Advertisement
ކ. މާލެ
|
18 އޯގަސްޓް 2024 | އާދީއްތަ 18:34
 ގައުމީ ތަރައްްޤީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ގުޅިފައިވާ ކޮމިޓީ
ގައުމީ ތަރައްްޤީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ގުޅިފައިވާ ކޮމިޓީ
ރާއްޖެއެމްވީ
ބިނާވެށި ޕްލޭންކުރުން
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާ މެދު ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް!
މި ބިލު އޮތްގޮތާއި މެދު މެމްބަރުންގެ ހިތްހަމަނުޖެހުން ހުރިކަން މެމްބަރުންގެ ވާހަކަތަކުން ހާމަވޭ
މެމްބަރު ސައުދު ވަނީ ފަރުވާކުޑަކޮށް ކުރާ ކަންކަމާއި މެދު ކޮންސްޓްރަކްޝަން ދާއިރާގައި ފިޔަވަޅު އެޅެން ވާނެ ކަމަށް ފާހަގަކުރައްވާފަ
ހައުސިން މިނިސްޓްރީން ބުނީ ބިލު މިހާރު އޮތް ގޮތުން އިމާރާތެއްގެ މަސައްކަތް ކުރާތާ ދެ އަހަރު ތެރޭގައި ފިޔަވަޅު އަޅަންޖެހޭ ކަމަށް

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި މެދު ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހާމަވެއްޖެއެވެ.

އާދިއްތަ ދުވަހު މަޖިލީހުގެ ގައުމީ ތަރައްްޤީ އާއި ތަރިކައިގެ ކޮމިޓީ އާއި ލާމަރުކަޒީ ކޮމިޓީގެ ގުޅިފައިވާ ކޮމިޓީ އަށް މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އަރބަން ޑިވެލޮޕްމެންޓްގެ ޓެކްނިކަލް ބެފުޅުން ވަނީ ހާޒިރުކޮށްފައެވެ. އެ ބޭފުޅުން ހާޒިރުކޮށްފައި ވަނީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.

އާދިއްތަ ދުވަހު އެ ކޮމިޓީ އަށް ވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރ މުހައްމަދު ދިލްޝާން އަބްދުﷲ އާއި ޒުހުރުﷲ ސިޔާދު އަދި ފާތިމަތު ޝާޒީންގެ އިތުރުން ނިޔާޒާ އަނީސްއެވެ.

މެމްބަރުން ވަނީ ތަނެއް ބިނާކުރުން ނޫނީ އިމާރާތްކުރުުމުގެ ތެރޭގައި ގޯސްކޮށް ކަމެއް ހިނގާފަވާކަން އެނގުނު ނަމަވެސް ދެ އަހަރު ދުވަސް ފަހުން އެކަން އެނގިއްޖެ ނަމަ، މި ޤާނޫނުގެ ދަށުން އެއްވެސް ފިޔަވަޅެއް ޕްލޭނިން އިދާރާއަކަށް ނޭޅޭނެ ކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެއީ ޤާނޫނީ އުނިކަމެއް ކަމުގައި މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ވަނީ މާލޭގައި މިހާރުވެސް އުސޫލާއި ޚިލާފަށް ވަރަށް ގިނަ އިމާރާތްތައް އަޅާ ކަަމަށާއި ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަކީ އެކަމަށް ދެވޭ ލައިސެންސެއް ކަމަށް ސިފަކުރައްވާފައެވެ. އަދި އެގޮތަށް އެކަން އޮވެގެން ބިލް ފާސްކުރަން އެއްބާރުލުން ނުދޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވެސް ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސައުދު ވަނީ ފަރުވާކުޑަކޮށް ކުރާ ކަންކަމާއި މެދު ކޮންސްޓްރަކްޝަން ދާއިރާގައި ފިޔަވަޅު އެޅެން ވާނެ ކަމަށް ފާހަގަކުރައްވާފައެވެ. އަދި އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކޮމިޓީގައި ތިބި އެމްޑީޕީގެ މެމްބަރުން ވެސް ވަނީ އެ ބިލު އޮތްގޮތާއި މެދު ނުރުހުން ފާޅުކުރައްވާފައެވެ. މީގެ އިތުރުން ބައެއް މެމްބަރުން ވަނީ ރެގިއުލޭޓަރީ އޮތޯރިޓީތައް ވެސް ޖަވާބުދާރީކުރުވަން ޖެހޭ ކަަމަށް ވިދާޅުވެފައެވެ.

Advertisement

ދިލްޝާން ވިދާޅުވީ ބިލު މިހާރު އޮތް ގޮތުން އިމާރާތެއްގެ މަސައްކަތް ކުރާތާ ދެ އަހަރު ތެރޭގައި ފިޔަވަޅު އަޅާ ނަމަ އަޅަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމަށްޓަކާ ދީފައިވާ މުއްދަތު ބަދަލުކުރެވިދާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އާދިއްތަ ދުވަހުގެ ކޮމިޓީގައި މި ބިލު އޮތްގޮތާއި މެދު މެމްބަރުންގެ ހިތްހަމަނުޖެހުން ހުރިކަން މެމްބަރުންގެ ވާހަކަތަކުން ވަނީ ހާމަވެފައެވެ.

ހައުސިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޒުހުރުﷲ ސިޔާދު ވަނީ ތަނެއް ބިނާކުރާ އިރު ނޫނީ ޤާއިމް ކުރާ އިރު ގޯސްކޮށް ކަމެއް ހިނގާ ނަމަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކަން ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހުއްދަދޭ އިދާރާތަކުގެ ވެސް ޒިންމާތަކެއް ހުންނާނެ ކަމަށާއި އެކަންކަން ކުރާ ނަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ގޯސްކޮށް ހިނގާ ކަންކަން ބެލެންވާނެ ކަމަށް ފާހަގަކުރައްވާފައެވެ. އޭގެ ފަހުން ޑިވެލޮޕާ އާއި މެދު ޖޫރިމަނާކުރުން ނޫނީ ހުއްދަ އެއް ހިފެހެއްޓުން ފަދަ ފިޔަވަޅެއް ނޭޅޭނެކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަމަށްޓަކާ ދީފައިވާ މުއްދަތަށް ބަދަލުތަކެއް ގެނެވިދާނެ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ދިން ހުއްދަ އާއި އެއްގޮތަށް ނޫންގޮތަށް މަސައްކަތްކޮށްގެން މި ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނީ 2 އަަހަރު ދުވަހުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ ޑިރެކްޓަރ ފާތިމަތު ޝާހިން ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ އޭޖީ އަށް ފޮނުވާ ކޮންމެވެސް ވަރަކަށް ޑްރާފްޓް ކޮށްގެން ހުށަހަޅާފައިވާ ބިލެއް ކަަމަށެވެ. އެންމެ މުހިންމު ކަމަކަށް ފާހަގަކުރެވެނީ ޓެކްނިކަލް ނޫނީ އެސެސްމެންޓް ކޮމިޓީ އެއް އެކުލަވާލުމަށް ބިލުގައި ހިމެނުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު ފަންނީ ކޮމިޓީތައް އެކުލަވާލުމުގެ ބާރު މިނިސްޓަރަށް ލިބިދީފައިވީ ނަމަވެސް މިނިސްޓްރީން އެދެނީ ޤާނޫނުގެ ތެރޭގައި ކޮމިޓީގެ ތަފްސީލް ހިމެނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަސްމަގުގައި ފުށުއެރުންތައް ހުރި ކަންކަމާއި، ކުދި ކުދި ބަދަލުތައް ގެންނަން ޖެހޭ ކަންކަން މިނިސްޓްރީ އަށް ފާހަގަކުރެވޭ ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ގޯސްކޮށް ހިނގާ ކަންކަމާއި މެދު ފިޔަވަޅު އެޅޭނެ މަގު ފަހިވެފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް