ކ. މާލެ
|
4 ސެޕްޓެންބަރ 2024 | ބުދަ 03:12
އެމެރިކާ ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ މައުރީސިއޯ ޕޮޗެޓީނޯ
އެމެރިކާ ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ މައުރީސިއޯ ޕޮޗެޓީނޯ
ރޮއިޓާސް
އެމެރިކާ ޤައުމީ ޓީމު
ޕޮޗެޓީނޯގެ އެމެރިކާ އެއްބަސްވުން އޮތީ ތައްޔާރަށް
އެމެރިކާ އާއެކު ޕޮޗެޓީނޯ އަނގަބަހުން އެއްބަސްވެފައިވާއިރު، އެކަމާ ގުޅުން ހުރި ލިޔެ ކިޔުންތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެމެރިކާ އިން ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާ ޤައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯގެ އެއްބަސްވުން އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެމެރިކާ ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި ގްރެގް ބާހޯލްޓާ މަގާމުން ވަކި ކުރުމުންނެވެ. ކޯޗުކަމުގެ މަގާމުން ބާހޯލްޓާ ވަކި ކޮށްފައި ވަނީ، މިއަހަރު އެ ޤައުމުގައި ބޭއްވި ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ)ގައި އެ ޓީމަށް ކުރިމަތިވި ދަށް ނަތީޖާގެ ސަބަބުންނެވެ.

އޭގެ ފަހުން އެމެރިކާ އިން ވަނީ އެ ޤައުމުގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް، އުމުރުން 52 އަހަރުގެ ޕޮޗެޓީނޯ ހަމަޖެއްސުމުގެ މަސައްކަތް ކޮށްފަ އެވެ. އެކަމާ ގުޅުން ހުރި މަޝްވަރާތައް ކޮށްފައިވާއިރު، ޕޮޗެޓީނޯ ވަނީ އެމެރިކާ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން މީގެ ދުވަސްތަކެއް ކުރިން އެއްބަސްވެފަ އެވެ. އެމެރިކާ އާއެކު ޕޮޗެޓީނޯ އަނގަބަހުން އެއްބަސްވެފައިވާއިރު، އެކަމާ ގުޅުން ހުރި ލިޔެ ކިޔުންތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެމެރިކާ އިން ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ބައެއް ކަންތައްތަކުގައި މައްސަލަތަކެއް ދިމާވި ނަމަވެސް، އެކަންކަން ޙައްލުކޮށް މިހާރު އެއްބަސްވުން އޮތީ ތައްޔާރަށް ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން އެއްބަސްވެފައިވާ ގޮތުގެ މަތިން ކަންކަން ކުރިއަށް ގޮސްފި ނަމަ، އެމެރިކާގެ އެއްބަސްވުމުގައި ރަަސްމީކޮށް މި ހަފުތާގެ ތެރޭގައި ޕޮޗެޓީނޯ ސޮއި ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ސްޕެއިންގެ އެސްޕަންޔޯލް އިން 2009 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޕޮޗެޓީނޯ ވަނީ، ސައުތުހެމްޓަން، ޓޮޓެންހަމް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ޗެލްސީ އަށް އިރުޝާދު ދީފަ އެވެ.

- ކޮމެންޓް