މަނާ ސަރަހައްދުތަކުގައި ދުންފަތު އިސްތިއުމާލުކުރާނަމަ އަޅާ ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުވައި މިނިސްޓަރު ހަލީލު ވިދާޅުވީ ދުންފަތާ ދުރު މުޖުތަމައުއެއް ބިނާ ކުރުމަށް މަސައްކަތް ކުރާ ކަމަށާއި، މިހާރު ވެސް ދުންފަތު އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތައް ކަނޑައަޅާފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އެޅުން ހަރުކަށި ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު ހަލީލު ވިދާޅުވީ އެ މަސައްކަތުގެ ދިރާސާތައް ނިމިފައިވާ ކަމަށެވެ. އަދި މުސްތަގުބަލުގައި ގަވާއިދާ ހިލާފުވާ މީހުންނަށް މިހާރަށް ވުރެ ބޮޑު އަދަބެއް ދެވޭނެ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ހަލީލު ވިދާޅުވީ ކެއުންބުއިމުގެ ޚިދުމަތް ދޭ ތަންތަނުގައި ވެސް ދުންފަތު އިސްތިއުމާލު ކުރުން މަނާ ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ދުންފަތު އިސްތިއުލާމު ކޮށްގެން އެފަދަ މައްސަލަތަކުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިންސްޕެކްޝަން ވަރުގަދަ ކުރާނެ ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ.
ދުންފަތުގެ މިމައްސަލާގައި ހުރި ފިޔަވަޅުތައް ހަރުކަށި ކުރުމަށްޓަކައި ހަދަންޖެހޭ ދިރާސާތައް މިހާރު ވަނީ ނިމިފައި. އެކަން ވެސް ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅުގަނޑުމެން އެތަންފީޒު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ބަލަނީ ކައިރި މުސްތަގުބަލެއްގައި ފެށޭނެ އިންތިޒާމް ހަމަޖެހޭތޯ. އެހެންވީމަ އެކަމަކަށް ކަނޑައެޅޭ އަދަބުތައް އެ ގާނޫނާ ހިލާފުވުމުގެ ސަބަބުން ބޮޑު ވުމުގެ ފުރުސަތު މީގެ ތެރޭގައި އަޅުގަނޑުމެންނަށް މިހާރު މިކުރެވޭ މަސައްކަތުން އަޅުގަނޑުމެންނަށް އެބަ ފެނޭ ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް. މިސާލަކަށް ދުންފަތް ބޭނުންކުރުމަށްޓަކައި ސިނގިރޭޓް ބުއިމަށްޓަކައި ކަނޑައަޅާފައި އޮންނަ ޑެޑިކޭޓެޑް އޭރިޔާއެއް ބޭރުން ސަރަހައްދުން ބޭރުން ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށްވާނަމަ އެތަންތަން ވެސް ވަނީ ބަންދު ކުރެވިފައި. ސްޕޮޓް ޗެކް ކުރާއިރު. އެއީ އެޗްޕީއޭއިން ކުރަމުން ގެންދަވާ ކަމެއް މިހާރު ވެސް. އެހެންވީމަ މުސްތަގުބަލުގައި ވެސް އެކަން އޮންނާނީ އެގޮތަށް. އަޅުގަނޑު މިދައްކަނީ މި ގާނޫނު އައުމަށްފަހު މިހާރަށް ވުރެ ވަރުގަދަކޮށް ސަރވިއެލެންސްގެ މަސައްކަތްތައް އަޅުގަނޑުމެން ކުރެވެމުން ގެންދާނަން.ހެލްތް މިނިސްޓަރު އަބްދުﷲ ހަލީލް
ދެހާސްދިހަ ވަނަ އަހަރު އަމަލު ކުރަން ފެށި ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން އާންމުކޮށް ހުޅުވާލެވިފައިވާ ސަރަހަރައްދުތަކުގެ ތެރެއިން ގިނަ ބަޔަކު އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. އަދި މަގު މަތިން ވަދެ ނިކުމެވާ ދޮރާށިތަކާއި ގޭޓުތަކުގެ ކުރިމަތިތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. ކެފޭ/ރެސްޓޯރެންޓް ތަންތަނުގައި ވެސް ދުންފަތު އިސްތިއުމާލު ކުރުމަށް ވަކި ޚާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައި ހުންނަން ޖެހެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގައި އެކަން ކުރާ މީހެއް 500 ރުފިޔާއިން ޖޫރިމަނާ ކުރެވެ އެވެ. ނަމަވެސް މިހާރު މި ގާނޫނަށް ބެލުމެއް ނެތި ދުންފަތު އިސްތިއުމާލު ކުރުމަކީ އާއްމު ކަމެކެވެ. ސަރުކާރުގެ އިދާރާތަކުން ފިޔަވަޅެއް ނާޅައެވެ.