ކ. މާލެ
|
15 ސެޕްޓެންބަރ 2024 | އާދީއްތަ 08:18
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޕެޑްރީ
ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޕެޑްރީ
ރޮއިޓާސް
ބާސެލޯނާ
ޕެޑްރީގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ބާސެލޯނާ އިން ފަށައިފި
އެކަމާ ގުޅުން ހުރި މަޝްވަރާތައް ފެށިގެން ކުރިއަށްދާ ކަމަށާއި، ދެ ފަރާތުގެ ދެ މެދުގައި ވާހަކަ ދެކެވެމުން އަންނަ ކަމަށް ޑެކޯ ވިދާޅުވި އެވެ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ޕެޑްރީގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް އެ ކުލަބުން ފަށައިފި އެވެ.

އުމުރުން 21 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އެންމެ ފުރަތަމަ ޕެޑްރީ ސޮއި ކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ޕެޑްރީ ވަނީ ބާސެލޯނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެންމެ ފަހުން އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް، އެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ ބާސެލޯނާ އިން ވަނީ ޕެޑްރީގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަން އެ ކުލަބުގެ ޑައިރެކްޓަރު ޑެކޯ ވަނީ ޔަޤީން ކޮށްދެއްވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޑެކޯ ވިދާޅުވީ، ޕެޑްރީގެ އެއްބަސްވުން އައު ކުރުމުގެ މަސައްކަތް ބާސެލޯނާ އިން ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް ފެށިގެން ކުރިއަށްދާ ކަމަށާއި، ދެ ފަރާތުގެ ދެ މެދުގައި ވާހަކަ ދެކެވެމުން އަންނަ ކަމަށް ޑެކޯ ވިދާޅުވި އެވެ. ނަމަވެސް، އެކަމުގެ މާބޮޑު ތަފުސީލެއް ޑެކޯ ނުދެއްވަ އެވެ.

ބާސެލޯނާ އަށް ބަދަލުވެ، މިހާރު އެ ކުލަބާ އެކު ޕެޑްރީ ހޭދަކުރަމުން ދަނީ އޭނާގެ ފަސް ވަނަ ސީޒަނެވެ. ޕެޑްރީ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 147 މެޗުގައި 21 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ސްޕެނިޝް ލީގުގެ އިތުރުން، ކޮޕާ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. ޕެޑްރީ އަންނަނީ 2021 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 26 މެޗުން އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ސްޕެއިން އާއެކު ޕެޑްރީ ވަނީ މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް