ކ. މާލެ
|
6 އޯގަސްޓް 2024 | އަންގާރަ 23:40
ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ
ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ
އެކްސް
އިޒްރޭލަށް ހަމަލާ ދިނުން
އިޒްރޭލަށް ހަމަލާ ދިނުން ހިޒްބުﷲ އަށާއި އީރާނަށް ވާޖިބު: ހިޒްބުﷲ ގެ ވެރިޔާ
ނަސްރުﷲ ވިދާޅުވީ، ހިޒްބުﷲ އެކަނި ވިޔަސް ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން ކަމުގައި ވިޔަސް ހިޒްބުﷲ ގެ ކޮމާންޑަރުގެ މަރުގެ ބަދަލު ހިފާނެ ކަމަށެވެ.
ޚަބަރުގެ އޯޑިއޯ

އިޒްރޭލަށް ހަމަލާ ދިނުން އީރާނަށާއި ހިޒްބުﷲ އަށް ވާޖިބު ކަމަށް ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ ވިދާޅުވެއްޖެއެވެ.

ޓީވީ މެދުވެރިކޮށް އަންގާރަ ދުވަހު ނަސްރުﷲ ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިޒްރޭލުން ހުސްވި ހަފްތާގައި ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އާއި ހިޒްބުﷲ ގެ އިސް ކޮމާންޑަރ ފުއާދް ޝުކްރު އަވަހާރަށް ކޮށްލުމުން އެކަމުގެ ރައްދު ދިނުމަކީ ކޮންމެ ކަމަކާ ކުރިމަތި ލާން ޖެހުނު ކަމުގައި ވިޔަސް އީރާނާ އާއި ހިޒްބުﷲ ގެ މައްޗަށް ކުރުން ވާޖިބު ކަމެއް ކަމުގައެވެ.

ނަސްރުﷲ ވިދާޅުވީ، ހިޒްބުﷲ އެކަނި ވިޔަސް ނުވަތަ އެހެން ފަރާތްތަކާ ގުޅިގެން ކަމުގައި ވިޔަސް ހިޒްބުﷲ ގެ ކޮމާންޑަރުގެ މަރުގެ ބަދަލު ހިފާނެ ކަމަށެވެ. އަދި ހަމަ އެ ގޮތައް އީރާނުގައި ހުންނަވަނިކޮށް ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ބަދަލު އީރާނުން ނުހިފާ ދޫކޮށް ނުލާނެ ކަމުގައެވެ.

ހިޒްބުﷲ ގެ އިސް ކޮމާންޑަރު ޝުކްރު އަވަހާރަށް ކޮށްލީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބެއިރޫތުގެ ދެކުނުގެ ސަރަހައްދެއްގައި ހުރި އިމާރާތަކަށް އިޒްރޭލު ސިފައިން ދިން ހަމަލާ އެއް ގައެވެ. އޭނާ އަވަހާރަ ކޮށްލަން ހަމަލާ ދިން ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

ޖެހިގައި އައި ބުދަ ދުވަހު ހަމާސްގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލީ އީރާނުގައި އޭނާ ހުންނެވި ގެސްޓް ހައުސް އަށް ރޮކެޓް ހަމަލާއެއް ދީގެންނެވެ. އިޒްރޭލުން މި ހަމަލާ ދިން ކަމަށް ސީދާ ބުނެފައި ނުވި ނަމަވެސް، އީރާނުން ބުނެފައިވަނީ އެއީ އިޒްރޭލުން ދިން ހަމަލާ އެއް ކަމަށާއި އެ ހަމަލާގެ ފަހަތުގައި ވަނީ އެމެރިކާ ކަމުގައެވެ.

ނަސްރުﷲ ގެ ބަޔާނުގައި ވިދާޅުވީ، މީގެ ކުރިއާ ޚިލާފަށް އިޒްރޭލަކީ މިހާރު ބާރު ހުރި ގައުމެއް ނޫން ކަމަށާއި، އިޒްރޭލު ދެމި އޮންނަނީ އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ކިބައިން އެހީ އަށް އެދިގެން ކަމަށާއި، އެއީ އީރާނުން ދީފާނެ ހަމަލާ އަކުން އަމިއްލަ އަށް ދިފާއު ވެވޭ ވަރުގެ ގައުމެއް ނޫން ކަމަށެވެ.

ހަނިއްޔާ އާއި ޝުކްރު އަވަހާރަ ކޮށްލި ހާދިސާ އަށް ހަފްތާ އެއް ވެގެން ދިޔައިރު އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ހަމަލާ ދޭނެ ކަމަށް އީރާނާއި ހިޒްބުﷲ އިން ބުނި ނަމަވެސް މިހާތަނަށް އެފަދަ ހަމަލާއެއް ދީފައި ނުވާތީ އެކަމަށް އިޝާރާތް ކުރައްވާ ނަސްރުﷲ ވިދާޅުވީ، "ހަފްތާ އަކަށް އިންތިޒާރު ކުރުވަން ޖެއްސުން ވެސް އެއީ އަދަބުގެ އަދި ހަނގުރާމައިގެ ބައެއް" ކަމަށެވެ.

ނަސްރުﷲ ވިދާޅުވީ، ހާލަތު ގޯސް ކުރީވެސް އަދި ފުރަތަމަ އީރާނަށް ހަމަލާ ދިނީވެސް އިޒްރޭލުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް