ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 11:27
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ރާއްޖެއެމްވީ
މާލީ ހާލަތު
"އިސްލާހީ ފިޔަވަޅުތައް ތަންފީޒު ނުކޮށް ހަަމައެކަނި ސަބްސިޑީ ރިފޯމް ލަސްކުރިއަަސް 1.8 ބިލިއަން ރުފިޔާ ދައުލަތަށް ހޯދަން ޖެހޭނެ"
އަމީރު ވަނީ ސަރުކާރުން ރިފޯމް ފިޔަވަޅުތައް ނާޅާ ލަސްކުރީ ކީއްވެތޯ ސުވާލު އުފައްދަވާފަ
މިހާތަނަށް އައި އިރު ބަޖެޓް ފައިނޭންސް ކުރަން އެއްވެސް މިންވަރެއް ސަރުކާރަށް ހޯދިފައި ނުވާކަން އަމީރު ވަނީ ފާހަގަކުރައްވާފަ

މިހާރު އިސްލާހީ ފިޔަވަޅުތައް ތަންފީޒު ނުކޮށް ހަަމައެކަނި ސަބްސިޑީ ރިފޯމް ލަސްކުރިއަަސް 1.8 ބިލިއަން ރުފިޔާ ދައުލަތަށް ހޯދަން ޖެހޭނެ ކަަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެފަދައިން ވިދާޅުވީ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މާލީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާ ލަސްވުމުން އެކަމުގެ ނޭދެވޭ އަސަރު މާލީ ހާލަތަށް ކޮށްފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓަކީ ބޭސްލައިން ބަޖެޓުގަ ވެސް ޑެފިސިޓް ބޮޑު ބަޖެޓެއް ކަމަށެވެ. ނަމަވެސް މިހާރު ސަރުކާރުގެ ފިޔަވަޅުތައް ލަސްވުމުން އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ. މަޖިލީހަށް ވަޑައިގެން މި ސަރުކާރުގެ ފިނޭންސް މިނިސްޓަރ ވަނީ މިހާރު މި ދާ ގޮތަށް ދާ ނަމަ އަހަރު ނިމޭ އިރު 57 ބިލިއަން ރުފިޔާ އަށް ބަޖެޓް އަރާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވާ އަމީރު ވަނީ ސަރުކާރުން ރިފޯމް ފިޔަވަޅުތައް ނާޅާ ލަސްކުރީ ކީއްވެތޯ އާއި މާލީ ހާލަތު މި ދާގޮތަށް ދާން ޖެހުނު ސަަބަބަކީ ކޮބާތޯ ސުވާލު އުފައްދަވާފައެވެ. އަމިރު ވިދާޅުވީ ސަރުކާރުން ބަޖެޓް ޕްލޭނާއި އެއްގޮތަށް ކުރިއަށް ގެންދިޔަ ނަމަ ބަޖެޓް 57 ބިލިއަން ރުފިޔާ އަށް އަރަން ނުޖެހޭނެ ކަމަށެވެ. މިހާރު ފެނިގެން މި ދަނީ އިސްލާހީ ފިޔަވަޅު ލަސްވުމުންކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އިސްލާހީ ފިޔަވަޅު ލަސްވުމަކީ ފައިނޭންސިން ގެޕް ވެސް ބޮޑުވެގެންދާކަމެއް ކަމަށް އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ބަޖެޓް ފޮތުގައި ފާހަގަކޮށްފައިވާ ފަދައިން ޑެފިސިޓް ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޭސްލައިންގަ އޯވަރއޯލް ޑެފިސިޓަކީ 14 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި ބަޖެޓްގައި ހިމަނާފައިވާނީ 4 ވަނަ ކުއާޓާގައި ރިފޯމްތައް ފެށިއްޖެ ނަމަ ގާތްގަނޑަކަށް 916 މިލިއަން ރުފިޔާގެ ޑެފިސިޓެއް އަންނާނެ ކަމަށް ލަފާކޮށްފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އެ ބަދަލުތައް ތަންފީޒު ނުކުރެވިއްޖެ ނަމަ 1.8 ބިލިއަން ރުފިޔާ ހޯދަން ޖެހޭނެ ކަމަށާއި މިހާރު ވެސް އެ ފިޔަވަޅުތައް އަލަން ލަސްވެފައިވާ ކަމަށް ޤަބޫލުކުރައްވާ ކަަމށް އަމީރު ވިދާޅުވިއެވެ.

މިހާތަނަށް އައި އިރު ބަޖެޓް ފައިނޭންސް ކުރަން އެއްވެސް މިންވަރެއް ސަރުކާރަށް ހޯދިފައި ނުވާކަން އަމީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ފައިސާ ހޯދާނެ ގޮތެއް ވެސް ސަރުކާރަށް ނޭނގޭ ކަމަށާއި މިހާރުވެސް އޭގެ ހިތި ނަތީޖާ ފެންނަމުންދާ ކަަމަށް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ ޚަރަދު ކުޑަ ނުކުރެވޭ ކަމަށާއި، ސިޔާސީ މުވައްޒަފުން އިންތިހާ އަށް ގިނަ ކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު އިތުރަށް ވިދާޅުވީ ޕީއެސްއައިޕީ ބަޖެޓަށް 3.2 ބިލިއަންރ ރުފިޔާ އިތުރުވާނެ ކަމަށް ސަރުކާރުން މަޖިލީހުގައި ބުނެފައިވާ ކަމަށެވެ. ފަންޑު ލިބިގެން ހިންގާ މަޝްރޫޢުތައް އަވަސްވުމުގެ ސަބަބުން ބަޖެޓް ބޮޑުވުމަކީ މައްސަލަ އެއް ނޫން ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. ޕްރޮޖެކްޓްތައް ހިންގަން ވާނީ އޭގެ ފައިދާ އިޤްތިޞާދަށް އަންނަ ގޮތަށް ކަމަށް އަމީރު ވިދާޅުވިއެވެ. އިންޑައިރެކްޓް ސަބްސިޑީގެ ސަބަބުން ބަޖެޓަށް 3 ބިލިއަން އިތުރުވާކަމަށް ސަރުކާރުން ބުނާ އިރު އެކަން އެނގި ތިބެ ރިފޯމްގެ ފިޔަވަޅުތައް ސަރުކާރުން ލަސް ކުރީ ކޮން ސަބަބެއް އޮވެގެންތޯ އަމިރު ވަނީ ވިދާޅުވެފައެވެ. މިއީ ސަބްސިޑީ ރިފޯމް ނުކުރެވުމުގެ ނަތީޖާ ކަމަށް އަމީރު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް