިންމާފައިވެއެވެ.
ބަރމިއުޑާ ޓްރަޔޭންގަލް އަކީ ދުނިޔޭގައި އޮންނަ މިފަދަ ހަމައެކަނި ދެ ތަނުގެ ތެރެއިން އެއް ތަނެވެ. މީގެ އަނެއް ތަނަކީ ޖަޕާނުގެ އިރުމަތީ ސަރަހައްދުގައިވާ، "ޑެވިލްސް ސީ" ގެ ނަމުން މަޝްހޫރުވެފައިވާ ސަރަހައްދެވެ. މި ދެ ސަރަހައްދުގައި އަސްލު އުތުރާއި މެގްނެޓިކް އުތުރު އެއް އެއްވާތީ، ކޮމްޕަހުގެ ރީޑިންގްތަކަށް އޮޅުން އަރާގޮތް ވެއެވެ.
ބަރމިއުޑާ ޓްރަޔޭންގަލް އަކީ، ދުނިޔޭގެ އެންމެ ފުން ކަނޑުއަޑީގެ ވަޅުގަނޑުތައް ހުރި ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދު ކަމަށް ވުމުން، އުޅަނދުފަހަރުގެ ބައިތައް ކަނޑުއަޑިއަށް ފައިބައިގެން ގޮސްފައި ހުރުން އެކަށީގެންވެއެވެ. ބަރމިއުޑާ ޓްރައޔެންގަލްގެ ގިނަ ސަރަހައްދުތަކުގައި ކަނޑުއަޑީގެ ފުންމިނަކީ ގާތްގަނޑަކަށް 19,000 ފޫޓު (5,791 މީޓަރު) އެވެ. މި ސަރަހައްދުގެ ދެކުނުން އޮންނަ ޕުއެޓޯރިކޯ ޓްރެންޗްގެ އެއް ހިސާބު 27,500 ފޫޓު (8,229 މީޓަރު) އަށް ވުރެ ފުނެވެ.
ހަމައެއާއެކު، ކޮންޓިނެންޓަލް ޝެލްފްގެ އަރިމަތީގައި ނުރައްކާތެރި ފަރުތަކާއި ގިރިތައް ހުންނަކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ކޯސްޓް ގާޑުން ބުނާ ގޮތުގައި، މި ފަރުތަކުގެ މަތީގައި ހުންނަ ވަރުގަދަ ކަނޑުގެ އޮއިވަރުތަކުގެ ސަބަބުން އަބަދުވެސް އުޅަނދުފަހަރު ދަތުރުކުރުމަށް އައު ނުރައްކާތައް އުފެދެމުންދެއެވެ.
ދެން އޮތީ މި ސަރަޙައްދުގެ މޫސުމެވެ.
"އާންމު ގޮތެއްގައި އެ ސަރަހައްދުގައި ހުންނަ އެންމެ ބޮޑު މައްސަލައަކީ ހަރިކޭންތައް. ނަމަވެސް އެއީ ވަކިން ޚާއްޞަކޮށް ވަޔާ ގަދަ ވިލާތައް އުފެދޭ ސަރަހައްދެއް ނޫން،" ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ މެރިން ޕްރެޑިކްޝަން ސެންޓަރުގެ މެރިން ފޯކާސްޓް ބްރާންޗްގެ ވެރިޔާ ޑޭވް ފެއިޓް ވިދާޅުވިއެވެ.
ނަމަވެސް، ފެއިޓް ފާހަގަކުރެއްވި ގޮތުގައި، ގަލްފް ސްޓްރީމް ދަތުރުކުރަނީ ބަރމިއުޑާ ޓްރައިއެންގަލްގެ ހުޅަނގުންނެވެ. އަދި މިއީ މި ސަރަޙައްދުން ދަތުރުކުރާ އުޅަނދުތައް ގެއްލުމަށް މަގުފަހިވެދާނެ ކަމެއް ކަމަށް އޭނާ ބުނެއެވެ. ގަލްފް ސްޓްރީމަކީ، ކަނޑުގެ ތެރޭގައި ހިނގާ 40 ނުވަތަ 50 މޭލު (64 ނުވަތަ 80 ކިލޯމީޓަރު) ފުޅާ ކަނޑުގެ ކޯރެއް ފަދަ ފެންގަނޑެކެވެ. މިއީ އުތުރު އެޓްލާންޓިކް ކަނޑުގައި ދައުރުވާ ފެންގަނޑެކެވެ. ހޫނު ފެނާއި، ގަޑިއިރަކު 2 ނުވަތަ 4 ނޯޓުގެ ބާރުމިނުގައި ދައުރުވާ އޮއިވަރުތަކުގެ ސަބަބުން، މި ސަރަހައްދުގެ ތެރޭގައި ވަކި ގޮތަކަށް ދެމިގެންދާ މޫސުމުގެ ވައްޓަފާޅިތަކެއް އުފެދިދާނެ ކަމަށް ފެއިޓް ބުނެއެވެ.
ކޯސްޓް ގާޑުން ފާހަގަކޮށްފައިވާ ގޮތުގައި، ކެރިބިއަން-އެޓްލާންޓިކް ސަރަހައްދުގައި ކުއްލިއަކަށް އުފެދޭ ވިލާތަކުގެ ސަބަބުން ކަނޑުމަތީގައި ވައިގަދަވެ، ފެންއުފުލޭ ހާލަތްތައް (ވޯޓަރސްޕައުޓްސް) މެދުވެރިވެއެވެ. މިފަދަ ހާލަތްތަކުގެ ސަބަބުން ގިނަ ފަހަރަށް ޕައިލެޓުންނާއި ކަނޑުދަތުރުވެރިންނަށް ނުރައްކާތެރި ހާދިސާތައް ދިމާވެއެވެ.
2023 ވަނަ އަހަރު، އޮސްޓްރޭލިއާގެ ސައިންޓިސްޓް އަދި މުޞައްނިފު ޑރ. ކާލް ކްރުޝެލްނިކީ ވިދާޅުވެފައިވަނީ، ފަހަރެއްގައި ބާމިއުޑަރ ޓްރަޔޭންގަލްގެ ހާދިސާތައް އަހަރެމެން ހީކުރާހާ ސިއްރުވެރި ނުވެދާނެއެވެ.
"ރަނގަޅު، ހަޤީޤަތްތަކަށް ބަލާއިރު، މި މަޢުލޫމާތުތައް އަންނަނީ ޔުނައިޓެޑް ސްޓޭޓްސް ކޯސްޓް ގާޑުންނާއި، ބޮޑު އިންޝުއަރެންސް ކުންފުންޏެއް ކަމަށްވާ ލޮއިޑްސް އޮފް ލަންޑަނުން. މި ދެ ފަރާތުންވެސް ދެކޭގޮތުގައި އެ ސަރަހައްދުގައި އިތުރަށް ގެއްލޭ އުޅަނދުފަހަރެއް ނުވަތަ މަތިންދާބޯޓުތަކެއް ނެތް،" ފޮކްސް ވެދަރގެ މޫސުމާބެހޭ މާހިރު އޭމީ ފްރީޒްއަށް މައުލޫމާތު ދެއްވަމުން ޑރ. ކާލް ވިދާޅުވިއެވެ.
ޑރ ކާލް އިތުރަށް ވިދާޅުވި ގޮތުގައި، އިންސައްތައިގެ ގޮތުން ބަލާއިރު، މި ސަރަހައްދުގައި ގެއްލޭ އުޅަނދުފަހަރާއި މަތިންދާބޯޓުތަކުގެ އަދަދު، ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ގެއްލޭ އުޅަނދުފަހަރާއި މަތިންދާބޯޓުތަކުގެ އަދަދާ އެއްވަރެވެ.
"ބައެއް އަހަރުތަކުގައި ތަންކޮޅެއް ގިނަ، އަނެއްބައި އަހަރުތަކުގައި ތަންކޮޅެއް މަދު، އެކަމަކު އެވްރެޖްކޮށް ބަލާއިރު އެއްވަރު،"ޑރ ކާލް ވިދާޅުވިއެވެ.
ޑރ ކާލް ވިދާޅުވި ގޮތުގައި، ފްލައިޓް 19 ފުރިއިރު ދެވަނަ ބޮޑު ހަނގުރާމަ ނިމިފައިވާތީ، އެ ދުވަސްވަރަކީ އެމެރިކާގެ ނޭވީން އެމީހުންގެ ވައިގެ އުޅަނދު ދުއްވާ މީހުންނަށް އައު ހުނަރެއް ދަސްކޮށްދެމުންދިޔަ ދުވަސްވަރެކެވެ. "އެމީހުންގެ އިސްމީހާއަކީ ލެފްޓިނަންޓް ޗާލްސް ޓެއިލަރ އެވެ. އޭނާއަކީ ވަރަށް ފެންވަރުދަށް ނެވިގޭޓަރެއް. ދެ ފަހަރެއްގެ މަތިން ކަނޑުމަތީގައި މަގު އޮޅިފައިވާ މީހެއް،"ޑރ ކާލް ވިދާޅުވިއެވެ. ޑރ ކާލް އިތުރަށް ވިދާޅުވި ގޮތުގައި، ޓޭލަރ އޭނާގެ ޝިފްޓް ބަދަލުކޮށްދޭނެ މީހަކު ހޯދަން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބު ނުވިއެވެ. އަދި އޭނާ ދަތުރު ކުރީ ވަގުތު ބަލާ ގަޑިއެއް ނުލައެވެ. އަދި މިއީ ވަރަށް 'އަންޕްރޮފެޝަނަލް' ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
"ކަނޑަށް ނުކުތުމަށްފަހު، އޭނާ ތަމްރީނު ދަތުރުގައި ކަނޑުމަތީގައި މަގު އޮޅުމުން ޢަމަލުކުރަންޖެހޭ އާންމު އުސޫލުތަކާ އެއްގޮތަށް ޢަމަލެއް ނުކުރޭ. އަދި ހުޅަނގަށް އެނބުރި ދިއުމުގެ ބަދަލުގައި، އޭނާ އިރުމައްޗަށް ދަތުރުކުރަމުން ދިޔައީ. އެޓްލާންޓިކް ކަނޑުގެ ފުނަށް ގޮސް، ތެޔޮ ހުސްވެ، ގެއްލުނީ،"ޑރ ކާލް އިތުރަށް ވިދާޅުވިއެވެ.
ޑރ ކާލް ވިދާޅުވާ ގޮތުގައި، ކަނޑުގެ ބޮޑުމިނާއި ފުންމިނަކީ ބަރމިއުޑާ ޓްރަޔެންގަލްގެ ހާދިސާތައް އިތުރަށް ހިނގުމަށް މަގުފަހިކޮށްދޭ ކަމެކެވެ. "ވަރަށް ގިނަ އަދަދެއްގެ ވިލާތައް އުފެދުމުގެ އިތުރުން، އަނެއް ޙަޤީޤަތަކީ ކަނޑުގެ ފުންމިނަކީ 5,000 ފޫޓު ނޫންކަން. އެއީ 30,000 ފޫޓު. އެއްޗެއް އެހާ ފުންމިނަށް ދިޔައީމާ، އަނބުރާ މައްޗަކަށް ނާރާނެ،"ޑރ ކާލް ވިދާޅުވިއެވެ.
ޑރ ކާލް ވިދާޅުވި ގޮތުގައި، އޮސްޓްރޭލިއާގެ ސީއެސްއައިއާރްއޯ (ކޮމަންވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސަރޗް އޯގަނައިޒޭޝަން) އިން ހެދި ދިރާސާތަކުން ދައްކާގޮތުގައި، މޮޑެލް ބޯޓުތަކުގައި އެކަށީގެންވާ ވަރަށް ފެންބޮކިތައް މައްޗަށް އަރާ ނަމަ، ފެނުގެ ޑެންސިޓީ ދަށްވެއެވެ. އެހެންކަމުން، ޑރ ކާލް ވިދާޅުވި ގޮތުގައި، ބައެއް އުޅަނދުފަހަރު ގެއްލުމުގައި މިފަދަ ދައުރެއް އަދާކުރުމުގެ ފުރުޞަތެއް އޮތް ނަމަވެސް، އެއީ ވުން "ވަރަށް ދުރު" ކަމެކެވެ.