ސައުދީ ޕްރޯ ލީގުގައި އަލް އަހްލީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު އެއްވަރުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އަލް ނަސްރުން ކުޅުނު މެޗުގެ ކުރިން ވަނީ، އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ 901 ލަނޑު ޖަހާފައިވާތީ، އެކަމުގެ ކާމިޔާބީ ފާހަގަ ކޮށްފަ އެވެ. އެ މެޗުން އަލް ނަސްރު އެއްވަރުވީ 1-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް އަލް އަހްލީ ސައުދީންނެވެ. މެޗުން އަލް ނަސްރު ބަލިވާން ދަނިކޮށް، އެ ޓީމު ސަލާމަތްވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ބާރަ ވަނަ މިނެޓުގައި އަލް އަހްލީ ސައުދީ އަށް ލީޑު ނަގައިދިނީ ފްރޭންކް ކެސިއޭ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އަލް ނަސްރުން މަސައްކަތް ކުރަމުން ދަނިކޮށް، އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަވީ އަލް އަހްލީ ސައުދީގެ ކުޅުންތެރިޔެއްގެ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އަލް އަހްލީ ސައުދީގެ ބައްސާމް މުޙައްމަދު އަތުން ވަނީ ބައި ކޮޅަށް ލަނޑެއް ވަދެފަ އެވެ.
އައު ސީޒަންގެ ސައުދީ ލީގުގައި އަލް ނަސްރުން މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. އެއް މެޗުން މޮޅުވެފައިވާއިރު ފަސް ޕޮއިންޓާ އެކު އެ ޓީމު އޮތީ ހަ ވަނައިގަ އެވެ.