Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 14:54
މިހާތަނަށް ތަހުގީގާއި ގުޅިގެން ކުރި އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވޭ
މިހާތަނަށް ތަހުގީގާއި ގުޅިގެން ކުރި އެއްވެސް ކަމެއް ހާމަކޮށްފައެއް ނުވޭ
ރާއްޖެއެމްވީ
މާލީ ބަޣާވާތް
މާލީ ބަޣާވާތް: ތަހުގީގު ވަޅުޖެހި ތުހުމަތު ޗޮކުން ހިނގައްޖެ
މިހާތަނަށް އެއްވެސް މީހަކާއި ސުވާލުކޮށްފައި ނުވޭ

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުއިއްޒު ވިދާޅުވި މާލީ ބަޣާވާތުގެ ތަހުގީގު ފެށުން ފިޔަވައި އެކަމާއި ގުޅޭގޮތުން ހާމަކުރާނެ އިތުރު ތަފްސީލެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބަލާ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

Advertisement

ނަމަވެސް މިހާތަނަށް އައި އިރުވެސް މި މައްސަލައާއި ގުޅިގެން އެއްވެސް ފަރާތަކާއި ސުވާލުކޮށްފައި ނުވެއެވެ. އަދި ތަހުގީގު ކުރިއަށްދާކަމަށް ފުލުހުން ބުނެފައިވީނަމަވެސް، މިހާތަނަށް ތަހުގީގާއި ގުޅިގެން ކުރި އެއްވެސް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖެއެމްވީއަށް ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތަހުގީގު ކުރިއަށްދާ ކަމަށާއި، އެކަމާއި ގުޅޭގޮތުން އޮގަސްޓް 29 ވަނަ ދުވަހު ހޯމް މިނިސްޓަރު އަލީ އިހުސާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި މައުލޫމާތުގެ އިތުރުން އިތުރު އެއްވެސް އަޕްޑޭޓެއް ނެތް ކަމަށެވެ.

ފުލުހުންގެ އިދާރާ އިން އޮގަސްޓް 26 ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާ އާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ، ހަމަ އެ ވަގުތު ސޯޝަލް މީޑިއާ ގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުން ކޮށްގެން ސަރުކާރު ވައްޓާލަން މަގުމައްޗަށް މަގުތަކަށް ނުކުތުމަށް ހިތްވަރު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނަނީ އާންމު ހަމަ ޖެހުން ނަގާލުމަށް ގޮވާލައި، ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީ ކޮށް ބަދަލު ކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ރުފިޔާ ކާޑަށް ޑޮލަރު ނުލިބޭ ގޮތައް ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމާ ގުޅިގެން އެއީ މާލީ ބަޤާވާތެއް ކަމަށް ބަލާ ތަހުގީގެއް ފެށިޔަސް އެއްވެސް ބަޔަކު ހާސްވާން ނުޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން ބީއެމްއެލް އިން އެ ނިންމުން ނިންމީ ކުއްލިއަކަށް ސުވާލު އުފެދޭ ގޮތަށް ކަމަށް އިހުސާން ވިދާޅުވިއެވެ. ކޮންއިރަކުތޯ އަދިއްތަ ދުވަހެއްގެ ހެނދުނު ސިޔާސީ ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ އިހުސާން ސުވާލުކުރެއްވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ބަދަލު ގެނެސްފައިވަނީ އޮގަސްޓް 25 ވަނަ ދުވަހުއެވެ. މިއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަންމަތީ ސިޔާސީ ޖަލްސާއެއްގައި ރުފިޔާ ކާޑުން ޑޮލަރު ނުލިބޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހެދުމާ ގުޅިގެން ސީދާ ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ވިދާޅުވެފައެވެ.

މިހާތަނަށް މި މައްސަލައާއި ގުޅިގެން ނަގާފައިވަނީ ބީއެމްއެލްގެ ބަޔާނެއް އެކަންޏެވެ.

ސަރުކާރުގެ އެންމެ އިސްވެރިންގެ ތުހުމަތުތަކާއެކު ބޭންކް އޮފް މޯލްޑިވްސްގެ އިތުބާރު ވެއްޓި، ބޭންކުގެ ސީއީއޯ އިސްތިއުފާ ދިނުން ނޫން ކަމެއް މިކަމަކުން ނުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް