އޮލިމްޕިކްސްގައި އެންމެ ގިނަ ރަންމެޑަލް ހޯދި އަންހެން އެތްލީޓުގެ ރެކޯޑް އެމެރިކާގެ ފެތުންތެރިޔާ ކޭޓީ ލިޑޭކީ ހޯދައިފި އެވެ.
ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ މުބާރާތުގައި ލިޑޭކީ 800 މީޓަރުގެ ފްރީ ސްޓައިލް ފެތުމުން ރަންމެޑަލް ހޯދީ އަށް މިނިޓާއި 11.04 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިއީ ލިޑޭކީގެ ނުވަވަނަ އޮލިމްޕިކް ރަންމެޑަލް އެވެ. މީގެ ކުރިން މި އަދަދަށް އޮލިމްޕިކްސްއިން ރަންމެޑަލް ހޯދާފައިވަނީ ރަޝިޔާގެ ޖިމްނާސްޓިކް ކުޅުންތެރިޔާ ލަރިސާ ލަޓީނިއާ އެވެ. އޭނާ ވަނީ ނުވަ ރަންމެޑައްޔާއެކު އޮލިމްޕިކްސްއިން 14 މެޑަލް ހާސިލްކޮށްފަ އެވެ.
"މިއީ އަހަރެންނަށް ވަރަށް ހާއްސަ ކާމިޔާބީއެއް. އޮގަސްޓް ތިނެއް އަކީ އަހަރެން 2012ގައި ވެސް މެޑަލް ހޯދި ދުވަހެއް. އަހަރެން އަދިވެސް ބޭނުންވަނީ ކުރިއަށްދާން. މިވަރަކުން ހުއްޓާލާކަށް ބޭނުމެއްނޫން،" އެމެރިކާގެ ފެތުންތެރިޔާ ލިޑޭކީ ބުންޏެވެ.
އުމުރުން 27 އަހަރުގެ ލިޑޭކީ ވަނީ މިހާތަނަށް ޕެރިސް އޮލިމްޕިކްސްގައި ހަތަރު މެޑަލް ހާސިލްކޮށްފަ އެވެ. އެއީ ދެ ރަން މެޑައްޔާއި އެއް ރިހި އަދި އެއް ލޯ މެޑަލް އެވެ.
މިއާއެކު އޭނާވެފައިވަނީ އޮލިމްޕިކްސްގެ ތާރީހުގައި އެމެރިކާގެ އެންމެ ކާމިޔާބު އެތްލީޓަށެވެ.
އޮލިމްޕިކްސްގައި ލިޑޭކީ ހާސިލްކޮށްފައިވާ މެޑަލްތައް:
ލަންޑަން އޮލިމްޕިކްސް 2012ގައި އޭނާ ހާސިލްކުރީ 800 މީޓަރު ފްރީ ސްޓައިލްގެ ރަންމެޑަލް އެކަންޏެވެ. ނަމަވެސް 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯގައި ބޭއްވި އޮލިމްޕިކްސްގައި ވަނީ ހަތަރރު ރަންމެޑަލް އާއި އެއް ރިހި މެޑަލް ހާސިލްކޮށްފަ އެވެ. އެއީ 200 މީޓަރު ފްރީ ސްޓައިލްގެ ރަންމެޑަލް، 400 މީޓަރު ފްރީ ސްޓައިލްގެ ރަންމެޑަލް، 800 މީޓަރު ފްރީ ސްޓައިލްގެ ރަންމެޑަލް އަދި ހަތަރެއް ގުނަ 200 މީޓަރު ފްރީ ސްޓައިލް ރިލޭއިން ރަންމެޑަލް އެވެ. ރިހި މެޑަލް ހޯދީ ހަތަރެއް ގުނަ 100 މީޓަރު ފްރީ ސްޓައިލް ރިލޭއިންނެވެ.
ލިޑޭކީ ވަނީ ޖަޕާނުގެ ޓޯކިޔޯގައި 2020 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި 800 މީޓަރު ފްރީ ސްޓައިލްގެ ރަންމެޑަލް އާއި 1500 މީޓަރު ފްރީ ސްޓައިލްގެ ރަންމެޑަލް އާއި 400 މީޓަރު ފްރީ ސްޓައިލްގެ ރިހިމެޑަލް އާއި ހަތަރެއް ގުނަ 200 މީޓަރު ފްރީ ސްޓައިލް ރިލޭއިން ރިހިމެޑަލް ހާސިލްކޮށްފަ އެވެ.
އަދި މިހާރު ފްރާންސްގައި ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގައި ވަނީ މިހާތަނަށް ހަތަރު މެޑަލް ހޯދައިފަ އެވެ. އެއީ 800 މީޓަރު ފްރީ ސްޓައިލްގެ ރަންމެޑަލް އައި 1500 މީޓަރު ފްރީ ސްޓައިލްގެ ރަންމެޑަލް އާއި ހަތަރެއް ގުނަ 200 މީޓަރު ފްރީ ސްޓައިލް ރިލޭއިން ރިހިމެޑަލް އާއި 400 މީޓަރު ފްރީ ސްޓައިލް ރިލޭއިން ލޯމެޑަލް އެވެ.