ކ. މާލެ
|
3 އޯގަސްޓް 2024 | ހޮނިހިރު 06:48
ޔޫއެސްއެސް އެބްރަހަމް ލިންކަން (ސީވީއެން 72) އާއި އަރަބި ކަނޑުގައި ހުންނަ ވަސްޕް ކްލާސް އެމްފިބިއަސް އެސޯލްޓް ޝިޕް ޔޫއެސްއެސް ކެއާސާޖް
ޔޫއެސްއެސް އެބްރަހަމް ލިންކަން (ސީވީއެން 72) އާއި އަރަބި ކަނޑުގައި ހުންނަ ވަސްޕް ކްލާސް އެމްފިބިއަސް އެސޯލްޓް ޝިޕް ޔޫއެސްއެސް ކެއާސާޖް
އޭއެފްޕީ
މެދުއިރުމަތީގެ މަސްރަހް
އެމެރިކާގެ އިތުރު މަނަވަރާއި، ހަނގުރާމަމަތީ ބޯޓު މެދުއިރު މައްޗަށް
އީރާނުން ދީފާނެ ކޮންމެ ހަމަލާއަކުން އިޒްރޭލު ހިމާޔަތް ކުރުމަށް ތައްޔާރަށް އޮތް ކަމަށް އެމެރިކާއިން ބުނެއެވެ.
ޚަބަރުގެ އޯޑިއޯ

މެދުއިރުމަތީގެ މަސްރަހް ހޫނު ވަމުންދާއިރު އެމެރިކާގެ އިތުރު މަނަވަރާއި، ހަނގުރާމަމަތީ ބޯޓާއި ބެލެސްޓިކް މިސައިލް އެ ސަރަހައްދަށް ފޮނުވުމަށް އެމެރިކާގެ ޑިފެންސް މިނިސްޓަރ ލޮއިޑް އޮސްޓިން އަންގަވައިފިއެވެ.

އެމެރިކާގެ ދިފާއީ ވަޒީރުގެ މި ނިންމެވުމުގެ ސަބަބަކީ އީރާނުން އިޒްރޭލަށް ހަމަލާދީފާނެ ކަމަށް ބަލައި، އިޒްރޭލް ހިމާޔަތް ކުރުމުގެ ގޮތުންނާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ރައްކައުތެރި ކުރުމުގެ ގޮތުން ކަމަށް ޕެންޓަގަންގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގ ހާމަ ކޮށްފައިވެއެވެ.

އޮސްޓިން ވަނީ އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރު ޔޫއެސްއެސް އެބްރަހަމް ލިންކަން މެދުއިރުމައްޗަށް ފޮނުވުމަށް އަންގަވާފައި ކަމަށް ޕެންޓަގަން އިން ބުނެފައިވެއެވެ.

މިހާރުވެސް އެމެރިކާގެ 30،000 ސިފައިން މެދުއިރުމަތީގައި ގާއިމްވެ އެބަތިއްބެވެ. މީގެ ތެރެއިން އެންމެ ގިނަ ސިފައިން ތިބީ ގަތަރުގެ އަލް-އުދެއިދް ގައެވެ. އޭގެ އިތުރުން މެދުއިރުމަތީގައި އެމެރިކާގެ 12 އެއަރކްރާފްޓް ކެރިއަރ މިހާރުވެސް އެބައޮތެވެ. އޭގެ ތެރޭގައި ރޫޒްވެލްޓް އެއަރކްރާފްޓް ކެރިއަރ ހިމެނެއެވެ.

ހުސްވި ހަފްތާގައި ހަމާސް އާއި ހިޒްބުﷲ ގެ އިސް ދެ ލީޑަރަކު ޝަހީދު ކޮށްލުމާ ގުޅިގެން އީރާނުންނާއި ހިޒްބުﷲ އިން ވަނީ މި ޖަރީމާތައް ހިންގި އިޒްރޭލް އަށާއި އިޒްރޭލުގެ ފަހަތުގައި ތިބި ބަޔަކަށް ބަދަލު ހިފުމުގެ ގޮތުން ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ.

ހިޒްބުﷲ ގެ އިސް ކޮމާންޑަރ ފުއާދް ޝުކްރު ޝަހީދު ކޮށްލީ އިޒްރޭލުން ކަމަށް އެއްބަސްވެފައިވާއިރު، ހަމާސްގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލި ކަމަށް ސީދާ ގޮތެއްގައި އިޒްރޭލުން ބުނެފައި ނެތް ނަމަވެސް، އެއީ އިޒްރޭލުން ހިންގި އަމަލެއް ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ނިއުޔޯކް ޓައިމްސް ގައި ބުނެފައިވެއެވެ. އީރާނުގެ ޖާސޫސާ ބެހޭ ވަޒީރު އިސްމާއީލް ޚާތިބް ވިދާޅުވެފައިވަނީ ހަނިއްޔާ ޝަހީދު ކޮށްލުމުގެ ހަމަލާ އަކީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށާއި އިޒްރޭލުން ހަމަލާ ދިނީ އެމެރިކާގެ ރައީސް ޖޯ ބައިޑްންގެ ފެހި ސިގްނަލް އިޒްރޭލަށް ލިބިގެން ކަމުގައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލާއި ހަމާސް ދެމެދު ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމުގެ ނަމުގައި އެމެރިކާއިން މިހާތަނަށް 12 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 40،000ށް ގާތް ކޮށްފައިވާއިރު އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާ އަންހެނުނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް
6 އޯގަސްޓް 2024 | އަންގާރަ 00:33
ހުސެންޝަރޫފް ހަމީދު
މިރޭ އަކީ 02 ސަފަރު 1446