Advertisement
ކ. މާލެ
|
16 އޯގަސްޓް 2024 | ހުކުރު 16:56
ކުރީގެ ޑެޕިއުޓީ މިނިސްޓަރ މާޒް ސަލީމް އެމްޑީޕީގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ
ކުރީގެ ޑެޕިއުޓީ މިނިސްޓަރ މާޒް ސަލީމް އެމްޑީޕީގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ
އެމްޑީޕީ
ގޭންގް ކުށްތައް
މިއީ އަނިޔާވެރިކަމާއި ގޭންގްތަކާއި ގުޅުން އޮތް ސަރުކާރެއް - މާޒް ސަލީމް
ސަރުކާރުގެ މަޤާމުތަކުގައި ގެންގުތަކަށް ނިސްބަތްވާ މީހުން ތިބުން ކަމަށް މާޒް ސަލީމް ވިދާޅުވި
ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި އެކުލަވާލާފައިވާ ބިލަކީ އެއީ ނުރައްކާތެރި ކަންތައްތަކެއް ހިމެނޭ ބިލެއް ކަމަށް އޭނާ ވިދާޅުވި

މިއީ އަނިޔާވެރިކަމާއި ގޭންގްތަކާއި ގުޅުން އޮތް ސަރުކާރެއް ކަމަށް ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ މާޒް ސަލީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ކުރީ ސަރުކާރު، ކުރީ ސަރުކާރު" ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވަނީ މި ސަރުކާރަށް ނިސްބަވްތާ ވަޒީރުންނާއި މަޖިލީސް މެންބަރުންގެ ތެރޭގައި ގެންގުތަކާއި ގުޅުން އޮތް މީހުން ތިބި ކަމަށް ވިދާޅުވެފައެވެ. އޭނާ ހޯމް މިނިސްޓްރީގެ ނައިބު ވަޒީރުކަމުގައި ހުންނެވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ގެންގް ކުށްތައް ހުއްޓުވުމަށް މޮނިކޮން އަމުރުގެ ދަށުން ގޭންގް ތަކުގެ ބޮޑެތި މީހުންނާއި، ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުންގެ ފައިގައި ޓެގް އެޅުވުމުން އެކަމަށް ނުފޫޒު ފޯރުވިކަމަށް އޭނާ ވިދާޅުވިއެވެ. އޭރުގެ ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ މީހެއްގެ ފައިގައި ޓެގް އެޅުވުމުން އޭރު މަޖިލީހުގައި ތިބި ބައެއް މެމްބަރުން ހޯމް މިނިސްޓްރީ އަށް ގޮސް ހަޅޭއް ލަވާ އިންޒާރު ދީފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ހިސާބުން މޮނިކޮން ޤާނޫނުގެ ދަށުން ގޭންގް މީހުންގެ ފައިގައި ޓެގް އެޅުވުމަށް ދީފައިވާ ބާރު ޕީޕީއެމް އިން ބޭނުންވި ގޮތަށް ތިން މީހުންގެ ކޮމިޓީއަކަށް ބަދަލުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

އަޅުގަނޑު މިރޭ މި ވާހަކަ ދެންނެވީމަ އެވެރިންގެ ކަންފަތަށް މި ވާހަކަ އަޑު އިވޭނެ. އެއީ ކޮން ބައެއްކަން އެނގޭނެ. އެއީ މަޖިލީހުގަ ތިބި އެންމެ އަޑު ގަދަ މީހުން. ތިން ކެޓަގަރީ އަށް ބަހާފަ އޮތީ އޭ އާ ބީ އާ ސީ އާއި. އަނިޔާވެރިކަމާއި ގުޅުން އޮތް ވަރު އަޅުގަނޑު މި ތަފްސީލްކޮށްދެނީ. އޭރުގެ ހޯމް މިނިސްޓްރީގައި މަސައްކަތް ކުރި މީހުންނަށް ވެސް އެނގޭނެ މިއީ ކޮންބައެއްކަން. މި ސަރުކާރުގައި އެންމެ ގިނަ ލާރި ނަގަމުންދަނީ އެ މީހުން.
ކުރީގެ ޑެޕިއުޓީ މިނިސްޓަރ މާޒް ސަލީމް

ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި އެކުލަވާލާފައިވާ ބިލަކީ އެއީ ނުރައްކާތެރި ކަންތައްތަކެއް ހިމެނޭ ބިލެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޤާނޫނު ވުޖޫދުވުމަށް ފަހު ސިޔާސީ ގޮތުން ބޭނުންވާ ވަކި ބަޔަކީ ގޭންގް ކުށްތައް ހިންގާ މީހުންކަމަށް ބުނެ އެ މީހުންގެ ވިޔަފާރި އާއި މަޤާމް އަތުލުމުގެ ބާރު ސަރުކާރަށް އޮތް ކަަމަށް އޭނާ ވިދާޅުވިއެވެ. ގޭންގްކުށްތައް ހިނގާ ގޮތާއި، ކުށްތައް ހިނގާ ސަރަހައްދު ނިންމަނީ ހަމައެކަނި ފުލުހުންގެ އިސް ބައެއް ވެރިންނާއި ހޯމް މިނިސްޓަރ ކަމަށް ވުމަކީ ވަކިވަކި މީހުންނަށް އަމާޒުކޮށްގެން އެ މީހުން ހަލާކުކޮށްލަން ފުރުސަތު ލިބޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ބިލު ފަރުމާކުރުމާއި އެކު ސަރުކާރުތެރޭގައި ވެސް މައްސަލަ ޖެހިފައިވާ ކަަމަށާއި ސަބަބަކީ ސަރުކާރުގެ މަޤާމުތަކުގައި ގެންގުތަކަށް ނިސްބަތްވާ މީހުން ތިބުން ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

ގޭންގް ކުށްތައް ހުއްޓުވުމަށްޓަކައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ނިންމާ އެޓާނީ ޖެނެރަލް އޮފީހަށް މިހާރު ވަނީ ފޮނުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް