ކ. މާލެ
|
31 އޯގަސްޓް 2024 | ހޮނިހިރު 18:37
ފަށާއިރު ޕްރޮގްރާމްގައި މޭޔަރ އާޒިމް ވާހަކަދައްކަވަނީ
ފަށާއިރު ޕްރޮގްރާމްގައި މޭޔަރ އާޒިމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޕާކިންގެ މައްސަލަ
ޕާކިން ސްލޮޓްތައް އެބަ ހުރި ކުރަހާލާފަ އެގްރީމެންޓެއް ނެތި ދީފަ - އާޒިމް
ސެޕްޓެމްބަރުމަހުން ފެށިގެން ކަސްޓަމަރ ފައިސާ އެއް ދައްކަން ޖެހޭ ނަމަ އެ ފައިސާ އަމިއްލަ އަށް ދެއްކޭނެ މަގު ފަހިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި
މާލޭގައި ޕާކިން ސްލޮޓްތައް ދީފައި ހުރި އެއް ސްލޮޓެއް އެކަަކަށް ވުރެ ގިނަ މީހުންނަށް ދީފައިވާ މައްސަލަ ވަނީ ފެންމަތިވެފަ
އާޒިމް ވިދާޅުވީ ޕާކިން ސްލޮޓްތައް ހުންނަނީ ވިއްކާފައި ނޫން ކަމަށާއި އެތަންތަން ހުންނަނީ ކުއްޔަށް ދޫކޮށްފައި ކަމަށް

ޕާކިން ސްލޮޓްތައް ދީފައި ހުރި އިރު ބައެއް ސްލޮޓްތައް ކުރަހާލާފަ އެގްރީމެންޓެއް ނެތި ދީފައި އެބަ ހުރި ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މާލޭގައި ޕާކިން ސްލޮޓްތައް ދީފައި ހުރި އެއް ސްލޮޓެއް އެކަަކަށް ވުރެ ގިނަ މީހުންނަށް ދީފައިވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި އެ ސްލޮޓްތައް ހޯދާފައި ވަނީ 30،000 ވަރަކަށް ރުފިޔާ ދީގެން ކަމަށް އާއްމުން ދަނީ ބުނަމުންނެވެ. އެ ފައިސާ އަކީ ކައުންސިލަށް ދިން އެއްޗެއްތޯ ނުވަތަ ކައުންސިލްގެ ވަކި ބައެއްގެ ޖީބަށް ވަތް އެއްޗެއްތޯ ސާފެއް ނޫނެވެ. އެހެންނަމަވެސް އާއްމުން ދަނީ އެ ޕާކިން ސްލޮޓްތަކަށް ވާނީ ކިހިނެތްތޯ ސުވާލު އުފައްދަމުންނެވެ. ޕާކިން ސްލޮޓްތަކަށް ފައިސާ ދެއްކުމަށް ފަހު ވެސް އެ ތަންތަނަށް ރަޖިސްޓްރީ ނުކުރެވޭތީ އާއްމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާޒިމް ވިދާޅުވީ ޕާކިން ސްލޮޓްތައް ހުންނަނީ ވިއްކާފައި ނޫން ކަމަށާއި އެތަންތަން ހުންނަނީ ކުއްޔަށް ދޫކޮށްފައި ކަމަށެވެ. އަދި ކައުންސިލްގެ ބައެއްގެ ޖީބަށް ފައިސާ ވަތްކަން ނުވަތަ ނޫންކަން އެނގިވަޑައި ނުގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އެއްވެސް ޚިދުމަތެއް ސިޓީ ކައުންސިލުން ހޯދުމަށް އެއްވެސް މީހަކަށް ފައިސާ ދޭން ނުޖެހޭނެ ކަަމަށާއި އެކަން ނުކުރުމަށް އާއްމުންގެ ކިބައިން އެދިލައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް އިތުރަށް ވިދާޅުވީ އެފަދަ ވިޔާނުދާ ކަންކަން ހިގަނީ ރައްޔިތުން ވެސް އެފަދަ ކަންކަމުގައި ބައިވެރިވާތީ ކަމަށެވެ. އާޒިމް ވަނީ އެގްރީމެންޓަށް ފައިސާ ނުދައްކާ އެތައް ބަޔަކުވެސް ތިބިކަން ފާހަގަކުރައްވާފައެވެ.

ޤަވާއިދާއި ހިލާފަށް ހުރި އެފަދަ ކަންކަން ޤަވާއިދަށް ފެއްތުމަށް މަސައްކަތްކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ޕޭމެންޓް ދެއްކުމުގެ މަރުހަލާ ވެސް އޮތީ އުނދަނގޫކޮށް ކަމަށް އާޒިމް ވިދާޅުވިއެވެ. މޭޔަރ ކަމަށް ހަވާލުވެވަޑައިގެންނެވި އިރު ލިންކެއް ނުލިބިގެން ފައިސާ ނުދެއްކޭ ހާލަތަށް ކަންކަން ގޮސްފައި އޮތް ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ. ސެޕްޓެމްބަރުމަހުން ފެށިގެން އެކަން ހައްލުކޮށް ކަސްޓަމަރ ފައިސާ އެއް ދައްކަން ޖެހޭ ނަމަ އެ ފައިސާ އަމިއްލަ އަށް ދެއްކޭނެ މަގު ފަހިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް