Advertisement
ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 18:42
ކަސްޓަމްސް އިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ކަސްޓަމްސް އިން އަތުލައިގަނެފައިވާ މަސްތުވާތަކެތި
މޯލްޑިވްސް ކަސްޓަމްސް ސާރވިސް
މަސްތުވާތަކެތި އެތެރެކުރުން
ރާއްޖެ އެތެރެކުރަން އުޅުނު 11.62 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންގެ 680 ގްރާމާއި، ހެރޮއިންގެ 740 ގްރާމް އަދި ކެނެބިސްގެ 10.2 ކިލޯ ގްރާމް ހުރި
މި ތަކެތީގެ މަގުމަތީގެ އަގު 9.8 މިލިއަން ރުފިޔާއަށް އަރާ

ރާއްޖެއެތެރެކުރަން އުޅުނު 11.62 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕާރުސަލަކާއި ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައެވެ.

މިގޮތުން 2024 އޮގަސްޓް 14 ވަނަ ދުވަހު ކޫރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރިއިރު، އެ ޕެކޭޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން (Synthetic Cathinone) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 680 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ  960,000.00 (ނުވަ ލައްކަ ފަސްދޮޅަސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.

Advertisement

މީގެ އިތުރުން، 2024 އޮގަސްޓް 19 ވަނަ ދުވަހު ވައިގެމަގުން ރާއްޖެ ގެނެސްފައިވާ ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. އަދި ފުރަތަމަ މަރުހަލާގައި މިތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroine) އަދި ކެނެބިސް (Cannabis) އަށް ވަނީ ޕޮޒިޓިވްވެފައެވެ. ހެރޮއިން އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 740 ގްރާމް އަދި ކެނެބިސް އަށް ޕޮޒިޓިވްވި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު 10,200 ގްރާމް ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގަކީ  8,900,000.00 (އަށް މިލިއަން ނުވަލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.

މިމައްސަލަތަކުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 11.62 ކިލޯގްރާމް ހުއްޓެވެ. އަދި މި މައްސަލަތައް އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި،  އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް