Advertisement
ކ. މާލެ
|
1 އޯގަސްޓް 2024 | ބުރާސްފަތި 17:26
ރައީސް މުއިއްޒު އާއި ފޮރިން މިނިސްޓަރ ޒަމީރު
ރައީސް މުއިއްޒު އާއި ފޮރިން މިނިސްޓަރ ޒަމީރު
ހަނިއްޔާ އަވަހާރަ ކޮށްލުން ކުށްވެރިކުރުން
އިސްމާއީލް ހަނިއްޔާ އަވަހާރަ ކޮށްލުން އެންމެ ފަހުން ޑރ މުއިއްޒުގެ ސަރުކާރުން ކުށްވެރިކޮށް ކުރު ބަޔާނެއް ނެރެފި
މި ބަޔާން ނެރެފައިވަނީ، މިފަދަ ބަޔާނެއް ދިވެހި ސަރުކާރުން ނެރުން ލަސްވުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑު ކިޔުން ޑރ. މުއިއްޒަށް އަމާޒުވެފައިވަނިކޮށް
ހަނިއްޔާ އަވަހާރަކޮށްލުން ކުށްވެރިކޮށް ދިވެހި ސަރުކާރުން ބަޔާން ނެރެފައިވަނީ އިސްލާމީ ޤައުމު ތަކާއި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން މިކަން ކުށްވެރިކޮށް ބަޔާން ނެރެފައިވަނިކޮށް، ބުރާސްފަތި ދުވަހު
ހަނިއްޔާ އަވަހާރަ ކޮށްލީ އަންގާރަ ދުވަހު
ޚަބަރުގެ އޯޑިއޯ

އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ސިޔާސީ އެންމެ އިސް ލީޑަރ އިސްމާއީލް ހަނިއްޔާ އަށް ހަމަލާދީ އޭނާ އަވަހާރަ ކޮށްލުން އެންމެ ފަހުން ޑރ. މުއިއްޒުގެ ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

Advertisement

ހަނިއްޔާ އަވަހާރަ ކޮށްލުން ކުށްވެރިކޮށް ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ނެރުނު ފަސް ފޮޅުވަތުގެ ކުރު ބަޔާނުގައި، ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުން ދިވެހި ސަރުކާރުން ކުށްވެރި ކުރާ ކަމަށް ބުނެފައިވެއެވެ.

ހަނިއްޔާ އަވަހާރަ ކޮށްލީ އަންގާރަ ދުވަހު އޮތް އީރާންގެ އައު ރައީސް މަސްއޫދު ޕެޒެޝްކިއާން މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް ބުދަ ދުވަހުގެ ފަތިހު އޭނާ ހުންނަވާ އިމާރާތައް ހަމަލާ ދީގެންނެވެ.

އީރާނުން މި ހަމަލާގެ ތަފްސީލް ތަހުގީގެއް ހިންގަމުން ދާއިރު، މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލައި، އީރާނުގެ ރަސްމީ މީޑިއާ އިން ބުނެފައިވަނީ މި ހަމަލާ އަކީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށާއި ހަމަލާ ދިނީ އެމެރިކާ އިން އެކަމަށް ފެހި ސިގްނަލް ދީގެން ކަމުގައެވެ.

ފޮރިން މިނިސްޓްރީގެ ބަޔާނުގައި ގާޒާ އަށް ދެމެހެއްޓެނިވި ސުލްހަވެރި ހައްލެއް ހޯދުމަށް ހުރިހާ ގައުމުތަކަކުންވެސް ބައިނަލް އަގްވާމީ ގާނޫނާއި ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނު ނެގެހެއްޓުމަށް ރާއްޖޭން ގޮވާލާ ކަމަށާއި އަދި ވީ އެންމެ އަވަހަކަށް ގާޒާގައި ސުލްހަ ގާއިމްކުރެވޭނެ ގޮތަކަށް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލާ ކަމަށްވެސް ބުނެފައިވެއެވެ.

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ހަނިއްޔާ އަވަހާރަކޮށްލުމުގެ ހާދިސާ ކުށްވެރިކޮށް ބަޔާންތައް ވަނީ ނެރެފައެވެ. އޭގެ ތެރޭގައި އިސްލާމީ ގައުމުތަކާއި އެނޫން ގައުމުތައްވެސް ހިމެނެއެވެ. ޑރ މުއިއްޒުގެ ސަރުކާރުން ބަޔާނެއް މި ނެރުނީ، މިފަދަ ބަޔާނެއް ދިވެހި ސަރުކާރުން ނެރުން ލަސްވުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑު ކިޔުން ޑރ. މުއިއްޒަށް އަމާޒުވެފައިވަނިކޮށްނެވެ. މިކަމަށް ފާޑު ކީ ބައެއް މީހުން ފާހަގަ ކޮށްފައިވާ ގޮތުގައި އަވައްޓެރި ސްރީލަންކާ އިން މިކަމާ ގުޅިގެން ބަޔާން ނެރުނު އިރުވެސް ޑރ މުއިއްޒުގެ ސަރުކާރު އޮތީ މިކަމުގައި ހިމޭނުންނެވެ.

Advertisement

Advertisement
- ކޮމެންޓް