ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް، އަޙުމަދު ޠާރިޤް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ވެސް ކުރައްވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން އަންނަ ޓޮމް އެހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓާ އެކު ޓޮމް ވަނީ މިހާރު އެފްއޭއެމް އޮތް ޙާލަތު ފެންނަ މަންޒަރުތަކުގެ ފޮޓޯތައް ވެސް ޙިއްސާ ކުރައްވައިފަ އެވެ.
އެ ޕޯސްޓުގައި ޓޮމް ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ނޯމައިޒިން ކޮމެޓީގެ އެންމެހާ މެމްބަރުންނަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި އެފްއޭއެމް ހިންގަން ތިބި ވެރިން ވެފައިވާ އިހުމާލުތައް ބަލާ ފިޔަވަޅު އެޅެންވާނެ ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ އެފްއޭއެމްގެ ހާލަތު އޮތް ގޮތްކަން ފާހަގަ ކުރައްވައި ޓޮމް ވިދާޅުވީ، ދެރައީ އަދި ވެސް އިންތިޚާބަކަށް އިއުލާން ކުރުމާއެކު ވާދަ ކުރަނީ އެ ޙާލަތަށް އެފްއޭއެމް ވައްޓާލި ރައީސް ބައްސާމް އަދީލް ޖަލީލް އާއި އޭނާގެ ހިންގާ ކޮމެޓީގައި ތިބި ފަރާތްތައް ކަމަށެވެ. އެކަމުގައި ހިތާމައިގެ ކޮޅެއް ނެތް ކަމަށް ވެސް ޓޮމް ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެފްއޭއެމްގެ އިންތިޚާބު ބާއްވަން މަސައްކަތް ކުރި އެވެ. ދެ ފަހަރު ވެސް އިންތިޚާބުގައި ވާދަކުރައްވަން ޓޮމް ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. ދެ ވަނަ ފަހަރަށް އިއުލާން ކުރި އިންތިޚާބުގައި ޓޮމްގެ އިތުރުން ވާދަކުރައްވަން ފޯމު ހުށަހެޅުއްވީ ބައްސާމް އެވެ. ނަމަވެސް ފީފާގެ އެންގުމަށް ވަނީ އެ އިންތިޚާބު މަޑު ޖައްސާލައިފަ އެވެ.
އެފަހުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރާއްޖެ ނޯމަލައިޒް ކުރަން ނިންމައި، ފަސް މެމްބަރުންގެ ނޯމަލައިޒިން ކޮމެޓީއެއް ވެސް ނަގައިފަ އެވެ. އެ ކޮމެޓީގެ ޗެއާމަނަކަށް ހަމަޖެއްސީ ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު ޒުހޫރު އެވެ.