ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 18:04
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި
ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އައުޓް ކެމްޕޭންގައި
ގޫގުލް
އިންޑިއާ އައުޓް ކެންޕޭން
އަދިވެސް އިންޑިއާ އައުޓް ކެންޕޭން ހިންގަން ދިވެހިން ފުރުސަތު ދޭނަންތަ؟
އިންޑިއާ އައުޓް ކެންޕޭން މިވަނީ ވެލްކަމް އިންޑިއާއަށް ބަދަލުވެފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އިންޑިއާ އައުޓް ކެންޕޭން ކުރިއަށް ގެންދާނެތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ. އާދިއްތަ ދުވަހު މާލެ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށްފަހު ނުކުމެވަޑައިގެން ރައީސް މުއިއްޒު މިވަނީ މިސުވާލަށް ޖަވާބު ދެއްވާފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ހިލާފު އެއްވެސް ކަމެއް ހިންގުމުގެ ޖާގަ ނުދެއްވާނެ ކަމަށެވެ.

މިއަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒުއަކީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެންމެ ގަދައަށް ''އިންޑިއާ އައުޓް'' ކެންޕޭންގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ. ވެރިކަމަށް ވަޑައިގަންނަވާ ވެސް އިންޑިއާ އަށް ވަރަށް ގަދައަށް ނުރުމުގައި ބަހުގެ ހޫނު ހަމަލާތައް އާމަޒު ކުރެއްވިއެވެ.

ނަމަވެސް މިއަދު މިވަނީ ހާލަތު މުޅިން ބަދަލުވެ ގޮސްފައެވެ. ސިޔާސީ ގޮތުން އައި އޮއެވަރާއެކު މިއަދުގެ ސަރުކާރަށް ގޮސް ހުސްވީ ކަމަށްވެސް ވެދާނެއެވެ. އިންޑިއާ އައުޓް ކެންޕޭން މިވަނީ ވެލްކަމް އިންޑިއާއަށް ބަދަލުވެފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި އިންޑިއާ އައުޓް ކެންޕޭން ކުރިއަށް ގެންދާނެތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެއެވެ. އާދިއްތަ ދުވަހު މާލެ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށްފަހު ނުކުމެވަޑައިގެން ރައީސް މުއިއްޒު މިވަނީ މިސުވާލަށް ޖަވާބު ދެއްވާފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ހިލާފު އެއްވެސް ކަމެއް ހިންގުމުގެ ޖާގަ ނުދެއްވާނެ ކަމަށެވެ. މިގައުމުގެ ހަމަނުޖެހުން ނަގާލައި، މިގައުމުގެ ތަރައްގީ ހުއްޓުވާލައި، މިގައުމުގެ ރައްކާތެރިކަމާ މިނިވަންކަން ގެއްލޭނެ ގޮތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުގެ ސިޔާސަތު އަޅުގަނޑުމެން ހާމަކުރިން. ރައްޔިތުން އަޅުގަނޑަށް ވޯޓު ދީ އަޅުގަނޑު ހޮވީ އަޅުގަނޑު ހާމަކުރި ހާރިޖީ ސިޔާސަތު ބަލައިގެން. އެ ހާރިޖީ ސިޔާސަތާ އެކު މިގައުމު ކުރިއަށްދާނީ. މިގައުމަށް ބޭނުންވަނީ ހަމަޖެހުން. މިގައުމަށް ބޭނުންވަނީ ތަރައްގީ. މިގައުމަށް ބޭނުންވަނީ ރައްކާތެރިކަން. އެ ތިން ކަންތައް ޔަގީންވާ ގޮތަށް ގައުމުގެ ކަންކަަން ކުރިއަށްދާނީ.
ރައީސް ޑރ.މުހައްމަދު މުއިއްޒު

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން ކުރިއަށް ދިޔުން ކަމަށް ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. އަދި އިންޑިއާ އައުޓް ގަރާރު އުވައިލައްވާނެތޯ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ރައީސް މުއިއްޒު ސީދާ ޖަވާބެއް ދެއްވާފައިނުވެއެވެ. ނަމަވެސް އިންޑިއާ އައުޓް ކެންޕޭންގެ މޭސްތިރިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ މި ހަރަކާތް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.

އިންޑިއާމެދު ރައީސް މުއިއްޒުގެ ސަރުކާރުގެ ސްޓޭންޑް މިއަދު ބަދަލުވި ނަމަވެސް މީގެ ކުރިން އެބޭފުޅުން އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންގޮސްފައިމިވަނީ ގައުމުގެ މިނިވަންކަމަށް ބިރުވެރިކަމެއް އޮވެގެން ނޫން މިއަދު މިވަނީ ހާމަވެގެން ގޮސްފައެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މުޒަހާރާ ކުރުމުގެ ފުރުސަތު ދިން ނަމަވެސް އިންޑިއާ އައުޓް ހަރަކާތްތައް ކުރިއަށް ގެންގޮސް ވަކި ގައުމަކާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ނުދެކުމަށާއި، އެކަމުގެ ސަބަބުން ރާއްޖެއަށް ގެއްލުންވާނެ ކަމަށް ބުނެ، ތަކުރާރުކޮށް އޭރުގެ ސަރުކާރުން ދިޔައީ އިލްތިމާސްކުރަމުންނެވެ.

އެއީ ގައުމާ ރައްޔިތުންނަށް ގެއްލުން ލިބޭތީއެވެ. ނަމަވެސް އެދުވަހު އެބޭފުޅުން ވެސް ސަރުކާރުގެ އިލްތިމާސްތަކަށް ބެލުމެއްނެތި ދިޔައީ ފާޅުގައި އިންޑިއާ އައުޓް ކެންޕޭންތައް ހިންގަމުންނެވެ.

މިހާރު ދިވެހި ރައްޔިތުންނަށް ވާނީ އެކަމުގެ ނަތީޖާތައް ވެސް ފެނިފައެވެ.

އިންޑީއާއަކީ ރާއްޖެއާ އަވައްޓެރި ގައުމަކަށް ވެފައި، އަވައްޓެރި ގައުމުތަކާ އޮންނަ ގުޅުން ހީނަރުވާ ކަމަށްވާނަމަ އެހެން ގައުމުތަކުން ވެސް ރާއްޖެއަށް ކުރާ އިތުބާރު ކުޑަވާނެ ކަމާމެދު ޝައްކަތްނެވެ. އިންޑީއާއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑު ހާދިސާއަކާ ގުޅިގެން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމު ވެސް މެއެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވަކި ގައުމަކާ ޖެހިގަނެ ބައެއްގެ މީހުންގެ ސިޔާސީ މަންފާ ހާސިލް ކުރުމަށް ދެވަނަ ފަހަރަށް ސަރުކާރާ ދިވެހި ރައްޔިތުން ފުރުސަތު ދިނުމަކީ ކުރެވޭނެ މޮޔަ ކަމެއްނުންތޯއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް