ކ. މާލެ
|
11 އޯގަސްޓް 2024 | އާދީއްތަ 11:11
ސިޓީގެ ގޯލު ކީޕަރު އެޑާސަން
ސިޓީގެ ގޯލު ކީޕަރު އެޑާސަން
ގޯލް.ކޮމް
މެންޗެސްޓަރ ސިޓީ
ފޯކަސް އޮތީ ސިޓީ އަށް، ބޭނުން ވަނީ ތަށި ހޯދަން: އެޑާސަން
ނިންމުން ނިންމީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ވާހަކަ ދައްކައި، މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް އެޑާސަން ބުންޏެވެ.

ފޯކަސް އޮތީ މެންޗެސްޓަރ ސިޓީ އަށް ކަމަށާއި، ބޭނުން ވަނީ އެ ކުލަބާ އެކު ތަށިތައް ކާމިޔާބު ކުރަން ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ އެޑާސަން ބުނެފި އެވެ.

އޭނާ މިހެން ބުނީ ކޮމިއުނިޓީ ޝީލްޑް ސިޓީން ކާމިޔާބު ކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ވާދަވެރި ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައި ސިޓީން ޝީލްޑް ކާމިޔާބު ކުރި މެޗުގައި އެ ޓީމުގެ ގޯލު ބެލެހެއްޓީ ވެސް އެޑާސަން އެވެ.

އެޑާސަން ބުނީ އޭނާގެ ނިންމުން މިހާރު ނިންމާފައި ވާނެ ކަމަށާއި، އެ ނިންމުމަކީ ސިޓީ ގައި މަޑު ކުރުން ކަމަށެވެ. ނިންމުން ނިންމީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ވާހަކަ ދައްކައި، މަޝްވަރާ ކުރުމަށްފަހު ކަމަށް ވެސް އެޑާސަން ބުންޏެވެ. އަދި އޭނާ ބޭނުން ވަނީ ސިޓީ އަށް ފުރިހަމަ ފޯކަސްއެއްކޮށް، އެ ކުލަބާ އެކު ތަށިތައް ކާމިޔާބު ކުރަން ކަމަށް ވެސް އެޑާސަން ބުންޏެވެ. އެޑާސަން ފާހަގަ ކުރި ގޮތުގައި ސިޓީގެ އިސްވެރިންގެ އިތުރުން، އެ ޓީމުގެ ކުޅުންތެރިންނާ ވެސް އޭނާ ވާހަކަ ދެއްކި އެވެ.

އުމުރުން 30 އަހަރުގެ އެޑާސަން ސިޓީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ބެންފީކާގައި ހުރުމަށްފަހު އެޑާސަން ސިޓީ އަށް ބަދަލުވީ، އޭރު އެންމެ އަގު ބޮޑު ގޯލް ކީޕަރުގެ ގޮތުގަ އެވެ. ސިޓީ އާއެކު އެންމެ ފަހުން އެޑާސަން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި، ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބުތަކުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ.

އެގޮތުން ސައުދީ ލީގުގެ އަލް އިއްތިހާދާއި، އަލް ނަސްރުން ވަނީ އޭނާގެ ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި އެކަމާ ގުޅުން ހުރި މަޝްވަރާތައް ވެސް ކުރިއަށް ދިޔަ ކަމަށާއި، އެހެން ނަމަވެސް އެއްވެސް ފަރާތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެޑާސަން ވަނީ ސިޓީގައި ހޭދަކޮޮށްފައިވާ ހަތް ސީޒަންގެ ތެރޭގައި، 333 މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓައިފަ އެވެ. ސިޓީ އާއެކު އެޑާސަން ވަނީ 18 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު، އެފްއޭ ކަޕް، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް