އާދިއްތަ ދުވަހުގެ ފަތިހު އިޒްރޭލާ ހަމާސް އާ ދެމެދު ބަދަލު ކުރެވުނު ވަރުގަދަ ހަމަލާތަކުގައި، ހަމާސް ގެ ރޮކެޓާއި ޑްރޯން ޓްރެކްކުރުމުގައި އެމެރިކާ އިން އިޒްރޭލަށް އެހީވި ކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ހާމަ ކޮށްފިއެވެ.
އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާ ދީ އަލް އަރަބިއްޔާ އިން އިތުރަށް ބުނެފައިވަނީ މައުލޫމާތު ފޯރުކޮށް ދިނުމުގެ ގޮތުން އިޒްރޭލަށް އެހީތެރިވެ ދިން ކަމުގައި ވިޔަސް އިޒްރޭލުން ލުބުނާނަށް ދިން ހަމަލާ ގައި އަދި ހިޒްބުﷲ އިން ފޮނުވާލި ރޮކެޓްތައް ވައްޓާލުމުގައި އެމެރިކާގެ ބައިވެރިވުމެއް ނެތް ކަމަށެވެ.
އާދިއްތަ ދުވަހު ލުބްނާނަން ހަމަލާ ދިނުމުގައި 100 ޖެޓް ބައިވެރިވި ކަމަށް އިޒްރޭލުން ބުނެފައިވެއެވެ. މިއީ އިޒްރޭލު-ލުބްނާން ބޯޑަރުގައި ހިނގަމުންދާ 10 މަސްދުވަސް ވީ ކުރިމަތިލުން ތަކުގައި މިހާތަނަށް ދެފަރާތުން ދިން އެންމެ ވަރުގަދަ އެއް ހަމަލާތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރެވުނު ހަމަލާތަކުގައި ލުބުނާނުން 3 މީހަކު މަރުވެފައިވާކަން ކަށަވަރުވެފައިވެއެވެ. އަދި އިޒްރޭލުން އެކަކު މަރުވެފައިވެއެވެ. ހިޒްބުﷲ އިޝާރާތްކޮށްފައިވަނީ އިތުރު ހަމަލާތަކެއް ދޭން މިވަގުތަށް ނުވިސްނާކަމަށެވެ. އިޒްރޭލުގެ ޚާރިޖީ ވަޒީރު ވަޒީރު ވިދާޅުވީ އިޒްރޭލުން ބޮޑު ހަނގުރާމައަކަށް ދާން ބޭނުން ނުވާ ކަމަށެވެ.
އީރާނުން މަދަދުވެރިވާ ލުބުނާނުގެ ޖަމާޢަތުން ބުނެފައިވަނީ އިޒްރޭލަށް އަމާޒުކޮށް 320 ކަޓްޔޫޝާ ރޮކެޓް ހަމަލާދިން ކަމަށާ، އެ ހަމަލާތައް އިޒްރޭލުގެ 11 އަސްކަރީ އަމާޒަކަށް ވާސިލްވެފައިވާ ކަމަށެވެ. މިއީ ފާއިތުވި މަހު އިޒްރޭލުން އެ ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމުގައިވާ ފުއާދު ޝުކްރު ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ފުރަތަމަ މަރުހަލާ ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.
އިޒްރޭލުން ބުނެފައިވަނީ ހިޒްބުﷲ އިން ބޮޑު ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބުމާއެކު އެކަން ހުއްޓުވުމަށް ކުރިން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. މިގޮތުން 100 އަސްކަރީ ޖެޓް ބޭނުންކޮށްގެން ދެކުނު ލުބުނާނުގައި ހުރި 40 އަށްވުރެ ގިނަ ރޮކެޓް ލޯންޗް ކުރާ ތަންތަނަށް ހަލާކުކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފައިވެއެވެ.