Advertisement
ކ. މާލެ
|
24 އޯގަސްޓް 2024 | ހޮނިހިރު 18:46
 ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން
މިހާރު
މުހުތާޒްގެ މަޤާމް ބަދަލުކުރުން
ޕީޖީގެ މަޤާމަށް ގެންނަން އުޅޭކަމަށް އަޑު ފެތުރިފައިވާ މުހުތާޒް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް!
މިހާ ކައިރިކައިރީގައި މަޤާމުތަކަށް އައްޔަން ކުރާ މީހުން ވަކިކުރުމާއި، އައްޔަން ކުރާ މީހުން ބަދަލުކުރާ މަންޒަރު ފެންނަ ސަރުކާރެއް މިހާތަނަކަށް އަދި ފެނިގެނެއް ނުދޭ
މުހުތާޒް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަޤާމުގައި މީގެ ކުރިން ހުންނެވި މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ.

އޭނާ އެ މަޤާމަށް އައްޔަން ކުރައްވާފައި މި ވަނީ ޕީޖީގެ މަޤާމަށް އައްޔަން ކުރުމަށް އޭނާގެ ނަން ހުށަހަޅުއްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. މި ސަރުކާރުގެ ބޮޑު މެޖޯރިޓީ އެއް އޮތް މަޖިލީހުން ވަނީ ކުރިން ޕީޖީގެ މަޤާމުގައި ހުންނެވި ހުސައިން ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ، އޭނާ މަޤާމުން ވަކިކޮށްފައެވެ. އެހެންކަމުން ޕީޖީގެ މަގާމު މި ވަގުތު އޮތީ ހުސްކޮށެވެ. މުހުތާޒު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ ވެސް ޕީޖީގެ މަޤާމް އަދާކުރައްވާފައެވެ.

Advertisement

މުހުތާޒް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މުހުތާޒް އޭނާ ކުރިން ހުންނެވި މަޤާމަށް އައްޔަން ކުރެއްވިތާ އަހަރެއްވެސް ނުވަނީސް ކުއްލި ގޮތަކަށް އެހެން ވުޒާރާއަކަށް ބަދަލުކުރެއްވި ސަބަބު ސަރުކާރުގެ ކަމާއި ގުޅުން ހުރި އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މުހުތާޒްގެ މަޤާމް ބަދަލުކުރައްވާފައި މި ވަނީ ރައީސް އޮފީހުގައި އާއި ރައީސް އަށް ލަފާދެއްވާ ބޭފުޅުންގެ ގޮތުގައި ތިއްބެވި އިތުބާރު ނުހިފޭ ބޭފުޅުން ދުރުކުރަމުންދާ ކަމަށް ފާޑުކިޔާ ސިޔާސީ ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެ ނޫން އިދާރާތަކުގައި ތިބި މީހުން ވެސް ބަދަލުކުރުމާއި، ވަކިކުރުން ވަނީ ފަހަކަށް އައިސް އާއްމުވެފައެވެ. މިހާ ކައިރިކައިރީގައި މަޤާމުތަކަށް އައްޔަން ކުރާ މީހުން ވަކިކުރުމާއި، އައްޔަން ކުރާ މީހުން ބަދަލުކުރާ މަންޒަރު ފެންނަ ސަރުކާރެއް މިހާތަނަކަށް އަދި ފެނިގެނެއް ނުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް