Advertisement
ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 00:02
ދައުލަތުގެ މީޑިއާ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ދައުލަތުގެ މީޑިއާ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ވެހިކަލް ރަޖިސްޓްރީ ނުކޮށްދޭ މައްސަލަ
ރާއްޖޭގައި ދިވެހިންނަށް ވެސް ވަގަށް އުޅެން މަޖުބޫރުކުރުވާފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފި
ޕާކު ކުރާނެ ޖާގަ ނުދައްކާ ވެހިކަލްތައް ޓޯ ކޮށް ގެއްލުން ދަނީ ދެމުން
މިސަރުކާރުން ބޭނުންވަނީ ވަޒީފާއަށް ސަލާން ޖެހުމަށް
މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ގޮވާލާފައިވޭ

ވެހިކަލް ރަޖިސްޓްރީ ނުކުރެވޭ މައްސަލައާގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، ރާއްޖޭގައި ދިވެހިންނަށް ވެސް ވަގަށް އުޅެން މަޖުބޫރުކުރުވާފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.

ވެހިކަލް ރަޖިސްޓްރީ ނުކޮށްދޭ މައްސަލައާއި ވެހިކަލް ޓޯ ކުރަމުންދާ މައްސަލައިގައި ހިތް ހަމަ ނުޖެހުންފާޅު ކުރުމުގެ ގޮތުން ދައުލަތުގެ މީޑީއާ (ޕީއެސްއެމް) ކުރިމަތީގައި ޒުވާނުންތަކެއް ވަނީ ބުދަ ދުވަހުގެ ރޭ 8:45 ހާއިރު މުޒާހަރާކޮށްފައެވެ. ޕީއެސްއެމްގެ ކުރިމަތީގައި މުޒާހަރާކުރީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވަޑައިގަންނާވާތީ އެބޭފުޅާއަށް އަޑު އިއްވުމުގެ ގޮތުން ކަމަށް މުޒާހާރާގެ ބައިވެރިން ބުނެފައިވެއެވެ.

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ހުރިހާ ކަމެއް ރަނގަޅު ކުރުމަށް އައި ސަރުކާރަކުން އަމަލުކުރަމުންދަނީ ރައްޔިތުންނަށް އެކަމުގެ އުދަނގުލާ ދަތިކަން ލިބޭ ގޮތަށް ކަމަށެވެ. ޕާކު ކުރާނެ ޖާގަ ދައްކާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް ޕާކު ކުރާނެ ޖާގަ ނުދައްކާ ވެހިކަލްތައް ޓޯ ކޮށް ގެއްލުން ދެމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

Advertisement

ވެހިކަލްތައް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ނުދޭކަން ފާހަގަކޮށް މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ކާރުގެ އަގަށްވުރެ ބޮޑު ގަރާޖު ސިޓީ ބޮޑު ކަމަށާއި، ނަމަވެސް ސިޓީއާއެކު ވެސް ރަޖިސްޓްރީ ނުކޮށްދޭ ކަމަށެވެ. ފިޔަވަޅު އަޅަން ވާނީ ގޮތެއް ދެއްކުމަށްފަހު ކަމަށާއި، ނަމަވެސް މިގައުމުގައި ދިވެހިންނަށް ވަގަށް އުޅެން މަޖުބޫރު ކުރުވަމުންދާ ކަމަށް އެމީހުން ބުނެއެވެ.

މީގެ އިތުރުން ގަރާޖުގެ ސިއްހަ ނޫން ސިޓީތައް ބޭނުންކުރާ ކަމަށް މިސަރުކާރުން ބުނެފައިވާއިރު، އެއީ މިއަދުގެ ރައީސް މުއިއްޒު މާލެސިޓީ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު ދޫކޮށްފައިވާ ޖަރާޖު ސިޓީ ކަމަށް އެމީހުން ތުުހުމަތު ކޮށްފައިވެއެވެ.

މާލެއާއި ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތަކުގެ ރަޖިސްޓްރީއާ އެހެނިހެން ކަންކަން އިސްލާހުކުރަންދެން، ވަގުތީގޮތުން އެ އުޅަނދުތައް ބޭއްވުމަށް ސަރުކާރުން ބިން ހަމަޖައްސާފައިވާތީ އެކަމާ ގުޅޭގޮތުން މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ވެހިކަލް ޕާކްކޮށްފައި ބޭއްވުމަށް ލިބޭނީ 40 ދުވަހުގެ މުއްދަތެއް ކަމަށްވާތީ އެއީ ދެމުންދާ އިންޒާރެއް ކަމަށެވެ. އަދި މައްސަލާގެ ހައްލު ނުލިބޭކަން މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.

އަޅުގަނޑަކީ ވަޒީފާއެއް އޮތް މީހެއް ނޫން. ހަމައެކަނި ޓެކްސީ މިކުރަނީ. އަޅުގަނޑު ބުނާނީ ތެދަށް. މިއަދު މި ދުއްވަނީ ވަގު ބޯޑު ޖަހައިގެން. މިހާރު އެއުޅެނީ ބިދޭސީން ވަގުވިސާ. މިހާރު ދިވެހި ރައްޔިތަކަށް ވެ އަޅުގަނޑު ވެސް އުޅެންޖެހެނީ ވަގަށް. މިސަރުކާރު އައި މަ. ސަރުކާރާ ދެކޮޅަށް ނޫން މިހުރީއެއް. ގެނެސްފައި މިހުރި މިނިސްޓަރެއްގެ ސަބަބުން އަޅުގަނޑުމެން ހަނާ ވާތީ މިއުޅެނީ. ގަރާޖުގެ އަގު އުޅެނީ ދެލައްކައިން ތިއްކަ ރުފިޔާއިން. ކާރުގެ އަގަށްވުރެ ބޮޑު ގަރާޖު ލެޓަރ. އެގަނެގެން ވެސް ގޮސްފައި ރަޖިސްޓްރީނުވާތީ މައްސަލައަކީ. އަޅުގަނޑުމެންނަށް ގޮތެއް ދައްކާފައި ފިޔަވަޅު އަޅާށޭ. އަނިޔާގެ ވާހަކަ މިދައްކަނީ. އަނިޔާ ލިބެންޏާ އަޑު އުފުލާނަން. އެއީ ލިބޭ ހައްގެއް.
މުޒާހަރާގެ ބައިވެރިއެއް

މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ މިސަރުކާރުން ބޭނުންވަނީ ވަޒީފާއަށް ސަލާން ޖެހުމަށް ކަމަށާއި، ނަމަވެސް އެގޮތަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

ދައުލަތުގެ މީޑިއާ ކުރިމަތީގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

އަނިޔާލިބޭއިރު، އަނިޔާގެ ވާހަކަ ދައްކާނެ ކަމަށާއި، މައްސަލައަށް ހައްލެއް ލިބެންދެން އަޑު އުފުލާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ. އަދި މިނިސްޓަރު އަމީންއަކީ ފެއިލްވެފައިވާ ބޭފުޅެއް ކަމަށާއި، އިސްތިއުފާ ދިނުމަށް ގޮވާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް