މާލޭގައި އަންހެނަކު ރަހީނުކޮށް ބިރުދެއްކި ފިރިހެނަކާއި ދެކޮޅަށް ބާރުގެ ބޭނުންކޮށް ފުލުހުން އެ އަންހެން މީހާ ސަލާމަތްކޮށްފިއެވެ.
މިހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ ބަންދުކޮށްފައި ހުރި އަންހެން މީހާ އަށް މާލޭގެ ގެއެއްގެ ތެރޭގައި ފިރިހެނަކު އަނިޔާކޮށްފައިވާ ކަމަށެވެ. އަދި މަގުމައްޗަށް ނެރެގެންވެސް އެ ފިރިހެން މީހާ ވަނީ އެ އަންހެން މީހާ އަށް އަނިޔާކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުން އެ އަންހެން މީހާ ސަލާމަތް ކުރަން އުޅެފި ނަމަ އަންހެން މީހާ މަރާލާނެ ކަމަށް ބުނެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސާ ފުލުހުންނަށް އިންޒާރު ދީ އަނެއްކާ ވެސް އަންހެން މީހާ ގޭތެރެ އަށް ވައްދާ އަނިޔާކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއަށް ފަހު އަނެއްކާވެސް އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނުކުމެ ސައިކަލަށް އަރާ، އަންހެން މީހާގެ ކަރުގައި ވަޅި ޖައްސާ ފުލުހުންނަށް އިންޒާރުދީ އަނެއްކާވެސް އަންހެން މީހާ ގޭތެރެ އަށް ވައްދާ އަނިޔާކުރުމަށް ފަހު އަންހެން މީހާގެ ކަރުގަ ވަޅި ޖައްސައިގެން ހުރެ މަގުމައްޗަށް ނުކުމެ ސައިކަލް އަށް އަރާ ދުއްވާފައި ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން އަންހެން މީހާގެ ފުރާނަ ސަލާމަތްކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށްގެން އަންހެން މީހާ ފިރިހެން މީހާގެ ކިބައިން ސަލާމަތްކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުން ބާރުގެ ބޭނުންކުރުމުން ފިރިހެން މީހާ އަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ އަށް އޭޑީކޭގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި ފިރިހެން މީހާ އަށް ލިބިފައިވާ އަނިޔާ ދެނެގަތުމަށްޓަކާ ޓެސްޓްތަކެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ބަންދުކޮށްފައި ހުރި އަންހެން މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.