ބާސެލޯނާ އަށް ކުރިން ކުޅުނު ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ، އަލުން އެ ކުލަބަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކޮށްފި އެވެ.
އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން 2017 ވަނަ އަހަރު އޭނާ ވަނީ ބާސެލޯނާ ދޫކޮށް، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވެފަ އެވެ. ޕީއެސްޖީގައި ހަ އަހަރު ހޭދަ ކުރުމަށްފަހު، ނޭމާ އަލް ޙިލާލަށް ބަދަލުވީ މިދިޔަ އަހަރު އެވެ. އަލް ޙިލާލަށް ބަދަލުވީ ފަހުން ނޭމާ އަށް ވަނީ އަނިޔާގެ މައްސަލައަކާ ކުރިމަތިލާާން ޖެހި، ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.
ނޭމާއާ ގުޅޭ ގޮތުން ދާދި ފަހުން ސްޕެއިންގެ މީޑިއާ އެއްގައި ބުނެފައި ވަނީ، ބާސެލޯނާގެ ކޯޗުކަމާ ޖަރުމަނުގެ ހަންސީ ފްލިކް ހަވާލުވީ ފަހުން، އެ ކުލަބަށް ނޭމާ އަލުން ގެންނަން މަސައްކަތް ކުރާ ކަމަށެވެ. އަދި ބާސެލޯނާ އަށް ބަދަލުވާން ނޭމާ ވެސް ބޭނުންވެގެން ހުރި ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް، އެ ޚަބަރު ހިއްސާކޮށް ނޭމާ ޖޫނިއާ ސައިޓް އޮފިޝަލްގައި ބުނެފައި ވަނީ، އޭނާ ހުރީ އަލް ޙިލާލްގެ އެއްބަސްވުމެއްގައި ކަމަށާއި، އެ ކުލަބުގައި އޭނާ ހުރީ އުފަލުން ކަމަށެވެ. އަދި އަވަސް މުސްތަޤުބަލެއްގައި ނޭމާ ކުޅުމުގެ ތެރެއަށް އައިސް، އެ ކުލަބާ އެކު ކުރިއަށް ދާނެ ކަމަށް ވަނީ ބުނެފަ އެވެ. އަނެއްކޮޅުން އެ ޚަބަރަކީ ދޮގެއް ކަމަށާއި، އެ ޚަބަރަކީ އަލް ޙިލާލް އަދި ނޭމާ އަށް ނިސްބަތްކޮށް އިޙުތިރާމް ކުޑަ ކުރުމުގެ ގޮތުން ފަތުރާފައިވާ ވާހަކައެއް ކަމަށް ވެސް ބުނެފައިވެ އެވެ.
އަލް ޙިލާލަށް ބަދަލުވެ ނޭމާ ވަނީ އެ ކުލަބަަށް ކުޅެދިން ފަސް މެޗުގައި އެއް ލަނޑު ޖަހައިފަ އެވެ.