ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 14:33
ކެތޭ ފެސިފިކްގެ ފްލައިޓެއް
ކެތޭ ފެސިފިކްގެ ފްލައިޓެއް
ރޮއިޓާސް
ކެތޭ ޕެސިފިކްގެ ބޯޓުތައް ގްރައުންޑް ކުރުން
އިންޖީނު މައްސަލައިގައި ކެތޭ ޕެސިފިކްގެ ބޯޓުތައް ގްރައުންޑް ކޮށްފި
ކެތޭ ޕެސިފިކުން ބުނެފައިވަނީ ދަތުރުތަކަށް ދިމާވެފައިވާ ދަތިތައް ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށެވެ.

ބޯޓުތަކަށް ދިމާވި އިންޖީނު މައްސަލައެއްގައި ހޮންކޮންގުގެ އެންމެ ބޮޑު އެއާލައިން ކަމުގައިވާ ކެތޭ ޕެސިފިކުން ގިނަ އަދަދެއްގެ ބޯޓުތައް ގްރައުންޑްކޮށް ދަތުރުތައް ކެންސަލްކޮށްފިއެވެ.

މައްސަލަ ފެންމަތިވީ ހޮންކޮންގ އިން ޒުރިކަށް ދަތުރުކުރަމުންދިޔަ ކެތޭ ޕެސިފިކް މަތިންދާބޯޓެއް "އިންޖީނުގެ ބައެއް ހަލާކުވުމުގެ" ސަބަބުން ބޯޓު އަނބުރާލަން ޖެހުމާ ގުޅިގެންނެވެ.

މިހާދިސާ އާ ގުޅިގެން ކުންފުނީގެ އޭ-350 ގެ 48 ބޯޓް ޗެކް ކުރިއިރު 15 ބޯޓުގެ އިންޖީނުގައި ހަލާކުވެ ބަދަލު ކުރަން ޖެހޭ ބައިތައް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ކެތޭ ޕެސިފިކް އިން ބުނެއެވެ.

މި މަތިންދާބޯޓުތަކުގައި ބޭނުންކުރާ ޓްރެންޓް އެކްސްޑަބްލިއުބީ-97 އިންޖީނު އުފައްދާފައިވަނީ އިނގިރޭސިވިލާތުގެ އިންޖިނިއަރިންގ ދާއިރާގައި މަޝްހޫރު ރޯލްސް-ރޯއިސް އިންނެވެ.

މައްސަލަ ދިމާވުމާ ގުޅިގެން ހޯމަ ދުވަހުން ފެށިގެން، ކެތޭ ޕެސިފިކުން 70އާ ގާތްކުރާ އަދަދެއްގެ ދަތުރުތައް ކެންސަލްކޮށްފައިވެއެވެ. މީގެ ތެރޭގައި ހޮންކޮންގާއި ސިޑްނީ، ސިންގަޕޫރު، ބެންކޮކް، ޓޯކިޔޯ، ސޯލް އަދި ޓައިޕޭ އާ ހޮންކޮންގ އާ ދެމެދު ކުރާ ދަތުރުތައް ހިމެނެއެވެ.

ކެތޭ ޕެސިފިކުން ބުނެފައިވަނީ ދަތުރުތަކަށް ދިމާވެފައިވާ ދަތިތައް ހޮނިހިރު ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށެވެ.

އޭ-350 ގެ މަތިންދާބޯޓު ބޭނުންކުރާ އެހެން އެއަރލައިންތަކުގެ ތެރޭގައި ބްރިޓިޝް އެއަރވޭޒް، ވާޖިން އެޓްލެންޓިކް، ގަތަރު އެއަރވޭޒް، ސިންގަޕޯރ އެއަރލައިންސް އަދި ޖަޕާން އެއަރލައިންސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް