ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 13:04
އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ
އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ
ގޯލް.ކޮމް
އެމެރިކާ ޤައުމީ ޓީމު
އެމެރިކާ ޤައުމީ ޓީމުގެ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖައްސައިފި
އެ ޓީމާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އެމެރިކާ ޤައުމީ ޓީމުގެ ކޯޗަކަށް އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ހަމަޖައްސައިފި އެވެ.

އެމެރިކާ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ގްރެގް ބާހޯލްޓާ މަގާމުން ވަކި ކުރުމުންނެވެ. ކޯޗުކަމުގެ މަގާމުން ބާހޯލްޓާ ވަކި ކޮށްފައި ވަނީ، މިއަހަރު އެ ޤައުމުގައި ބޭއްވި ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގައި އެ ޓީމަށް ކުރިމަތިވި ދަށް ނަތީޖާގެ ސަބަބުންނެވެ.

އޭގެ ފަހުން އެމެރިކާ އިން ވަނީ އެ ޤައުމުގެ ޤައުމީ ޓީމުގެ ކޯޗަކަށް އުުމުރުން 52 އަހަރުގެ ޕޮޗެޓީނޯ ހަމަޖައްސަން މަސައްކަތް ފަށައި، އެ މަސައްކަތް ކާމިޔާބު ކޮށްފަ އެވެ. ޕޮޗެޓީނޯ މިހާރު ވަނީ އެމެރިކާ ޤައުމީ ޓީމުގެ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. އެ ޓީމާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން، 2026 ވަނަ އަހަރު އެމެރިކާ ގައި އޮންނަ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް އޭނާ އެ ޓީމަށް އިރުޝާދު ދޭނެ އެވެ.

އެމެރިކާ ޤައުމީ ޓީމުގެ ކޯޗަކަށް ޕޮޗެޓީނޯ ހަމަޖައްސައި، އޭނާއާ ހަވާލުކުރި އެންމެ ބޮޑު މަސައްކަތަކީ ވެސް، މީގެ ދެ އަހަރު ފަހުން އަމިއްލަ ޤައުމުގައި އޮންނަ ވޯލްޑް ކަޕަށް އެމެރިކާ ތައްޔާރު ކުރުމެވެ. އަދި އެ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ވެސް އޭނާއާ ވަނީ ހަވާލު ކޮށްފަ އެވެ.

އެމެރިކާއާ ހަވާލުވުމުގެ ކުރިން އެންމެ ފަހުން ޕޮޗެޓީނޯ ހުރީ، ޗެލްސީގެ ކޯޗުކަމުގެ މަގާމުގަ އެވެ. ނަމަވެސް އޭނާގެ އިރުޝާދުގެ ދަށުން ޗެލްސީގެ ނަތީޖާތައް ދަށްވާތީ، ޕޮޗެޓީނޯ ވަނީ ކޯޗުކަމުގެ މަގާމުން ވަކިވާން ނިންމައިފަ އެވެ. ސްޕެއިންގެ އެސްޕަންޔޯލް އިން 2009 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޕޮޗެޓީނޯ ވަނީ، ސައުތުހެމްޓަން، ޓޮޓެންހަމް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ޗެލްސީ އަށް އިރުޝާދު ދީފަ އެވެ.

- ކޮމެންޓް