ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޕީއެންސީގެ ހަރުގެ ޖަލްސާއިން ފެނިގެންދިޔައީ ފާޑެއްގެ ޑްރާމާއެއް ކުޅުއްވިތަން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ ހަރުގެ ޖަލްސާ ބާއްވަން މުޅި ހިސާބުގަނޑަށް މީހުން އެއްކުރަން ވެގެން މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާ މީހުން ގެނައުމަށް މަޖުބޫރުކުރި ކަމަށާއި، ޖަލްސާއަށް ނާންނަ މުވައްޒަފުންނާ މެދު ފިޔަވަޅުއަޅާނެކަމަށް ބުނެ ބިރުދައްކާފައިވާ ކަމަށެވެ. ދީދީ ވިދާޅުވީ އެތަނުން ފެނިގެން ދިޔައީ ފާޑެއްގެ ޑްރާމާއެއް ކުޅުނު މަންޒަރު ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމުން ކާޑު ލިމިޓް ކުރިންވެސް އޮތްގޮތަށް ރުޖޫއަކުރިކަމަށް ދެއްކުމަށް މަސައްކަތް ކުރި ކަމަށާއި، އެއީ ސީދާ ރައްޔިތުންނަށް އޮޅުވާލަން ވެގެން ކުރިކަމެއް ކަމަށް ދީދީ ވިދާޅުވިއެވެ.
މީގެ ކުރިން ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށް ވެފައިވާ ވައުދަކީ ކާޑު ލިމިޓް އުވާލައްވާނެ ކަމަށް. އޭގެ ބަދަލުގައި ކުއްލިއަކަށް ކުރެއްވި ކަމަކީ އެބޭފުޅުންގެ އިކޮނަމިކް ކައުންސިލްގެ ކެބިނެޓް ވަޒީރުން މެދުވެރިކޮށް ނޫސްވެރިންގެ ބައްދަލުވުން ބާއްވާ ރައީސް އަންގަވައިގެން ކާޑު ލިމިޓް އުވާލީ ކަމަށް ވިދާޅުވީ. ދެން ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ފެންމަތިވީމާ އެ ނިންމުން ބަދަލުކުރެއްވީ. ދެން ދައްކަން މިއުޅޭ މަންޒަރަކީ ރައީސްގެ ހެޔޮފުޅުކަމުން ކުރެއްވި ކަމެއްކަމަށް ދައްކަން އުޅެނީ. ކޮބައިތޯ ހެޔޮފުޅުކަމުން ކުރި ކަމަކީ. މީގެ ކުރިންވެސް އޮތްގޮތަށް ރުޖޫއަވުމަކީ ހެޔޮފުޅުކަމުން ކުރުމެއް ނޫން. ލިމިޓް އުވާލިނަމަ ހެޔޮފުޅުކަމުން ކަމެއް ކުރެވުނު ކަމަށް ވާނެ.އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ
ދީދީ ވިދާޅުވީ މަޖިލިސް ތެރެއިން ދެކެވެމުން އަންނަ ވާހަކައަކީ އާސަންދައަކީ އެންމެނަށް ދޭންޖެހޭ އެއްޗެއް ނޫންކަމުގެ ވާހަކަ ކަމަށާއި، އާސަންދައާއި ކާޑުގެ ސަބްސިޑީވެސް ދޭންޖެހޭނީ ހައްގުވެރި ފަރާތަށް ކަމަށެވެ. އެހެންކަމުން އާސަންދަ ކަނޑާލުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭއިރު، އެންސްޕާއިން އާސަންދަ އުވާލަން އިއުލާން ކުރުމުން ރައްޔިތުންނަށް އިންތިހާއަށް ކަންބޮޑުވެ އެވާހަކަ ދައްކާނެ ކަމަށެވެ.
އަދި މިއާއެކު އަނެއްކާވެސް ސަރުކާރުން ޑްރާމާއެއް ކުޅުއްވާނެ ކަމަށާއި، ކުއްލިއަކަށް އެއީ ރައީސްގެ ސިޔާސަތެއް ނޫންކަމަށް ބުނެ ސަރުކާރުން އެވާހަކަ ދައްކާނެ ކަމަށެވެ.
އިއްޔެ ކުޅުނުކަހަލަ ޑްރާމާއެއް ކުޅުމަކީ ވަރަށް އެކަށީގެންވާ ކަމެއް. އެއީ އެންސްޕާ އުވާލައްވާފައި އަނެއް ދުވަހު އެއްކަލަ ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ފެންމަތިވާން ފެށީމާ ކުއްލިއަކަށް ވިދާޅުވާނެ އެއީ ރައީސްގެ ސިޔާސަތެއް ނޫނޭ. ރައީސް ބޭނުންފުޅުވަނީ އާސަންދައިގެ ހިދުމަތް ކުރިީގައި ވެސް އޮތްގޮތަށް އިއާދަކޮށް، މިހިނދުން މިހިނދަށް އަންގަވައިފިއޭ އެންސްޕާގެ ވެރިންނަށް ކުރިން އޮތް ގޮތަށް އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަށް. ދެން އަނެއްކާ ހަރުގެ ޖަލްސާއެއް ބާއްވާފައި ރައްޔިތުންނާއި ސަލާމްކުރަމުން، ރައްޔިތުންނާއި އެކު ސެލްފީ ނަންގަވަމުން ރައީސްގެ ހެޔޮފުޅުކަމުން ކަމެއްކޮށްދެއްވައިގެން މީޑިއާތަކުން އެ ހަބަރު ފަތުރާނެ.އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީ
ދީދީ ވިދާޅުވީ މި ސަރުކާރުން ކުރާ ކަންކަން ސިފަވަނީ ތާކުންތާކު ނުޖެހޭ ބޮޑު ޖޯކެއްގެ ގޮތުގައި ކަމަށެވެ. ދެރައީ ރާއްޖޭގެ މާލީ ކަންކަން މެނޭޖްނުކުރެވުމުގެ ސަބަބުން ފައިނޭންޝިއަލް އިންސްޓިޓިއުޝަނުންނާއި ބޭންކްތަކުން ކަންބޮޑުވުން އޮއްވާ ގައުމީ ބޭންކުގެ އަގުވައްޓާލުމުގެ ސަބަބުން ރައްޔިތުންނާއި ބޭންކަަށް އޮތް މާލީ ލޮޅުންތައް އައުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.