Advertisement
ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 21:24
އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު އާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު
އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު އާއި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު
ފޮރިން މިނިސްޓްރީ
އަލް-ތާބިން ސްކޫލަށް ދިން ހަމަލާ
ފަތިސްނަމާދަށް ތިއްބާ އިޒްރޭލުން ހިންގި ގަތުލުއާއްމު މުޅި ދުނިޔޭން ކުށްވެރި ކުރި އިރު މުއިއްޒުގެ ސަރުކާރު ހިމޭނުން
އީރާނުން ވަނީ އދ ގެ ސެކިއުރިޓީ ކައުންސިލް އިން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލާފައި
އދ ގެ ސްޕެޝަލް ރެޕަޓުއަރ އަލްބަނީސް ވަނީ ފަލަސްތީން މައްސަލައިގައި ދުނިޔޭގެ ދެފުށް ދެގޮތްކަން ފާހަގަ ކުރައްވާފައި
އަރަބި އަދި އިސްލާމީ ގައުމުތަކުން މި ހަމަލާ ވަނީ ކުށްވެރި ކޮށްފައި

ގެދޮރު ގެއްލިފައިވާ ފަލަސްތީން މީހުންގެ ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރާ ގާޒާ ގެ ސްކޫލަކަށް ފަތިސް ނަމާދަށް މީހުން ތިއްބާ ހޮނިހިރު ދުވަހު އިޒްރޭލް ސިފައިން ބޮން އަޅާ ހިންގި ގަތުލުއާއްމު ދުނިޔޭގެ އެތައް ގައުމަކުން ކުށްވެރި ކުރި އިރު ޑރ މުއިއްޒުގެ ސަރުކާރުން އެ ހަމަލާ ކުށްވެރިކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މި އަނިޔާވެރި ހަމަލާގައި 100 ށް ވުރެ ގިނަ މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ.

Advertisement

ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާ ކުޑަކުދިން ހިމެނެއެވެ.

އިޒްރޭލުން ގާޒާގެ ސްކޫލަކަށް ދިން ހަމަލާގައި މަރުވި މީހުންގެ ކަށުނަމާދު ކުރަނީ - ރޮއިޓާސް

ގާޒާ ސިޓީ ގެ އަލް-ތާބިން ސްކޫލަށް ދިން މި ބާރުގަދަ ހަމާލާގައި މަރުވި މީހުންގެ ހަށިތައް ކުދިކުދިވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ. ޒަޚަމްވެފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ ހަށިތައް ފުނިޖެހިފައިވާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ ތަކުން ފެނެއެވެ.

ހަމަލާ އާ ގުޅިގެން ހަމާސް އިން ނެރުނު ބަޔާނުގައި އަރަބި އަދި އިސްލާމީ ގައުމުތަކުންނާއި ބައިނަލް އަގްވާމީ މުޖްތަމައުން އިޒްރޭލުގެ އަނިޔާވެރި ޖަރީމާތައް ހުއްޓުވުމަށް އަދާ ކުރަން ޖެހޭ ޒިންމާ އަދާ ކުރުމަށް ގޮވާލާފައިވެއެވެ. ޔަހޫދީ ދައުލަތުން މި ހިންގި ޖަރީމާ އާ ގުޅިގެން ހަމާސް އިން ވަނީ އދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ގޮވާލާފައެވެ.

އިޒްރޭލުގެ މި ލާއިންސާނީ އަމަލު އަރަބި އަދި މުސްލިމް ގައުމުތަކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގެ ހައި ރެޕްރެސެންޓެޓިވް އޮފް ދަ އީޔޫ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޖޯސެފް ބޮރެލް އަދި އދ ގެ ސްޕެޝަލް ރެޕަޓުއަރ އޮން ދަ އޮކިއުޕައިޑް ޕެލެސްޓީނިއަން ޓެރިޓަރީޒް ފްރެންސިސްކާ އަލްބެނީސް ވަނީ ކުށްވެރިކޮށްފައެވެ.

އީރާނުގެ ޚާރިޖިއްޔާ ގެ ތަރުޖަމާނު ނާސިރު ކަންއާނީ ވިދާޅުވީ މި ހަމަލާއިން އިޒްރޭލުގެ އަމާޒު ވަރަށް ސާފު ކަމަށާއި، އެއީ ސުލްހައިގެ ވާހަކަތަކަށް ހުރަސް އެޅުމާއެކު ހަނގުރާމަ ކުރިއަށް ގެންދިއުން ކަމަށެވެ.

އީރާނުން ވަނީ އދ. ގެ ސެކިއުރިޓީ ކައުންސިލުން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އީރާނުން ސިފަ ކޮށްފައިވަނީ އިޒްރޭލަކީ ދުނިޔޭގެ ސުލްހަ އާއި ހަމަ ޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ.

މި ހަމަލާ ކުށްވެރިކޮށް މިސްރުގެ ޚާރިޖީ ވުޒާރާ އިން ނެރުނު ބަޔާނުގައި މިއީ އިޒްރޭލުން މައުސޫމު ފަލަސްތީން މީހުން ގަސްދުގައި މެރުމުގެ ގޮތުން ހިންގި އަމަލެއް ކަމަށް ބުނެފައިއެވެ. އޭގެ އިތުރުން މި ހަމަލާ އިން ދޭހަވަނީ އިޒްރޭލުން ތަބާވާން ޖެހޭ ބައިނަލް އަގްވާމީ ގާނޫނެއް ނެތް ކަމަށް ވެސް މިސްރުން ބުނެފައިވެއެވެ.

އިޒްރޭލުން ގާޒާ ސިޓީގެ ސްކޫލަކަށް ދިން އަނިޔާވެރި ހަމަލާ، އުރުދުން އާއި އޮގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އދ. ގެ ސްޕެޝަލް ރެޕެޓުއަރ ފްރެންސިސްކާ އަލްބަނީސް ވެސް ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ.

އަލްބަނީސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިލާތާއި އެމެރިކާގެ ހަތިޔާރު ބޭނުން ކޮށްގެން އިޒްރޭލުން ގެންދަނީ ފަހަރަކު އަވަށެއް، ފަހަރަކު ސްކޫލެއް، ފަހަރަކު ހޮސްޕިޓަލެއް، ފަހަރަކު ރެފިއުޖީ ކޭމްޕެއް، ފަހަރަކު "ސޭފް ޒޯން" އެއް ނައްތާލާ ގަތުލުއާއްމު ހިންގަމުން ކަމަށް ވަނީ ވިދާޅުވެފައިވެއެވެ.

ގާޒާ ގައި ޔަހޫދީ ސިފައިން ހޮނިހިރު ދުވަހު ހިންގި ގަތުލުއާއްމު ޑރ. މުއިއްޒުގެ ސަރުކާރުން ކުށްވެރިކޮށްފައި ނުވާކަން ފާހަގަ ކުރެވޭއިރު، ގާޒާ ގައި ޔަހޫދީ ސިފައިންނާ ދެކޮޅަށް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ޖިހާދު ކުރަމުންދާ ހަމާސް ގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން ރާއްޖޭގައި އޭނާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ގޮވާލި ގޮވާލުމަށް ވެސް ޑރ. މުއިއްޒުގެ ސަރުކާރުން އަޅާލާފައި ނުވާކަން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ސްރެބްރެނިޓްޒާ ގަތުލުއާއްމު ކުށްވެރިކޮށް އދ ގައި ނެގި ވޯޓުގައި ވެސް ރާއްޖޭން ބޮސްނިއާގެ މުސްލިމުންނާ އެއްކޮޅަށް ވޯޓު ދީފައި ނުވާތީ ގިނަ ބަޔެއްގެ ފާޑުކިޔުން ޑރ. މުއިއްޒުގެ ސަރުކާރަށް އަމާޒުވިކަން ފާހަގަ ކުރެވެއެވެ.

Advertisement

Advertisement
- ކޮމެންޓް