Advertisement
ކ. މާލެ
|
21 އޯގަސްޓް 2024 | ބުދަ 17:29
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ޙަލީމް
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ޙަލީމް
ރާއްޖެއެމްވީ
ހޮސްޕިޓަލުތަކުގެ ހިންގުން
ހޮސްޕިޓަލުތަކުގެ އެކަށީގެންވާ "ބެޑް ކެޕޭސިޓީ" ނެތުމަކީ ދިމާވާ ގޮންޖެހުމެއް: މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް
ހޮސްޕިޓަލަށް ގެނެވޭ ބަލި މީހުންނާ ހަވާލުވާނެ ފަރާތްތައް ނެތުމަކީވެސް ދިމާވާ ގޮންޖެހުމެއް
ހަމައެކަނި ޑޮކްޓަރުންނާއި ޚިދުމަތްތައް އިތުރުކޮށްގެން ޚިދުމަތްތައް ރަނގަޅެއް ނުވޭ

ހޮސްޕިޓަލުތަކުގެ އެކަށީގެންވާ "ބެޑް ކެޕޭސިޓީ" ނެތުމަކީ ދިމާވާ ގޮންޖެހުމެއްކަމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.

އޭނާ އެހެން ވިދާޅުވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement

އޭނާ ވިދާޅުވީ، ހޮސްޕިޓަލުތައް ހިންގުމުގައި އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި، އޭގެ ތެރެއިން އެއް ކަމަކީ ހޮސްޕިޓަލުތަކުގެ އެކަށީގެންވާ "ބެޑް ކެޕޭސިޓީ" ނެތުން ކަމަށެވެ. އެގޮތުން އާބާދީއާ އެއްވަރަށް ޚިދުމަތްތަކުގެ ފެންވަރުވެސް އިތުރުވާން ޖެހޭކަން ފާހަގަ ކުރައްވައި އޭނާ ވަނީ ހަމައެކަނި ޑޮކްޓަރުންނާއި ޚިދުމަތްތައް އިތުރުކޮށްގެން އެކަން ނުކުރެވޭނެކަން ފާހަގަ ކުރައްވާފައެވެ.

މި ސަރަޙައްދުގައި އާބާދީ އިތުރުވަމުންދާ މިންވަރަށް ހޮސްޕިޓަލުތަކުގެ ބެޑް ކެޕޭސިޓީ އިތުރު ކުރެވިފައިނުވާތީ އަޅުގަނޑުމެންނަށް މިކަން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މި ވަނީ، ޚިދުމަތްތައް ފުޅާ ކުރެވިދާނެ، މޮޅެތި ޑޮކްޓަރުންވެސް އަޅުގަނޑުމެންނަށް ގެނެވިދާނެ، މި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރިއަށް ގެންދާއިރު ޚިދުމަތް ދީފައި ހޮސްޕިޓަލުގެ ވަސީލަތްތައް އިތުރު ނުކުރެވޭނަމަ ސޭމް ސްޓޭޓަސް ކޯގައޭ އަޅުގަނޑު ދަންނަވާނީ ތިބެވޭނީ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާޤު ޙަލީމް

އޭގެ އިތުރުން، އެލައިޑް ހެލްތް ކެއަރ ގެ އެކަށީގެންވާ ތަޖުރިބާ ހުރި މީހުން ހޯދުމުގައިވެސް ގޮންޖެހުންތައް ހުރިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެހެން ދިމާވަނީ ރާއްޖޭގައި އެކަމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުން ނެތުމުންކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތުގައި ރާއްޖެއިން ބޭރުން މީހުން ގެނައުމުގައިވެސް ގޮންޖެހުންތައް އެބަހުރިކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދިވެހިން ލިބުން ދަތި ފަންނީ އެކި ކަހަލަ މަސައްކަތްތަކަށް ބިދޭސީން ހޯދުމުގައިވެސް ބައެއް ފަހަރު ދަތިތައް ކުރިމަތިވާ ކަމަށެވެ.

އޭގެ އިތުރުން، ހޮސްޕިޓަލަށް ގެނެވޭ ބަލި މީހުންނާ ހަވާލުވާނެ ފަރާތްތައް ނެތުމަކީވެސް ދިމާވާ ގޮންޖެހުމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް ބިދޭސީންނާ ހަވާލުވާނެ މީހެއް ނެތިގެން ތިބެންޖެހޭ ފަހަރު އަންނަކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވަނީ އޭގެ އިތުރުންވެސް އިތުރު އެކިއެކި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް