ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 18:14
އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޢާއިލާ މެންބަރުން، އެ ޝަހީދުންގެ ހަށިތައް ކައިރީގައި ހިތާމަކުރަނީ
އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ ޢާއިލާ މެންބަރުން، އެ ޝަހީދުންގެ ހަށިތައް ކައިރީގައި ހިތާމަކުރަނީ
އަނަދޮލޫ
ފަލަސްތީން - އިޒްރޭލު ހަނގުރާމަ
އިޒްރޭލުން ހުއްޓުމެއް ނެތި ފަލަސްތީން މީހުން މަރަމުންދާތާ 333 ދުވަސް
އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގެ 333 ވަނަ ދުވަސް ގުނަމުން ދާއިރު، މި އަނިޔާވެރި ކަމަށް ނިމުމެއް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

އިޒްރޭލުން ފަލަސްތީންގެ ޣައްޒާ އަށް އަރާ ހަމަލާތައްދީ، ގެދޮރާއި އާންމު ވަސީލަތްތައް ސުންނާފަތި ކޮށް ކުށެއް ނެތް މީހުން މަރަމުންދާތާ 333 ދުވަސް އަންގާރަ ދުވަހާ ހަމައަށް ވަނީ ވެފައެވެ.

ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އަންގާރަ ދުވަހު ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި މީހުން ދިރިއުޅޭ އިމާރާތްތަކާއި، ގެދޮރު ގެއްލިފައިވާ މީހުންގެ ޓެންޓުތަކާއި މަގުތަކަށް އިސްރާއީލުން ވައިގެ މަގުންނާއި އާޓިލަރީ ހަމަލާތައް ދިނުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން މަރުވެ އަނިޔާވެފައިވެއެވެ

ޣައްޒާގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބަސަލް ވިދާޅުވި ގޮތުގައި ޣައްޒާ ސިޓީގެ ދެކުނުގައިވާ ޒައިތޫން ސަރަހައްދަށް އާޓިލަރީ ހަމަލާއެއް ދިނުމުގެ ސަބަބުން އެކަކު މަރުވެ، އެތައް ބަޔަކު އަނިޔާވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރަފަހް ސިޓީގެ އިރުމަތީގައިވާ އަލް-ތަންނޫރު ސަރަހައްދަށް އިޒްރޭލުން ދިން ހަމަލާއެއްގައި ޝަހީދުވި އެއް އާއިލާ އަކަށް ނިސްބަތްވާ ހަތަރު އަންހެނުންގެ ހަށިގަނޑު ވަނީ ފެނިފައެވެ.

ޣައްޒާގެ ދެކުނު ސިޓީ ރަފަހް ގައިވާ މަވާސީގެ އަލް-ފިރްދައުސް ސްކޫލް ކައިރީގައި އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ފިރިހެނަކު ވަނީ ޝަހީދުވެފައެވެ.

އަންގާރަ ދުވަހުގެ ފަތިހު ޣައްޒާގެ ދެކުނު ސިޓީ ޚާން ޔޫނިސްގައި ރެފިއުޖީ ޓެންޓަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި ފިރިހެނަކާއި އޭނާގެ ތިން އަހަރުގެ ދަރިފުޅު ވެސް ވަނީ ޝަހީދު ވެފައެވެ.

މި ހަމަލާތައް ދިނީ އުތުރު ޖަބާލިޔާގައި ރޮށި ގަތުމަށް ކިއޫގައި ތިބި ބަޔަކަށް އިޒްރޭލުން ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އަށަށް އަރާފައިވަނިކޮށްނެވެ. ހޯމަ ދުވަހުގެ ހަވީރު ދިން މި ހަމަލާގައި އެތައް ބަޔަކު އަނިޔާވެފައިވެއެވެ.

ހަމަ ހޯމަ ދުވަހުގެ ހަވީރު ދެކުނު އަލް-މަވާސީގައި ދިން ބޮންގޮއްވާލުމުގެ ހަމަލާގައި ދެ ކުއްޖަކު މަރުވެފައިވާއިރު، އުތުރު ޣައްޒާ ސިޓީގެ އަލް-ކަރާމާ ސަރަހައްދަށް ދިން ހަމަލާގައި މަދުވެގެން ހަތަރު މީހުން ވަނީ ޝަހީދު ވެފައެވެ.

ޣައްޒާގައި ޔަހޫދީ ސިފައިން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައަށް 333 ދުވަސް ވީއިރު މަދުވެގެން 40,786 ފަލަސްތީނު މީހުން ޝަހީދުވެފައިވެއެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 94,224 މީހުންނަށް އަނިޔާވެފައިވެއެވެ. މީގެ އިތުރުން އެތައް ހާސް މީހުން ވަނީ ގެއްލިފައެވެ. އަދި އެމީހުން ވާނީ އިމާރާތްތަކުގެ ދަށުގައި މަރުވެފައިކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް