ކ. މާލެ
|
10 އޯގަސްޓް 2024 | ހޮނިހިރު 15:59
މި ހަމަލާގައި 100ށް ވުރެ ގިނަ މީހުން ޝަހީދު ވެފައިވޭ
މި ހަމަލާގައި 100ށް ވުރެ ގިނަ މީހުން ޝަހީދު ވެފައިވޭ
އޭއެފްޕީ
ފަލަސްތީން - އިޒްރޭލު ހަނގުރާމަ
ގާޒާގެ ސުކޫލަކަށް ބޮން އަޅާ ބޮޑު ގަތުލުއާއްމެއް އިޒްރޭލުން ހިންގައިފި
އިޒްރޭލުން ސްކޫލަށް ބޮން އެޅީ ފަތިސް ނަމާދަށް ތިއްބައެވެ.
ޚަބަރުގެ އޯޑިއޯ

ގެދޮރު ގެއްލިފައިވާ ފަލަސްތީން މީހުން ބައިތިއްބާފައި ތިބި ގާޒާ ގެ ސްކޫލަކަށް އިޒްރޭލް ސިފައިން ބޮން އަޅާ ގަތުލުއާއްމެއް ހިންގައިފިއެވެ.

މި އަނިޔާވެރި ހަމަލާގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ވެފައިވާ ކަމަށް ވަފާ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

ގާޒާސިޓީ ގެ އަލް-ތާބައީން ސްކޫލަށް ދިން މި ބާރުގަދަ ހަމާލާގައި މަރުވި މީހުންގެ ހަށިތައް ކުދިކުދިވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ. ޒަޚަމްވެފައިވާ މީހުންނާއި މަރުވެފައިވާ މީހުންގެ ހަށިތައް ފުނިޖެހިފައިވާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ ތަކުން ފެނެއެވެ.

ޒަޚަމްވި މީހުން ގިނަ ކަމާއެކު ހޮސްޕިޓަލް ތޮއްޖެހިފައިވާ ކަމަށާއި، ފަރުވާ ދިނުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް މެޑިކަލް އޮފިޝަލުން ބުނެފައިވެއެވެ.

އިޒްރޭލް ސިފައިން ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުގައި މި ސްކޫލަށް ބޮން އެޅީ އިމާރާތުގައި ދިރިއުޅޭ މީހުން ފަތިސް ނަމާދަށް ތިއްބާ ކަމަށް ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް އަރާ ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 39،699 ށް ވަނީ އަރާފައެވެ. ޒަޚަމްވި މީހުންގެ އަދަދު 91،722 ށް ވަނީ އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް