ކ. މާލެ
|
12 އޯގަސްޓް 2024 | ހޯމަ 01:13
ރަޝިއާގެ ސިފައިންގެ އަސްކަރީ ޓްރެއިނިން އެއްގައި
ރަޝިއާގެ ސިފައިންގެ އަސްކަރީ ޓްރެއިނިން އެއްގައި
އޭއެފްޕީ
ޔޫކްރެއިން - ރަޝިއާ ހަނގުރާމަ
ޔޫކްރެއިނުން ރަޝިއާގެ ބޯޑަރު ސަރަހައްދަށް ދޭ ހަމަލާތަކަށް 'ހަރުކަށި ޖަވާބެއް' ދޭނެ ކަމަށް ރަޝިއާ އިން ބުނެފި
ރަޝިއާ އިން ވަނީ ޔޫކްރެއިން ސިފައިން އެރި ސަރަހައްދުތަކަށް ބަރު ހަތިޔާރާއި ސިފައިންގެ ފައުޖުތައް ފޮނުވާފައެވެ.

ރަޝިޔާގެ ބޯޑަރު ސަރަހައްދުތަކަށް ޔޫކްރެއިނުން ދޭ ހަމަލާތަކަށް "ހަރުކަށި ޖަވާބެއް" ރަޝިޔާގެ އަސްކަރިއްޔާއިން ދޭނެކަމަށް އާދީއްތަ ދުވަހު ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ޔޫކްރެއިން ސިފައިންނަށް ދޭ ހަރުކަށި ޖަވާބު ލަސްނުވެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މަރިޔާ ޒަކަރޯވާ ފާހަގަކުރެއްވިއެވެ.

މިއާއެކު، ޔޫކްރެއިނުން ރަޝިއާގެ ކާސްކް ސަރަހައްދަށް އަރާ ރަޝިއާ ސިފައިންނާ ދެމެދު ހިނގާ ކުރިމަތިލުންތައް ހަވަނަ ދުވަހަކަށް ދެމިގެން ވަނީ ގޮސްފައެވެ. މިއީ ރަޝިޔާގެ ބިމުގައި ޔުކްރެއިނުގެ އަސްކަރީ ޔުނިޓްތައް އަރާ ހިންގާ އެންމެ ބޮޑު އަސްކަރީ ހަރަކާތްކަން ވަނީ ފާހަގަ ކުރެވިފައެވެ.

ޔޫކްރެއިނުން ކާރސްކަށް އަރާ ހިންގާ އޮޕަރޭޝަނުގެ ހަގީގީ މަގުސަދުތައް އަދިވެސް ސާފެއް ނުވެއެވެ. އަދި ޔޫކްރެއިނުގެ އަސްކަރީ އޮފިޝަލުން ވަނީ މި އޮޕަރޭޝަންގެ މަގްސަދު ސިއްރު ކޮށްފައެވެ.

ޔުކްރެއިނުގެ ރައީސް ވުލެޑިމިރް ޒެލެންސްކީ ވަނީ ޔުކްރެއިނުގެ ބާރުތައް ރަޝިޔާގެ ކާރސްކް ސަރަހައްދުގައި ހަނގުރާމަ ކުރަމުންދާކަން ފުރަތަމަ ފަހަރަށް ފާހަގަ ކުރައްވާފައެވެ. މީގެ ކުރިން ޔޫކްރެއިން ސިފައިން ރަޝިއާ އަށް އެރުމާ ބެހޭ ގޮތުން ސީދާ އެއްޗެއް އޭނާ ވިދާޅެއް ނުވެއެވެ.

ރަޝިޔާގެ ދިފާޢީ މިނިސްޓްރީން ހޮނިހިރު ދުވަހު ބުނެފައިވަނީ، ޔޫކްރެއިން ސިފައިން އަރާފައިވާ ސަރަހައްދުތަކަށް އިތުރު ސިފައިން ފޮނުވާފައިވާ ކަމަށެވެ. ރަޝިއާ އިން މިކަން ސިފަކުރަނީ އެ ސަރަޙައްދުގައި "ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއް" ގެ ގޮތުގައެވެ.

އޭގެ އިތުރުން ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، ކީވްގެ ބާރުތަކުން ރަޝިއާ އަށް އަރައިގަތުމާ ދެކޮޅަށް ހަނގުރާމަ ކޮށް ޔޫކްރެއިން ސިފައިން ނައްތާލުމަށް އިތުރު ސިފައިންނާއި އަސްކަރީ އާލާތްތައް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޓޭންކުތަކާއި، ރޮކެޓް ލޯންޗަރުތަކާއި، އޭވިއޭޝަން ޔުނިޓްތައް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހޮނިހިރު ދުވަހު ޝާއިޢުކޮށްފައިވާ ވީޑިއޯ އެއްގައި ކާރސްކް ސަރަޙައްދުގައި ހުރި ޔުކްރެއިންގެ އަސްކަރީ ޔުނިޓްތަކަކަށް ރަޝިއާގެ ޓޭންކު ތަކުން ހަމަލާދޭ މަންޒަރާއި، ޔޫކްރެއިން ސިފައިންނަށް ރޭގަނޑު ވައިގެ ހަމަލާއެއް ދިން މަންޒަރު ދައްކާފައިވެއެވެ.

ރަޝިޔާގެ އަސްކަރިއްޔާ އިން ބުނާ ގޮތުގައި ރަޝިޔާ-ޔޫކްރެއިން ބޯޑަރުން ގާތްގަނޑަކަށް 25 އާއި 30 ކިލޯމީޓަރު އެތެރެއަށް ޔޫކްރެއިންގެ ފައުޖުތަކުން ވަނީ ވަދެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް