ކ. މާލެ
|
12 ސެޕްޓެންބަރ 2024 | ބުރާސްފަތި 13:01
ޗެމްޕިއަންކަން ހޯދި ކިރްގިސްތާނަށް ޗެމްޕިއަން ތަށި ހަވާލު ކުރަނީ
ޗެމްޕިއަންކަން ހޯދި ކިރްގިސްތާނަށް ޗެމްޕިއަން ތަށި ހަވާލު ކުރަނީ
ރައީސް އޮފީސް
ކާވާ ވިމަންސް ޗެލެންޖު
ރާއްޖެ ބަލިކޮށް، ކިރްގިސްތާނުން ޗެމްޕިއަންކަން ހޯދައިފި
މުބާރާތުގެ ދެ ވަނަ ރާއްޖެ އަށް ލިބުނުއިރު، މިއީ އަންހެން ވޮލީގެ ފައިނަލްގައި ރާއްޖެ އިން ކުޅުނު ތިން ވަނަ ފަހަރެވެ.

ރާއްޖޭގައި ކުރިއަށް ދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީ ބޯޅަ ޗެލެންޖު ކަޕްގެ ފައިނަލްގައި ދިވެހި ރާއްޖެ ބަލިކޮށް، ކިރްގިސްތާނުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ކިރްގިސްތާނުން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ. މުބާރާތުގެ ލީގު ބުރުގައި ރާއްޖެ އިން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުން ސީދާ ތިން ސެޓުން ބަލިވި ނަަމަވެސް، އުންމީދީ ކުޅުމެއް ފެނުނެ އެވެ. ދިވެހި ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ވެސް ރާއްޖެ އިން ވަނީ ހިތްވަރުގަދަ، މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗުގެ ފުރަތަމަ ސެޓު ކިރްގިސްތާނުން ކާމިޔާބު ކުރީ 25-17 އިންނެވެ. ނަމަވެސް ރާއްޖެ އިން ވަނީ ޖެހިގެން ކުޅުނު ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ފަހު ވަގުތުގައި ރަނގަޅު ކުޅުމެއް ދައްކައި ރާއްޖެ އިން ދެ ވަނަ ސެޓު ކާމިޔާބު ކުރީ 24-26 އިންނެވެ. ޖެހިގެން ކުޅުނު ތިން ވަނަ ސެޓު ކިރްގިސްތާނުން ކާމިޔާބު ކުރީ 25--18 އިންނެވެ. ހަތަރު ވަނަ ސެޓަށް ނިކުމެ އަނެއްކާ ވެސް ރާއްޖެ އިން ހިތްވަރުކޮށް، އެ ސެޓު ކާމިޔާބު ކުރީ 22-25 އިންނެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ކިރްގިސްތާނުން ކާމިޔާބު ކުރީ 15-09 އިންނެވެ.

މުބާރާތުގެ ދެ ވަނަ ރާއްޖެ އަށް ލިބުނުއިރު، މިއީ އަންހެން ވޮލީގެ ފައިނަލްގައި ރާއްޖެ އިން ކުޅުނު ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރާއްޖެ އިން ވަނީ 2019 ވަނަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ. އެއަށްފަހު މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ފޯ ނޭޝަންސް އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލްގައި ވެސް ޤައުމީ އަންހެން ޓީމު ވަނީ ކުޅެފަ އެވެ. އެ ފައިނަލުން ވެސް ރާއްޖެ ބަލިވީއިރު، ޤައުމީ އަންހެން ޓީމުން އެ ފަހަރު ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް