ކ. މާލެ
|
17 އޯގަސްޓް 2024 | ހޮނިހިރު 15:05
އިސްރާއީލް ޕާސްޕޯޓު
އިސްރާއީލް ޕާސްޕޯޓު
ރާއްޖެއެމްވީ
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު - ކޮމިޓީގައި ތާށިވެފައި އޮންނަތާ 70 ދުވަސް ވަނީ
އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު ކޮމިޓީގައި ތާށިވެފައި އޮންނަތާ 70 ދުވަސް ވެގެންދާއިރު ސަރުކާރުގެ ތެރެއިން އެންމެ ކުޑަމިނުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްނުލަ އެވެ.

މި ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމަށްޓަކައި ކުރަމުންދާކަމަށް ބުނާ މަސައްކަތުގައި ސަރުކާރުން "ފޭކް ޖައްސާ" ކަމަށް މިއަދު ގިނަ ބަޔަކު ޤަބޫލު ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ފަލަސްތީނުގައި އެމެރިކާގެ ވާގިވެރިކަމާއެކު އެހާ ބޮޑު ޤަތުލުއާންމެއް ހިންގަމުންދާއިރު، ރާއްޖެއިން އެމެރިކާއާ ގުޅުން ބަދަހި ކުރުމަށް ކުރާ މަސައްކަތާއި، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުންދާ ހަމާސްގެ ވެރިޔާ އަވަހާރަ ކޮށްލުމުން ސަރުކާރުން އެކަން ކުށްވެރިކޮށްނުލައި ދިޔަ ދިއުމާއި، ގާޒާގެ ސްކޫލަކަށް ބޮން އަޅައި މުޅި ދުނިޔެއިން އެކަން ކުށްވެރިކުރިއިރުވެސް ސަރުކާރުން އެކަމާ ބަހެއް ނުބުނެ 24 ގަޑިއިރަށްވުރެ ގިނަ އިރު ވެގެން ދިއުން ފަދަ އެތައް ކަމެއް މި ފަހުންވެސް ހިނގާފައިވެއެވެ.

ކަން އެހެން އޮތްއިރު، އިޒްރޭލު ޕާސްޕޯޓު މަނާ ކުރާނެކަމަށް ބުނެ ސަރުކާރުން ދައްކާ ދަޅަ މިއަދު ރައްޔިތުންނަށް ޤަބޫލު ކުރާކަށް ފަސޭހައެއް ނޫނެވެ. އޭގެ އެއް ހެއްކަކީ އެ ބިލު މަޖިލީހުގެ ކޮމިޓީގައި ތާށިވެފައި އޮންނަތާ 68 ދުވަސްވެ، 70 ދުވަސް ވާން ކައިރިވެފައިވުމެވެ.

އެހެންވެ މިއަދު ގިނަ މީހުން ޤަބޫލު ކުރަނީވެސް އިޒްރޭލު ޕާސްޕޯޓު "ޕާކް ކޮށްފައި" އޮތީވެސް އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް ރުއްސަންކަމަށެވެ.

ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ޖޫން މަހުގެ ތެރޭގައި ހުށަހެޅުނު ދެ ބިލަކާ މެދު ކަން ހިނގައި ދިޔަ ގޮތް މަޖިލީހުގެ ރެކޯޑް ތަކުން އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. އިޒްރޭލް ޕާސްޕޯޓް މަނާ ކުރުމުގެ ބިލު މަޖިލީހަށް ވަދެ ތާށިވީއެވެ.

ކަން އެހެން އޮއްވައި، މަޖިލީހަށް ސަރުކާރުން ހުށަހެޅި ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާޙު ހުށަހެޅުމުގެ ބިލުގެ ކަންކަން ވެގެން ދިޔަގޮތް އަނެއްކާވެސް ރައްޔިތުންގެ ލޯމައްޗަށް މިވަނީ ފެނިގެން ގޮސްފައެވެ.

ސަރުކާރުން ބިލެއް ފާސް ކުރަން ބޭނުންވުމުން މަޖިލީހުގެ ދައުރު ދިގު ދަންމާލައި، މުޅި މަޖިލީހުގެ ތަޅުން ކޮމިޓީއަށް ބަދަލުކޮށްލައި، އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކޮށް އެވަނީ ނިންމާލާފައެވެ.

ކަން އެހެން ހުރުމުން ގިނަ ބަޔަކު ސަރުކާރުގެ ދެފުއް ދެގޮތްކަން މިއަދު ޤަބޫލު ކުރެއެވެ. ސަރުކާރުގެ ބަހާ އަމަލު ދިމާ ނުވާކަން ޤަބޫލު ކުރެއެވެ. ނޫން ނަމަ އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލު ކޮމިޓީގައި ތާށިވެފައި އޮންނަތާ 70 ދުވަސް ވެގެންދާއިރު ސަރުކާރުގެ ތެރެއިން އެންމެ ކުޑަމިނުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްލީސް ނޫންތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް