Advertisement
ކ. މާލެ
|
26 އޯގަސްޓް 2024 | ހޯމަ 19:57
މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް
މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް
ރައްޔިތުންގެ މަޖިލިސް
މާލީ ހާލަތު
އިގްތިޞާދު މެނޭޖްކުރުމުގެ ބަދަލުގައި ފެންނަނީ ސަރުކާރުން މައުލޫމާތު ހިފަހައްޓާ މަންޒަރު - އިލްޔާސް
ގަވަރުނަރަކީ ބޭންކް ހިންގަން ޖެހޭ ބޭފުޅެއް ނޫން ކަމަށާއި އެއީ ރެގިއުލޭޓަރީ ޒިންމާތަކެއް އޮންނަ ބޭފުޅެއް ކަމަށް ވެސް އިލްޔާސް ވިދާޅުވި
ރެގިއުލޭޓް ނުކުރެވޭ ނަމަ ބޭންކިން ނިޒާމްގެ ތެރެއިން ޑޮލަރުގެ އަގު ކަނޑައެޅެން ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

އިގްތިޞާދު މެނޭޖްކުރުމުގެ ބަދަލުގައި ފެންނަނީ ސަރުކާރުން މައުލޫމާތު ހިފަހައްޓާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

Advertisement

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލްޔާސް ވަނީ މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ. ދަރަނީގެ މައްސަލަ ހައްލުކުރުމަށްޓަކާ ދަރަނި ރީސްޓްރަކްޗަރކުރަން ޖެހޭ ކަމަށާއި ހަމައެކަނި ދަރަނި ރީފައިނޭންސްކޮށްގެން ރަނގަޅު ހައްލެއް ނުލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި އަހަރު ނިމޭއިރު 57 ބިލިއަނަށް ސަރުކާރުގެ ޚަރަދު އަރާނެ ކަމަށް ފިނޭންސް މިނިސްޓަރ ވަނީ މަޖިލީހުގައި ވިދާޅުވެފައެވެ. 15 ބިލިއަން މި އަހަރުގެ ބަޖެޓްވެސް ޑެފިސިޓް ވާނެކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމަށް ވާނަމަ 2024 ވަނަ އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 40 ބިލިއަނަށް އަރާނެ ކަަމަށާއި އެގޮތަށް ކަންކަން ދާ ނަމަ ދައުލަތް ހިފަހައްޓާނީ ކިހިނެތްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާއި ޚަރަދު ކުޑަކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މި ސަރުކާރަށް ނުކުރެވޭ ކަމަށް އިލްޔާސް ވިދާޅުވިއެވެ. ހަމައެހެންމެ ސިޔާސީ މަޤާމުތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށައި ދައުލަތް ތާށިވާއިރު މިހާރު ހިނގާ ގޮތަށް ކަންކަން ހިނގައިގެން ނުވާނެ ކަަމަށް އިލްޔާސް ވިދާޅުވިއެވެ. އަދި ބޭރުގެ ޤައުމުތަކަށް ގޮސް ސަލާންޖަަހައިގެން ފައިސާ ލިބިދާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ދަރަނިއަށް އެޑްރެސްކޮށް އަމަލުކރުަން ޖެހޭ. ލިބެނީ ކިހާވަރެއްތޯ ޚަރަދު ކުރަނީ ކިހާވަރެއްތޯ އެނގެން ޖެހޭނެ. އެކަން ސާފުވާން ޖެހޭނެ.
މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބް

މީގެ އިތުރުން ގަވަރުނަރަކީ ބޭންކް ހިންގަން ޖެހޭ ބޭފުޅެއް ނޫން ކަމަށާއި އެއީ ރެގިއުލޭޓަރީ ޒިންމާތަކެއް އޮންނަ ބޭފުޅެއް ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވަނީ ރާއްޖޭގެ ބޭންކިން ނިޒާމް ހިނގަމުންދާ ގޮތަށް އަލިއަޅުވާލައްވާފައެވެ. ޑޮލަރުގެ އަގު މަތިވުމަކީ ތަކެތީގެ އަގަށް ވެސް އަސަރު ކުރާ ކަމެއްކަން އިލްޔާސް ވަނީ ފާހަގަކުރައްވާފައެވެ. ލީގަލް ޓެންޑަރ ތަންފީޒުކުރުމުގެ މަސައްކަތް އެމްއެމްއޭ އިން ކުރަން ޖެހޭ ކަމަށާއި އަގުބޮޑުކޮށް އާއްމުންނަށް ޑޮލަރު ވިއްކިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ރެގިއުލޭޓް ނުކުރެވޭ ނަމަ ބޭންކިން ނިޒާމްގެ ތެރެއިން ޑޮލަރުގެ އަގު ކަނޑައެޅެން ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އިލްޔާސް ވަނީ ރާއްޖޭގެ ޑޮލަރުގެ ވެލޫ ހިފެހެއްޓުމަށް އެމްއޭއިން ކުރަން ޖެހޭ ކަންކަން ކުރުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް