ލޭނު މަސްވެރިކަމަށް ހުއްދަދެނީ ލިބޭ ނަފާ އިތުރު ކުރުމަށް ކަމަށާއި، ކުރީ ސަރުކާރުގައި އެކަން ހުއްޓުވީ ސިޔާސީ ގޮތުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ފިޝަރީޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ވަނީ ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން މަސައްކަތް ކުރާއިރު، ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ އިންޒާރު އަދި މަސްވެރިކަމާބެހޭ ގިނަ ޖަމިއްޔާ ޖަމިއްޔާތަކުން މިކަމާ ދެކޮޅު ހަދަމުންދާއިރު، ހުއްދަ ދިނުމަށް ސަރުކާރުން މަސައްކަތް ކުރަނީ ކީއްވެތޯ އަހާފައެވެ. އަދި ރާއްޖޭގެ އުފެއްދުންތައް ބައިކޮޓްކުރާނެ ކަމަށް މީގެ ކުރިން ދީފައިވާ އިންޒާރާއި، އަދި ފްރީ ޓްރޭޑް އެގްރިމެންޓަށް ހުރަސް އެޅިދާނެ ކަމަށް އެގައުމުތަކުން ބުނަމުންދާއިރު، ސަރުކާރުން މިކަން ކުރަން ނިންމި ސަބަބު ސާފުކޮށް ދިނުމަށް އަހާފައިވެއެވެ.
މިސުވާލުތަކާ ގުޅިގެން މިނިސްޓަރު ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުގައި 2019 ވަނަ އަހަރުގެ ތެރޭގައި ލޭނު މަސްވެރިކަން ހުއްޓާލީ ސިޔާސީ ގޮތުން ކަމަށާއި، ޔޫރަޕިއަން ޔުނިއަންގެ އެއްވެސް އިންޒާރެއް ލިބިގެން ނޫން ކަމަށެވެ. ނަމަވެސް ލޭނު މަސްވެރިކަން ކުރާއިރު، ވަކި މިންގަނޑަކާ އެއްގޮތަށް އެމަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. އަދި މިނިސްޓަރު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަމަކީ އެހެން ގައުމުތަކުން ވެސް ކުރަމުން އަންނަ މަސްވެރިކަމެއް ކަމަށެވެ.
2019 ވަނަ އަހަރު އޭރުގެ ސަރުކާރުން ލޭނު މަސްވެރިކަން ހުއްޓާލަން ނިންމީއިރުގަައި އޭރުގައި ހުއްޓާލެއްވީ އީޔޫގެ ވަކިކަހަލަ ވާނިންތަކެއް ހުރެގެން ކަމަށް. އަޅުގަނޑަށް ދަންނަވަންކެރޭ އޭރު ލޭނު މަސްވެރިކަން އޭރު ހުއްޓާލީ ސިޔާސީ ޑެސިޝަނެއް އެއީ އެނގޭތޯ. އެއްވެސް ހާލަތެއްގައި އީޔޫއަކުންނެއް ލޭނު މަސްވެރިކަން ހުއްޓާލާކަށް ދިވެހިރާއްޖެއަށް ނާނގާ. އެއީ ކޮންމެ ހަރަކާތަކަށް ވެސް ވަކިން ޚާއްސަކޮށް ފިޝަރީޒް ރާއްޖޭގައި މިކުރެވޭ މަސްވެރިކަމަކީ ކޮންމެ ގައުމެއްގައި އެއީ މަސްވެރިކަން ކަމަށް ވިޔަސް ކޮންމެ ސިނާއަތެއް ކަމަށް ވިޔަސް އެކަންކަން ކުރަން ހުންނާނެ ވަކި މިންގަނޑުތަކެއް. އިންޕްރޫވް ކުރަންޖެހޭ. ވަކި ސްޓޭންޑަޑްތަކެއް ހުންނާނެ. ބައިނަލްއަގުވަމީ ޖަމާއަތްތަކާއެކު މަސައްކަތް ކުރާ ކަމަށްވަންޏާ އެބަޖެހޭ އެޖަމާއަތްތަކުގެ ނިންމުންތަކާ އެ ޖަމިއްޔާތަކުގެ ނިންމުންތަކުގެ މައްޗަށް އެކުލެވިފައި ހުންނަ ބައެއް ކަހަލަ ސްޓޭންޑްތަކުގައި މީޓް ކުރަން. އެގޮތުން ދިވެހިރާއްޖޭގައި ލޭނު މަސްވެރިކަމުގައި އިންޕްރޫވް ކުރަން ހުރި ކަންތައްތަކެއް ބަދަލުކުރަން ހުރި ކަންތައްތަކެއް އޭގައި ހުރީ. އެއްވެސް ހާލެއްގައި ލޭނު މަސްވެރިކަން ހުއްޓާލާކަށް އީޔޫއަކުން އަންގާފައި އޮވެގެން ނޫން އެކަންތައްތައް ހުއްޓާލީއެއް. އެއީ ސީދާ ސިޔާސީ ގޮތުން އޭރުގައި ނެގި ޑެސިޝަނެއް މިއޮތީ.ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސައްކަތް ކުރަނީ މަސްވެރިކަން ސިންދަފާތު ކުރުމަށް ކަމަށާއި، ލޭނު މަސްވެރިކަމަށް ހުޅުވާލާއިރު، އުދަނގޫތަކެއް ހުންނާނެ ކަމަށެވެ. ގިނަ ގައުމުތަކުން މަސްވެރިކަން ކުރާއިރު، އެއީ ވާދަވެރިން ކަމަށާއި، ނަމަވެސް އުދަނގޫތަކާއެކު ކުރިއަށް ދެވޭނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ލޭނު މަސްވެރިކަމުގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެކަންކަން ވެސް ރަނގަޅުކޮށް މެނޭޖް ކުރާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ ޓެރިފް ބޮޑުވެގެން ޓެރިފް ކުޑަކުރުމަށް މަސައްކަތް ކުރާތާ 12 އަހަރުވެފައިވާ ކަމަށާއި، ނަމަވެސް އެކަން ކާމިޔާބު ނުވާ ކަމަށެވެ. ރާއްޖެއަކީ ސަސްޓެއިނަބަލް ފިޝަރީޒްގެ ޗެންޕިއަނުންކަން ފާހަގަކުރައްވައި މިނިސްޓަރު ޝިޔާމް ވިދާޅުވީ މީގެ ކުރިން ކުރަމުންދިޔަ މަސައްކަތެއް ނުކޮށް ތިބެން ނުޖެހޭ ކަމަށާއި، އެ މަސައްކަތް ރަނގަޅު ގޮތުގައި ކުރުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަގީގަތުގައި މިއަދު 12 އަހަރު ދުވަސް ވަންދެން މިހައި ސަސްޓެއިނަބަލްކޮށް އަޅުގަނޑުމެން މަސައްކަތްކޮށް ވަކިން ޚާއްސަކޮށް ފިޝަރީޒް މަސްވެރިކަން ކުރާ ބަޔަކަށް އެހެން ބައެއް ދާ އަޅާ ގައުމުތަކާ އެހެން ބައެއްކަހަލަ ލޭނު މަސްވެރިކަން ކުރާ ފަރާތްތަށް ލިބޭ ލުއިތައް ކީއްވެގެންތޯ އަޅުގަނޑުމެންނަށް ނުލިބެންވީ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ނޫސްވެރިން ސުވާލު އުފައްދަން ވެއްޖެ ކަންނެންގެ މިކަންކަމާ ދޭތެރޭގައި. އަަޅުގަނޑުމެން ސަސްޓެއިނަބަލް ފިޝަރީޒް ތެރޭގައި އެހާ ވަރުގަދައަށް ތިބެ އަޅުގަނޑުމެންނަށް ކީއްވެގެންތޯއޭ މިވަރުގެ ބޮޑު ޑިއުޓީއެއް އަޅުގަނޑުމެން އެޕްލައި ކުރަންވީ ފުރަތަމަ ކަމަކަށް. މަސްވެރިކަމުގެ ގޮތުގައި ވާހަކަ ދައްކާ. ސަސްޓެއިނަބަލް ފިޝަރީޒްގެ ވާހަކަ ދައްކާ ކަމަށްވަންޏާ. ޔޫކޭއާއެކު ކުރިއަށް ގެންދާ ފްރީ ޓްރޭޑް އެގްރިމެންޓް އަޅުގަނޑުމެން ދެން ސަރުކާރުން ތި ވިދާޅުވި މައުޟޫގައި އެއްވެސް ކަހަލަ އުދަނގުލެއް އުޅޭ ކަމަކަށް އަދި އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިނުވޭ.ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން ލޭނު މަސްވެރިކަން ކުރަން ބޭނުންވެ އެކަން ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި ކަންނެލި މަސްވެރިކަން ތަމްސީލުކުރާ ޖަމިއްޔާގެ ބައެއް މީހުން ވެސް ލޭނުގެ މަސްވެރިކަމަށް ދާން ބޭނުންވާކަން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ ލޭނު މަސްވެރިކަމުން ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށާއި، 99 އިންސައްތަ ކަނޑު ހިއްސާކުރާއިރު، އެކަނޑުގެ ރޯދިން ނަފާ އިތުރުކުރަންޖެހޭ ކަމަށެވެ. ލިބޭ އާމްދަނީ އިތުރުކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާއި، ތަރައްގީއަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
އަދި ދިވެހިންނަށް އިތުރަށް ފުރުސަތުތައް ވަކި ޚާއްސަކޮށް މަސްވެރިކަމުގައި ކަންނެލި މަސްވެރިކަމުގައި އުޅުއްވާ ފަރާތްތަކަށް ވަރަށް ގިނަ ބޭފުޅުން ވިދާޅުވޭ އަޅުނޑުމެންގެ ގާތުގައި އެބަ ވިދާޅުވޭ ތިމަންނަމެން ވެސް ބޭނުންވެއޭ ލޭނުގެ މަސްވެރިކަމަށް ދާން. އެއާއެކު ކަންނެލި މަސްވެރިކަން ތަމްސީލުކުރާ ޖަމިއްޔާއިން ވެސް ތިބޭފުޅުންގެ ވާހަކަތަކުން ވެސް އެބަ ވިދާޅުވޭ ބޭނުންވެއޭ ލޭނުގެ މަސްވެރިކަމަށް ދާން. ލޭނުގެ މަސްވެރިކަމަކީ ވެސް މަސްވެރިކަމުގެ ބާވަތެއް އަދި އިންތިހާއަށް ދިވެހިރާއްޖެއަށް އެބާވަތްތަކުން އެކަން ކޮށްގެން އެކްޓިވިޓީން އާމްދަނީ އިންތިހާއަށް އިތުރު ކުރެވެން އޮތް ކަމެއް ކީއްވެގެން ތޯ އަޅުގަނޑުމެން ނުކުރަންވީ. އެމަސްވެރިކަން އަޅުގަނޑުމެން ވެސް މިމަސައްކަތް ކުރަނީ ކަޅުބިލަމަސްވެރިކަން ކުރާ ގޮތަށް އޭގައި އޮތް އެންމެ ސަސްޓެއިނަބަލް ނޫނިއްޔާ އޭގައި އޮތް އެންމެ ރަނގަޅު މެނޭޖްމަންޓެއް އެޕްލައި ކުރެވޭތޯ އަޅުގަނޑުމެން މިބަލަނީ.ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
މިނިސްޓަރު ޝިޔާމް މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ލޭނު މަސްވެރިކަމާ ދެކޮޅަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން ހިމެނޭ ގޮތަށް ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ދަނީ އެކަމާ ދެކޮޅު ހަދައި، ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމާ ފަތުރުވެރިކަމަށް އެކަމުގެ ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.