ކ. މާލެ
|
2 އޯގަސްޓް 2024 | ހުކުރު 19:53
ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޔާމީނަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޔާމީނަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕީޕީއެމް
ޕީޕީއެމް އުވާލުން
ޕީޕީއެމް އުވާލުން! ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުމެއް ނެތް؟
ޕީޕީއެމް އުވާލުމަށް މަަސައްކަތްކުރަމުންދާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ އަދިވެސް ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)އެވެ. ބަޔަކު މީހުން އެކަން ބަދަލުކުރަން މަސައްކަތް ކުރި ނަމަވެސް އަދި އެ ހަގީގަތް ބަދަލުވުން އޮތީ ދުރު ކަމެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރު އިވޭ ވާހަކަ އަކީ އެ ޕާޓީ އުވައިލުމުގެ މަސައްކަތް ފެށި ވާހަކައެވެ. ޑީއާރްޕީ ދެބައިވެ އެ ޕާޓީގެ ސަކްސެސަރ އެއްގެ ގޮތުގައި އައި މި ޕާޓީ އާއި މެދު ވެސް ލައްކަ ތަޅާފޮޅުންތަކެއް އުފެދުނު މަންޒަރު ދިވެހިން ބޭނުންވިއެވެ. ޕާޓީގެ ބާރުވެރިކަމުގެ ބޭނުމުގައި އެ ޕާޓީ ނުވަތަ ފިކުރުގެ ބާނީކަމަށް ދުށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ދުރަށްލާ، ފައްސާ ފެއަށް ޖައްސާލީ ވެސް ހަމަ ޕީޕީއެމް ކުރިއެރުވުމުގެ ނަމުގައެވެ.

އޭރު އެކަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަރިސް ބޭފުޅުން ބާރުގެ ބޭނުމުގައޭ ބުނުން ދޮގަކަށް ނުވާނެއެވެ. މިއަދު މުޅިން ކަންކަން ބަދަލުވެެއްޖެއެވެ. ވެރިކަމަށް ވަޑައިގަތް ގޮތަށް ކުރީގެ ރައީސް ޔާމީނަށް ޖެހިވަޑައިގަތީ އެމަނިކުފާނު ސިޔާސީ ގޮތުން ކޮށި ދަނޑު، ޕީޕީއެމް އާއި ފެޔަށް ޖެހިލާށެވެ. އެވެސް ހަމަ ބާރުވެރިކަމުގެ ކުޅިވަރެކޭ ބުނެވިދާނެއެވެ. މި ސަރުކާރު ހިންގުމުގައި އިސްކޮށް އޮތް ޕީއެންސީ އަށް މެމްބަރުން ބަދަލުކުރުމާއި މަޖިލީހަށް ޕީއެންސީގެ ޓިކެޓްގައި އެކަނި މެމްބަރުން ހޮވި ހިސާބުން ވެސް ޕީޕީއެމް އަކީ ބެކަޕް ޕާޓީ އެއްކަމުގެ އިހުސާސް އައީ ކުރެވެމުންނެވެ. އެގޮތުން ފެންނަމުން ދަނީ ޕީޕީއެމްގެ މެމްބަރުން ކޮޅު އެކީ އެކައްޗަކަށް ޕީއެންސީ އަށް ކަހާލަމުންދާ މަންޒަރެވެ.

ޕީޕީއެމް އުވައިލުމުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ އިރުޝާދުގެ މަތިން ކަމަށް ދަނީ އަޑު ފެތުރެމުންނެވެ. ކަން މިހެން އޮތް އިރު އީސީގެ ދަފްތަރު ދައްކާ ގޮތުން ޕީޕީއެމްގައި 34،827 މެންބަރުން އަދި ޕީއެންސީގައި 28،704 މެންބަރުން އެބަތިއްބެވެ. އިރެއްގާ ޕީއެންސީ އުފެދުނީ ބެކަޕް ޕާޓީއެއްގެ ގޮތުގައެވެ. އެއީ ކުރީގެ ރައީސް ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ފަދަ ހާލަތަކަށް ތައްޔާރުވުމަށް އުފެއްދި ޕާޓިއެކެވެ. މިއަދު ޕީޕީއެމް އުވާލަނީ އެ ޕާޓީގެ ތައްބާހުގައި ބޭނުންވި ބާރުވެރިކަން ފުރިހަމައަށް ލިބުނީމައެވެ. ވެރިކަން ވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގެންފިއެވެ. މަޖިލީހުގެ މެމްބަރުންގެ މެޖޯރިޓީ ވެސް ލިބިވަޑައިގެންފިއެވެ. އެެހެންވީމަ ޕީޕީއެމްގެ ރޫހާއި ތާއީދުގެ ފައިދާ ލިބިއްޖެއެވެ. އެ ފިކުރަކީ ޕީއެންސީގެ ފިކުރުކަމަށް ދައްކާ އެ ބާރުވެރިކަން ދަމައިގަނެފިއެވެ. ބޭނުންވީ ޕީޕީއެމްގެ ބުރައިގައި ބާރުވެރިކަން ހޯދާށެވެ. އެހެންވީމަ އެ ކެޔޮގަނޑު ކަނޑާލުމުން ދެން ކީއްކުރާ ގަހެއްތޯއެވެ؟ ދެން ޕީޕީއެމް އުވާލުމުގެ މަސައްކަތް މެކުހަށް ޖައްސަވަންވީތާއެވެ. އެހެން ނޫނީ އަނެއްކާ ޕީޕީއެމްގެ ކުރިބޯއްޓަށް އަރާ މީހަކާއި ވާދަކުރަން ރައީސް މުއިއްޒު އަށް ޖެހިވަޑައިގަންނަވާ މަންޒަރު ފެނުމަކީ ވެސް ނުވާނެ ކަމެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް