ފަތުރުވެރިމަކީ ރާއްޖޭގެ އިޤްތިސާދުގެ މައިބަދަކަމަށް ވާއިރު އެ ދާއިރާގައި މަސައްކަތް ކުރާ ކަނބަލުންގެ ނިސްބަތް މަދުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްވައިފިއެވެ.
އެކަމަނާ އެފަދައިން ވިދާޅުވީ "މޯލްޑިވްސް ޓްރެވަލް ކޮންފަރެންސް - ވިމެންސް އެޑިޝަން 2024" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިވެހި މުޖުތަމަޢުގެ ކޮންމެ ކަމެއްގައިވެސް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. މެނޭޖްމެންޓް ދާއިރާގައި އަންހެނުންގެ ދާއިރާ އާއި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކުގެ ވާހަކައަކީ ވަކި ދާއިރާ އަކަށް އެކަނި ނިސްބަތްވާ ކަމެއް ނޫން ކަމަށާއި އެއީ އެއަށް ވުރެ ސީރިއަސް މައްސަލަ އެއް ކަަމަށް ސާޖިދާ ވިދާޅުވިއެދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ނިސްބަތުން މަދު ކަމަށާއި އެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ އިންސައްތަ އަކީ 5% ކަމަށް އެކަމަނާ ވިދާޅުވިއެވެ. އެއީ ހަމައެކަނި ތަފާސްހިސާބެއްގެ ގޮތުގައި ނުބެލެވޭނެ ކަަމަށާއި އެއީ އެކަމާއި މެދު ހޭލަން ޖެހޭ ކަމުގެ ނިޝާނެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ އެކަން އެހެން ދިމާވަނީ ބައެއް ރިސޯޓްތަކުގައި އަންހެނުންނަށް ފަހި މާހައުލެއް ނެތުމާއި، އެ ރޯލުތަކުގައި މަސައްކަތްކުރާ އަންހެނުންނާ ގުޅިފައިވާ އިޖުތިމާއީ ނިކަމެތިކަމާއި، މެނޭޖްމަންޓް މަގާމުތަކުގައި އަންހެނުންނަށް ހުރި ފުރުސަތުތައް ހަނިވާ ގޮތަށް ކަންކަން ދެމިއޮތުމާއި، ނިޒާމީ ގޮތުން ދިމާވާ މައްސަލަތަކުންކަމަށެވެ. އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި މެދު ވިސްނާލަން ޖެހޭ ކަމަށާއި އެކަންކަމާއި ކުރިމަތިލުމަށް ކުރެވިދާނެ ކަންކަން އެންމެން ގުޅިގެން ދެނެގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނާއި މެދު ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުން ރަނގަޅު ފުރުސަތުތަކެއް އަންހެނުންނަށް ގެއްލޭ ކަމަށް ސާޖިދާ ވިދާޅުވިއެވެ. އަދި އަންހެނުންނަށް ދިމާވާ ގޮންޖެހުންތައް ދިމާވުމުގައި މުޖުތަމައު ގަބޫލުކުރާ ގަބޫލުކުރުންތައް ވެސް ހުރި ކަމަށް ސާޖިދާ ވިދާޅުވިއެވެ. ވިހެއުމުގެ ޗުއްޓީއާއި އެފަދަ ބޭނުންތައް ދެނެގަނެވޭނެ މަސައްކަތުގެ މާހައުލެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ވަޒީފާ ދިނުމުގައި އަންހެނަކަށްވީތި ތަފާތުކުރުން ގެންގުޅުމަކީ އެއްވެސް ވަރަކަށް ޤަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި އަދި އެއީ މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އެޅޭ ހުރަހެއްކަން ފާހަގަކުރައްވާފައިވެއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން މަސައްކަތްކުރާ ނަަމަ އެކަމާއި މެދު މުޖުތަމައު ދެކޭގޮތް ރަނގަޅު ނޫން ކަަމަށާއި އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ޙަޤީޤީ ބަދަލެއް ގެނެއުމަށް ހަރުދަނާ ސިޔާސަތުތަކެއް ބިނާކުރުމަށް، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަޑު އަހައި، މަސައްކަތުގެ މާހައުލުގައި އެކަނބަލުންނަށް ހުރި ގޮންޖެހުންތައް ދެނެގަތުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވަނީ ހަނދާނީ ލިޔުމެއް އަރުވާފައެވެ.