ކ. މާލެ
|
3 ނޮވެންބަރ 2025 | ހޯމަ 11:50
ނޮވެމްބަރު ތިނެއްގެ ޚާއްސަ ޝަރަފުގެ އައްޑަނަ ރައީސް މައުމޫން އަށް އަރުވަނީ
ނޮވެމްބަރު ތިނެއްގެ ޚާއްސަ ޝަރަފުގެ އައްޑަނަ ރައީސް މައުމޫން އަށް އަރުވަނީ
ރައީސް އޮފީސް
ނަޞްރުގެ ދުވަސް
ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ރައީސް މައުމޫން އަށް އަރުވައިފި
ރައީސް މައުމޫން އަށް އެ އައްޑަން އެރުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
މި އައްޑަނަ ފަރުމާ ކޮށްފައި ވަނީ ބްރިގޭޑިއާ ޖެނަރަލް ރިޓަޔާޑް ޢަބްދުލް މަތީން އަޙުމަދު
މިއީ ނޮވެމްބަރު ތިނެއްގައި ރައީސް މައުމޫން ދެއްކެވި ހިތްވަރާއި، ސާބިތުކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެރުވި އައްޑަނަ އެއް

ނޮވެމްބަރު ތިނެއްގެ ޝަރަފުގެ ޚައްސަ އައްޑަނަ، ކުރީގެ ރައީސް އަލްއުސްތާޛް މައުމޫނު ޢަބްދުލްގައްޔޫމް އަށް އަރުވައިފި އެވެ.

ރައީސް މައުމޫން އަށް މި އައްޑަން އެރުވީ، ނޮވެމްބަރު ތިން ވަނަ ދުވަހު ފާހަގަ ކުރަމުން އަންނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ހޯމަ ދުވަހުގެ ހެނދުނު އޮތް ޚާއްސަ ޖަލްސާގަ އެވެ. އެ ޖަލްސާގައި ރައީސް މައުމޫން އަށް އެ އައްޑަން އެރުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ.

މިއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ބޭރުގެ ކުލީ ސިފައިންގެ ބަޔަކު ރާއްޖެ އަށް ދިން ނުރައްކާތެރި ބިރުވެރި އުދުވާނީ ހަމަލާއާ ގުޅިގެން، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގާލައި، ރާއްޖެ ހިފުމަށް ކުރި މަސައްކަތްތައް ނާކާމިޔާބު ކޮށްލުމުގައި ރައީސް މުއުމޫން ޙިކުމަތްތެރިކަމާާއި ވިސްނުންތެރިކަމާ އެކު އެޅުއްވި މުހިންމު ޚަރުދަނާ ފިޔަވަޅުތަކާއި، އަދި އެމަނިކުފާނު ކުރެއްވި ތައުރީފު ޙައްޤު މަސައްކަތްޕުޅު ތަކުގެ އަގު ދިވެހި ދައުލަތުން ވަޒަން ކުރެއްވުމުގެ ގޮތުން އެމަނިކުފާނަށް އެރުއްވި އައްޑަނަ އެކެވެ.

މި ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ އައްޑަނައާ ހަވާލުވެ ވަޑައިގެންފަ އެވެ. މި އައްޑަނަ ފަރުމާ ކޮށްފައި ވަނީ ސިފައިންގެ ގޭގައި ގިނަ ދުވަސް ތަކެއް ވަންދެން މަަަސައްކަތް ކުރެއްވުމަށް ފަހު ރިޓަޔާ ކުރައްވާފައި ހުންނެވި ބްރިގޭޑިއާ ޖެނަރަލް ރިޓަޔާޑް ޢަބްދުލް މަތީން އަޙުމަދު އެވެ. މިހާރު އެބޭފުޅާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިސައިން އެންޑް ކޮންސަލްޓަންޓްގެ މަގާމުގަ އެވެ.

މިދިޔަ އަހަރު އޮތް ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މައުމޫން ވަނީ ވާހަކަފުޅު ވެސް ދައްކަވައިފަ އެވެ. ނޮވެމްބަރު ތިނެއްގެ ހާދިސާ ހިނގިތާ 37 އަަހަރު ފަހުން ރައީސް މައުމޫންގެ އަގު ހުރި މަސައްކަތްޕުޅު ވަޒަންކޮށް، ދިވެހި ދައުލަތުން ޚާއްސަ އައްޑަނައެއް އެރުވުމަކީ، އެމަނިކުފާނުގެ ޚިދުމަތް ޤައުމީ ފެންވަރެއްގައި ވަޒަން ކުރާ ކަމުގެ އަލި ގަދަ ހެއްކެކެވެ.

- ކޮމެންޓް