ކ. މާލެ
|
28 އޯގަސްޓް 2024 | ބުދަ 14:24
އަލް ޙިލާލްގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ކަންސޭލޯ
އަލް ޙިލާލްގެ އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ކަންސޭލޯ
އަލް ހިލާލް
އަލް ޙިލާލް
ކަންސޭލޯ، އަލް ޙިލާލަށް ބަދަލުވެއްޖެ
އަލް ޙިލާލްގެ އެއްބަސްވުމުގައި ކަންސޭލޯ ސޮއި ކޮށްފައިވާއިރު، އެއީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އައި ޕޯޗުގަލްގެ ޔާއޯ ކަންސޭލޯ، ސައުދީ ޕްރޯ ލީގުގެ އަލް ޙިލާލަށް ބަދަލުވެއްޖެ އެވެ.

އުމުރުން 30 އަހަރުގެ ކަންސޭލޯ ސިޓީ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސިޓީ އަށް ބަދަލުވީ ފަހުން ކަންސޭލޯ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކް އަދި ސްޕެއިންގެ ބާސެލޯނާ އަށް ކުޅެފަ އެވެ.

ކަންސޭލޯ ހޯދުމަށް އަލް ޙިލާލުން ކުރި މަސައްކަތުގައި، އެ ކުލަބުން ވަނީ އެ ޑީލް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން އޭނާ ހޯދުމުގެ ގޮތުން، އަލް ޙިލާލުން ވަނީ ސިޓީ އަށް 25 މިލިއަން ޔޫރޯ ދައްކާފަ އެވެ. އަލް ޙިލާލްގެ އެއްބަސްވުމުގައި ކަންސޭލޯ ސޮއި ކޮށްފައިވާއިރު، އެއީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. ކަންސޭލޯ އަލް ޙިލާލަށް ބަދަލުވިކަން އެ ކުލަބުން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު، އެ ކުލަބުން މުސާރައިގެ ގޮތުގައި އޭނާ އަށް ދޭނީ 15 މިލިއަން ޔޫރޯގެ އަދަދެކެވެ.

ކަންސޭލޯ ވަނީ ސިޓީ އަށް ކުޅެދިން 154 މެޗުގައި ނުވަ ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު އޭނާ ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ކަންސޭލޯ އަކީ ޕޯޗުގަލްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިޔެކެވެ. 2016 ވަނަ އަހަރުން ފެށިގެން ޤައުމީ ޓީމަށް އޭނާ ކުޅެމުން އަންނައިރު، މިހާތަނަށް ވަނީ ޤައުމީ ޓީމަށް ކުޅެދިން 58 މެޗުގައި 10 ލަނޑު ޖަހައިފަ އެވެ. ޕޯޗުގަލް އާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް