Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2024 | ބުރާސްފަތި 17:48
ކުރީގެ ރައީސް މައުމޫން(ކ)، މެޑަމް ސާޖިދާ، ޝެއިޚް ޒައިދު، ޑރ އިޔާޒް(ލ)
ކުރީގެ ރައީސް މައުމޫން(ކ)، މެޑަމް ސާޖިދާ، ޝެއިޚް ޒައިދު، ޑރ އިޔާޒް(ލ)
ރާއްޖެއެމްވީ
މެޑަމް ސާޖިދާ ބައެއް ފިރިހެނުންނާ ސަލާން ނުކުރުން
ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ އާ ބައެއް ފިރިހެނުން ސަލާން ނުކުރި މައްސަލަ މައުމޫން ނެންގެވުމުން ބަހުސަކަށް!
އުއްމަތުގެ ޢިލްމުވެރިން ވިދާޅުވަނީ ހިލޭ ފިރިހެނުންނާ އަންހެނުން އަތްޖޯޑުކޮށްގެން ސަލާމްކުރުން ޙަރާމްކަމުގަ – ޝެއިޚް ޒައިދު
މެޑަމް ސާޖިދާ "ޚާއްޞަކޮށް ޗައިނާގެ ބޭފުޅުންނާ" ސަލާން ކުރައްވާ، މައްސަލަ އަކީ އެއްގޮތަކަށް ކަންނުކުރެއްވުން -ޑރ. އިޔާޒް

ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ އަނބިކަނބަލުންނާ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާއަށް ވަޑައިގެންނެވި ބައެއް ފިރިހެން ބޭފުޅުން ސަލާމް ނުކުރެއްވި ކަން ރައީސް މައުމޫން އަބްދުލް ގައްޔޫމެ ފާހަގަ ކުރައްވާ އެވާހަކަ "އެކްސް" ގައި ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ގައުމީ ދުވަސް ފަހާގަ ކުރި މިދިޔަ ބުދަ ދުވަހު ރައީސް މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "..ވަރަށް ގިނަ ފިރިހެން ބޭފުޅުން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ ސަލާމް ނުކުރެއްވިތަން ފެނުމުން ވަރަށް ދެރަވި." ޒަމަށެވެ.

ރައީސް މައުމޫނުގެ މި ވާހަކަފުޅަށް ރައްދު ދެއްވަމުން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ (އެމްއެންޔޫ)ގެ ލެކްޗަރަރ ކަން ކުރައްވާ ޝެއިޚް އަލީ ޒައިދު ދެއްކެވީ، އަންސާރިއްޔަ ކަނބަލުން ބައިއަތު ހިއްޕެވުމަށް ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގަތް އިރު ކަން ހިނގި ގޮތެވެ.

ޒައިދު ކުރެއްވި ޕޯސްޓް ގައި ވިދާޅުވީ، ކީރިތި ރަސޫލާ އަންސާރިއްޔަ ކަނބަލުންނާ ބައިއަތު ހިއްޕެވީ އަނގަބަހުން ކަމަށާއި އަތާ އަތްޖޯޑުކޮށްގެން ނޫން ކަމުގައެވެ.

"ދީނުގެ އެތަކެއް ދަލީލުގެ އަލީގައި އުއްމަތުގެ ޢިލްމުވެރިން ވިދާޅުވަނީ ހިލޭ ފިރިހެނުންނާ އަންހެނުން އަތްޖޯޑުކޮށްގެން ސަލާމްކުރުން ޙަރާމްކަމުގަ،" މަދީނާ އިން ކިޔަވާވިދާޅުވި ޝޭޚް ވިދާޅުވިއެވެ.

Advertisement

ޝެއިޚް ޒައިދު ވިދާޅުވި ބަސްފުޅުތަކަކީ ހަމަ ރަނގަޅު ވާހަކަތަކެއް، ކަމަށާއި "އެކަމަކު މައްސަލައަކީ ފަސްޓްލޭޑީ ސާޖިދާގެ އުޞޫލުތައް ދުވަސްވަރަކާ ގުޅިގެން ބަދަލުވަމުންދާ ކަހަލަ ގޮތަކަށް ފެންނަން ހުރުން،" ކަމަށް މި މައުޟޫއުގެ ތެރެއަށް ވެންނެވި އެމްއެންޔޫގެ އެސިސްޓެންޓް ޕްރޮފެސަރ ކަން ކުރެއްވި ޑރ. މުހައްމަދު އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް ފާހަގަ ކުރެއްވި ގޮތުގައި މެޑަމް ސާޖިދާ ބައެއް ފަހަރު ފިރިހެނުންނާ ސަލާން ކުރައްވާ ކަމަށާއި، "ޚާއްޞަކޮށް ޗައިނާގެ ބޭފުޅުންނާ" ސަލާން ކުރައްވާ ކަމަށެވެ. އަނެއްބައި ފަހަރު ހިނިތުންވެލާފައި ސަލާން ނުކުރައްވާ ދޫކޮށްލައްވަނީ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.

"މިކަން އެއް އުޞޫލަކުން ގެންދަވާ ނަމަ، ކުރީގެ ރައީސް މައުމޫން އެ ވިދާޅުވި ވާހަކަފުޅު ވިދާޅުވާކަށް ނުޖެހުނީސް،" ޑރ. އިޔާޒް ފާހަގަ ކުރެއްވިއެވެ.

ޑރ. އިޔާޒް ވިދާޅުވީ، ޑރ. މުޢިއްޒަށް ޝޭޚް ޒައިދު ތާއީދުކުރެއްވީ މުއިއްޒުގެ "ދީންވެރިކަމަށް" ޓަކައި ކަމަށް ވާތީ، ހުރިހާ ކަމެއްގައި އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރައްވަން މުއިއްޒަށް ނަސޭހަތްތެރިވުމަށް ޒައިދަށް ދަންނަވާ ކަމަށެވެ. އަދި މީހުންނާ ޖަދަލުކުރެއްވުމުން ދުރުހެލިވެވަޑައިގަންނަވާ، އަދި އެ މަނިކުފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް ހަމައެކަނި ﷲ އަށްޓަކައި ހެއްދެމަށް ދެންނެވުމަށެވެ.

މި ބޭފުޅުންގެ މި "ބަހުސްގައި" ވަރަށް ގިނަ އާންމުންވެސް ވަނީ ކޮމެންޓް ކޮށް ބައިވެރިވެފައެވެ.

Advertisement

Advertisement
- ކޮމެންޓް