ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 22:40
ރަޝިއާ އިން ދިން ހަމަލާގައި ޔޫކްރެއިންގެ ހޮޓަލެއް ސުންނާފަތިވެ، ދެ މީހަކު މަރުވެފައިވޭ
ރަޝިއާ އިން ދިން ހަމަލާގައި ޔޫކްރެއިންގެ ހޮޓަލެއް ސުންނާފަތިވެ، ދެ މީހަކު މަރުވެފައިވޭ
ސާހީ ލީސަކް
ޔޫކްރެއިން - ރަޝިއާ ހަނގުރާމަ
ޔުކްރެއިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދަކަށް ރަޝިޔާ ސިފައިން ވަރުގަދަ ހަމަލާ ތަކެއް ދީފި
އާދިއްތަ ދުވަހުގެ ރެއިން ހޯމަ ދުވަހުގެ ރެއަށް ހަމަލާތަކުގައި މަދުވެގެން 6 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. އަދި ޔޫކްރެއިންގެ ކަރަންޓު އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތައް ލިބި އެތައް ސިޓީއަކުން ކަރަންޓް ވަނީ ކެނޑިފައެވެ.

ރަޝިޔާއިން ޔުކްރެއިނަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މިއީ ހަނގުރާމައިގެ ތެރޭގައި ވައިގެ މަގުން ޔޫކްރެއިން އަށް ހޯމަ ދުވަހު ދިން ވަރުގަދަ ހަމަލާ އަށް ފަހު ހަމަލާތައް ކުރިއަށް ގެންދާ ދެވަނަ ދުވަހެވެ.

ޔޫކްރެއިންގެ މެދުތެރޭގައި އޮންނަ ކްރިވީ ރީހް ސިޓީގައި ހުރި ހޮޓަލަކަށް އަންގާރަ ދުވަހު ދިން ހަމަލާއެއްގައި މަދުވެގެން ދެ މީހަކު މަރުވެފައިވާ ކަމަށާއި، އަދި ދެކުނު އިރުމަތީގައި އޮންނަ ޒަޕޯރީޒޭ ސަރަހައްދަށް ދިން ޑްރޯން ހަމަލާތަކުގައި އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ ރަޝިޔާގެ މަތިންދާ ބޯޓުތަކުން ފޮނުވާލި ހައިޕަރސޮނިކް މިސައިލްތަކަށް އެމީހުން ހަމަލާދީ 5 މިސައިލާއި 60 ޑްރޯން ވައްޓާލި ކަމަށެވެ.

ރަޝިއާގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އާދިއްތަ ދުވަހުގެ ރެއިން ހޯމަ ދުވަހުގެ ރެއަށް މަދުވެގެން 6 މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ. މިއީ ޔުކްރެއިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދަކަށް ޑްރޯން އާއި މިސައިލުން ރަޝިޔާ ސިފައިން ދިން ހަމަލާގެ ނަތީޖާ ކަމަށް އޮފިޝަލުން ބުނެއެވެ.

ރަޝިޔާ ގެ ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ކަރަންޓު އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުން ލިބި، އެތައް ސިޓީއެއްގައި ކަރަންޓު ކެނޑި، ފެން ސަޕްލައިއަށްވެސް ވަނީ އަސަރުކޮށްފައިވެއެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާގެ ބަޔާނެއްގައި ބުނެފައިވަނީ އެއްގަމާ ކަނޑުގެ މަގުން ދުރު ރާސްތާ މިސައިލް ބޭނުން ކޮށް ޔުކްރެއިންގެ އެކި ސަރަހައްދުތަކުގައި ހުރި ކަރަންޓު ސްޓޭޝަންތަކާއި އެއާ ގުޅުންހުރި އިންފްރާސްޓްރަކްޗަރަށް ހަމަލާދީފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ވަނީ ރަޝިޔާގެ މި ހަމަލާތައް ކުށްވެރި ކުރައްވާ އެމެރިކާ އިން ޔޫކްރެއިންގެ ހަކަތައިގެ ގްރިޑަށް ލިބުނު ގެއްލުންތަކަށް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ވަނީ މަދަނީ އިންފްރާސްޓްރަކްޗަރ އަށް ރަޝިޔާ އިން ދިން ހަމަލާ ތަކަކީ ފިނޑި ހަމަލާތަކެއް ކަމަށް ވިދާޅުވެ، އެ ހަމަލާތައް ކުށްވެރި ކުރައްވާފައެވެ.

ރަޝިޔާ އިން ބުނެފައިވަނީ އެންމެ ފަހުން އަންގާރަ ވިލޭރޭ 10 މިސައިލާއި 81 ޑްރޯން ހަމަލާ ދީފައިވާ ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ކްރިވީ ރީހް ގެ ހޮޓަލަކަށް ބެލިސްޓިކް މިސައިލެއް އަރާ، ފިރިހެނަކާއި އަންހެނަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ. ހަމަލާގައި ދެމީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ.

ކްރިވީ ރީހް އަކީ ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީގެ އުފަން ރަށެވެ.

މީގެ އިތުރުން، ޒަޕޯރީޒޭ ގެ ސަރަހައްދީ އިދާރާގެ އިސްވެރިޔާ އިވަން ފެޑެރޮވް ވިދާޅުވި ގޮތުގައި ޑްރޯން ހަމަލާތަކުން އެ ސަރަހައްދުގެ ދެމީހަކު މަރުވެ، އިތުރު ހަތަރު މީހަކު ޒަޚަމްވެފައިވާ ކަމަށެވެ.

ރަޝިޔާ އިން މިދޭ ވަރުގަދަ ހަމަލާ ތަކަކީ ރަޝިޔާގެ ކާސްކް ސަރަހައްދުން ޔުކްރެއިނުން ފަހަކަށް އައިސް ހޯދާފައިވާ ބިންތަކުގެ ސަބަބުން، މޮސްކޯއިން ހަނގުރާމައިގެ މައްޗަށް އޮތް ބާރު އަލުން ދެއްކުމަށް ކުރާ މަސައްކަތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

2022 ގެ ފެބްރުއަރީ މަހު ރަޝިޔާ އިން ޔޫކްރެއިން އަށް އަރާ ފުޅާ ދާއިރާ އެއްގައި ފެށި ހަނގުރާމައިގެ ކުރީކޮޅުއްސުރެ ރަޝިޔާއިން ޔުކްރެއިނުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދޭން ފަށާފައިވާކަން ފާހަގަ ކުރެވެއެވެ.

ފަހަކަށް އައިސް އަނެއްކާވެސް ރަޝިޔާއިން ޔޫކްރެއިންގެ ކަރަންޓު ވިއުގައަށް ހަމަލާދިނުން އިތުރު ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މިކަމުގެ ސަބަބުން ޤައުމުގެ އެކި ކަންކޮޅުތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ އާންމު ވެފައެވެ.

އިނގިރޭސިވިލާތާއި އެމެރިކާ އަދި ފަރަންސޭސްވިލާތް ހިމެނޭ ގޮތުން ޔޫކްރެއިންގެ ހުޅަނގުގެ އެކުވެރިންނަށް، ހޯމަ ދުވަހު ޔުކްރެއިންގެ ރައީސް ޒެލެންސްކީ ގޮވާލެއްވީ އެ ޤައުމުތަކުން ދީފައިވާ ހަތިޔާރު ބޭނުން ކުރުމުގައި ޔޫކްރެއިންނަށް ލާޒިމް ކޮށްފައިވާ އުސޫލްތައް ބަދަލުކޮށް، އެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާގެ އެންމެ ފުނަށް ހަމަލާ ދިނުމުގެ ހުއްދަ ދިނުމަށެވެ.

މިހާތަނަށް އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔުކްރެއިނަށް ހުއްދަ ދީފައި އޮތީ ހުޅަނގުގެ ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިންގެ ސަރަހައްދުން ރަޝިޔާގެ އަމާޒުތަކަށް ހަމަލާދިނުމަށެވެ. ނަމަވެސް ދުރު ރާސްތާ ހަތިޔާރު ބޭނުންކުރުމުގެ ހުއްދައެއް ޔޫކްރެއިން އަކަށް ނުދެއެވެ.

ޒެލެންސްކީ ވިދާޅުވީ ޔޫރަޕުގެ ވައިގެ ބާރުތަކުން ޔުކްރެއިނުގެ ވައިގެ ދިފާޢީ ބާރާ އެކު މަސައްކަތްކުރާނަމަ ގިނަ ފުރާނަތަކެއް ސަލާމަތް ކުރެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް