އިރާނާއި ހިޒްބުﷲ ގެ އަދާވާތްތެރި އިސްރާއީލާ ދެމެދު މެދުއިރުމަތީގައި ދެމިގެންދާ ހަމަނުޖެހުމުގެ ސަބަބުން، ގިނަ އެއަރލައިންތަކުން ބެއިރޫތާއި ތެލް އަވީވާއި ތެހެރާނަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް މުއްދަތު އިތުރުކޮށްފިއެވެ.
ޖަރުމަނުގެ އެއަރލައިން ގްރޫޕް ލުފްތަންޒާއިން ހޯމަ ދުވަހު ބުނެފައިވަނީ، ތެލް އަވީވާއި ތެހެރާނާއި ބެއިރޫތާއި އައްމާނާއި އަރބީލަށް ކުރާ ދަތުރުތައް އޯގަސްޓް 21 ގެ ނިޔަލަށް ހުއްޓާލާފައިވާކަމަށެވެ.
އެ ކުންފުނިން ބުނެފައިވަނީ އޯގަސްޓް 13 ގެ ބަދަލުގައި އޯގަސްޓް 21 ގެ ނިޔަލަށް އިރާނާއި އިރާޤުގެ މަތިންނާއި ވައިގެ ސަރަޙައްދުން ދަތުރުކުރުން ވެސް ހުއްޓާލާފައިވާ ކަމަށެވެ.
މި ކަމުގެ ސަބަބުން އަސަރުކުރާ ފަސިންޖަރުންނަށް އެއްވެސް ޗާޖަކާ ނުލައި ދަތުރު އަލުން ބުކް ކުރުމުގެ ނުވަތަ ކެންސަލްކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ލުފްތަންޒާއިން ބުނެފައިވެއެވެ. އަދި "މިހާރުގެ ޙާލަތާ ގުޅިގެން" ދިމާވާ އުނދަގޫތަކަށް މަޢާފަށް އެދޭކަމަށް ވެސް ބުނެފައިވެއެވެ.
ސުވިސް އިންޓަނޭޝަނަލް އެއަރ ލައިންސްއިން ވެސް ބުނެފައިވަނީ ތެލް އަވީވާއި ބެއިރޫތަށް ކުރާ ދަތުރުތައް އޯގަސްޓް 21 ގެ ނިޔަލަށް ހުއްޓާލާފައިވާ ކަމަށެވެ. އަދި އިރާނާއި އިރާޤާއި އިސްރާއީލުގެ މަތިންނާއި ވައިގެ ސަރަޙައްދުން ދަތުރުކުރުން އޯގަސްޓް 21 ގެ ނިޔަލަށް ހުއްޓާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ހަމައެހެންމެ ހޯމަ ދުވަހު، އެއަރ ފްރާންސްއާއި އޭގެ ސަބްސިޑިއަރީ ޓްރާންސާވިއާ ފްރާންސްއިން ވެސް ބެއިރޫތަށް ކުރާ ދަތުރުތައް ހުއްޓާލާފައި އޮތް މުއްދަތު އޯގަސްޓް 14 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. މި ދަތުރުތައް ވަނީ ޖުލައި 29 އިން ފެށިގެން ހުއްޓާލާފައެވެ. އަދި "އަލުން ފެށުމަކީ ސަރަޙައްދުގެ ޙާލަތު އަލުން ވަޒަންކުރުމަށްފަހު ނިންމާނެ ކަމެއް" ކަމަށް އެއަރ ފްރާންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ފަރަންސޭސި އެއަރލައިނުން ތެލް އަވީވްގެ ވައިގެ ބަނދަރަށް ދަތުރުކުރުން ދަނީ ކުރިއަށެވެ.
އެހެން އެއަރލައިންތަކުން ވެސް ފަހަކަށް އައިސް މި ސަރަޙައްދަށް ކުރާ ދަތުރުތަކުގެ ތާވަލަށް ވަނީ ބަދަލު ގެނެސްފައިވެއެވެ.
އީރާނާއި ހިޒްބުﷲ އާ ގާތް ގުޅުން ހުރި މުހިންމު ދެ ލީޑަރަކު ޝަހީދު ކޮށްލުމާ ގުޅިގެން އިރާނާއި އެގައުމުގެ އެކުވެރިންގެ ފަރާތުން އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދޭނެ ކަމަށް ބުނެފައިވުމާއެކު މުޅި ސަރަހައްދުވަނީ ނުތަނަވަސް ކަމުގެ ތެރެއަށް ވެއްޓިފައެވެ.