ކ. މާލެ
|
13 އޯގަސްޓް 2024 | އަންގާރަ 19:08
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަންނާއީ
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަންނާއީ
އޭއެފްޕީ
އީރާން - އިޒްރޭލު ހަނގުރާމަ
އިޒްރޭލަށް ހަމަލާ ނުދިނުމަށް ހުޅަނގުގެ ގައުމުތަކުން ކުރި އާދޭސް އީރާނުން ބަލައެއް ނުގަތް
އީރާނުގެ އިސްތިގްލާލް ރައްކައުތެރި ކުރަން އެހެން ފަރާތެއްގެ ހުއްދަ ބޭނުން ނުވާކަމަށް އީރާނުން ވަނީ ބުނެފައެވެ.
ޚަބަރުގެ އޯޑިއޯ

ފާއިތުވި މަހު ތެހުރާނުގައި ހުންނަވަނިކޮށް ހަމާސްގެ ސިޔާސީ ލީޑަރު އިސްމާޢީލް ހަނިޔާ އަވަހާރަ ކޮށްލި މައްސަލައިގައި ބަދަލުހިފުމުގެ ގޮތުން އިޒްރޭލަށް ހަމަލާ ދިނުމުގެ ވިސްނުން ދޫކޮށްލުމަށް ހުޅަނގުގެ ޤައުމުތަކުން އީރާނަށް ގޮވާލި ގޮވާލުން ބަލައިނުގަންނާނެ ކަމަށް އެ ގައުމުން އަންގާރަ ދުވަހު ބުނެފިއެވެ.

ރައީސް މަސްޢޫދު ޕެޒެޝްކިއަންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ޖުލައި 31 ވަނަ ދުވަހު އީރާނުގެ ވެރިރަށަށް ތެހެރާންގައި ހަނިއްޔާ އަވަހާރަކޮށްލީ އިޒްރޭލުން ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނާސިރު ކަންއާނީ އަންގާރަ ދުވަހު ވިދާޅުވީ އީރާނުގެ އިސްތިގްލާލް ރައްކައުތެރި ކުރަން އެހެން ފަރާތެއްގެ ރުހުމެއް ބޭނުން ނުވާކަމަށެވެ.

ކަންއާނީ މިހެން ވިދާޅުވީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން އިޒްރޭލާ ދެކޮޅަށް "ހަމަލާ ދިނުމުން" އެއްކިބާވުމަށް އީރާނަށާއި އީރާނުގެ ބައިވެރިންނަށް ހޯމަ ދުވަހު ގޮވާލާފައި ވަނިކޮށްނެވެ.

"ސަރަހައްދުގެ ޓެރަރިޒަމްގެ އަސްލަކީ އިޒްރޭލް، މި މައްސަލައިގައި އެއްވެސް ފަރާތެއްގެ ހުއްދަ އީރާނަކަށް ބޭނުމެއް ނުވޭ،" ކަންއާނީ ވިދާޅުވިއެވެ.

އިޒްރޭލުން ހިންގާ ޖަރީމާ ތަކާ ދެކޮޅަށް އެއްޗެއް ބުނަން ނުކެރި، އީރާނުގެ އިސްތިގްލާލަށް އަރައިގަތް އިޒްރޭލްއާ ދެކޮޅަށް އަދަބު ދިނުމުގެ ގޮތުން އީރާނުން ފިޔަވަޅެއް ނޭޅުމަށް އެ ތިން ގައުމުން އީރާނުގެ ކިބައިން އެދުނީ ލަދެއް ނެތުމުން ކަމަށް ކަންއާނީ ވިދާޅުވިއެވެ.

އީރާނުން އެ ގައުމުގެ ޤައުމީ ސިޔާދަތާއި ސަލާމަތް ދިފާޢުކުރުމަށް ފަސް ނުޖެހޭނެ ކަމަށް ކަންއާނީ ވިދާޅުވިއެވެ.

ތަރުޖުމާނު ވިދާޅުވީ، ހުޅަނގުގެ އެ ތިން ޤައުމުން ސަރަޙައްދުގެ ސުލްޙަ އާއި ހަމަޖެހުމަށް އެދޭނަމަ، ނަސްލު ނައްތާލުމަށް ހަނގުރާމަ ކުރާ ބާރާ ދެކޮޅަށް އެކީއެކައްޗަކަށް ތެދުވެ، އެއްވެސް އަމިއްލަ ދިފާއެއް ނެތް ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ވަގުތުން ހުއްޓުވުމަށް މަސައްކަތްކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޣައްޒާގެ ހަނގުރާމަ ސަރަޙައްދަށް ފެތުރުމުގެ މައިގަނޑު ސަބަބަކީ އިޒްރޭލުގެ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ސަރުކާރުތަކާއި އދ. ގެ ސަލާމަތީ މަޖިލީހުން އެއްވެސް ފިޔަވަޅެއް ނޭޅުމާއި، ހުޅަނގުގެ ޤައުމުތަކުން ސިޔާސީ އަދި އަސްކަރީ ގޮތުން ފުޅާ ދާއިރާއެއްގައި އިޒްރޭލަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދިއުމުން ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް