ކ. މާލެ
|
1 އޯގަސްޓް 2024 | ބުރާސްފަތި 16:57
ބުރާސްފަތި ދުވަހު ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވާހަކަދައްކަވަނީ
ބުރާސްފަތި ދުވަހު ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވާހަކަދައްކަވަނީ
ފެނަކަ
އައްޑޫ ކަރަންޓުގެ މައްސަލަ
އައްޑޫ އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ދެ އަހަރު ފަހުން: އެމްޑީ މުއާޒު
ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުން
މިމައްސަލަ ހައްލު ކުރުމަށް ޗައިނާގެ ޑީސީ ނަމަކަށް ކިޔާ ކުންފުންޏަކާއެކު ވަނީ އެއްބަސްވުމަކަށް އާދެވިފައި
މި ޕްރޮޖެކްޓް ނިންމުމަށް ދެ އަހަރު ދުވަސް ނަގާނެ، އެއާއެކު މައްސަލައަށް ދާއިމީ ހައްލު ލިބޭނެ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ދެ އަހަރު ފަހުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

މިފަހުން އައްޑޫއަށް ވަނީ ކަރަންޓު ކެނޑޭ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މުދަލަށް ގެއްލުންވެ ގިނަ އުދަނގޫތައް ކުރިމަތިވުމާއި ގުޅިގެން އެސިޓީގެ ރައްޔިތުން ފެނަކައާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ފެނަކައިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް މިހާރު ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ވެސް 1.6 މެގަވޮޓްގެ ޖެންސެޓެއް ގެނެސްފައިވާ ކަމަށާއި، ކަސްޓަމްސްގެ ކްލިއަރެންސް ހަމަ ނިމުނުހާ އަވަހަށް އައްޑޫއަށް އެ ޖެންސެޓް ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން މިމައްސަލަ ހައްލު ކުރުމަށް ޗައިނާގެ ޑީސީ ނަމަކަށް ކިޔާ ކުންފުންޏަކާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މި ޕްރޮޖެކްޓް ނިންމުމަށް ދެ އަހަރު ދުވަސް ނަގާ ކަމަށެވެ. އަދި މިޕްރޮޖެކްޓް ނިމުމުން އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން މި މެނޭޖްމަންޓްގެ ފަރާތުން. އޭގެ ތެރޭގައި އަޅުގަނޑުމެން ޗައިނާގެ ކުންފުންޏަކާއެކު އެއްބަސްވެގެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 2 އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިމުމުން އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މިމައްސަލައަށް އެއްކޮށް ދާއިމީ ހައްލެއް ލިބިގެންދާނެ. މި ޕްރޮޖެކްޓް އެއްކޮށް ނިމިގެން. ޗައިނާގެ ޑީސީ ކިޔާ ކުންފުންޏަކާއެކު އެގްރިމެންޓެއް ކުރެވިފައި މިއޮތީ. މިމަސައްކަތް ނިމުމުން ހަގީގަތުގައި ދާއިމީ ހައްލެއް ލިގެންދާނެ. މިހާރު މިދާ ޕީރިއަޑްގެ ތެރޭގައި ދިމާވާ މައްސަލައަކީ އައްޑޫގައި ހަމަ ގާތްގަނޑަކަށް 17 ވަރަކަށް 18 ވަރަކަށް ޖަނަރޭޓަރު ބަހައްޓާގެން ކަރަންޓު ދެމުން މިދަނީ. މީގެ ޕްރެސްތަކުގައި ވެސް އަޅުގަނޑުމެން ފާހަގަކޮށްފައި ހުންނާނެ ކުރީގައި މެއިންޓެއިން ނުކުރުމުގެ ސަބަބުން މި ޖަނަރޭޓަރުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައި ހުރި ވާހަކަ. އެހެންވީމަ އަޅުގަނޑުމެން މިދަނީ މިތަކެތީގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންވާ ސްޕެއަރތަކާ އަދި ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރުމަށާއި، އަދި ހަލާކުވާ ޖަނަރޭޓަރުތަކުގެ ބަދަލުގައި އިތުރު ޖަނަރޭޓަރުތައް ވެސް ހަމަ އައްޑޫ ސިޓީއަށް ވެސް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާނަން.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އައްޑޫސިޓީގައި ވަނީ ޕަވަރ ހައުސް ގާއިމްކޮށްފައެވެ. އައްޑޫގެ ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން މަހަށެވެ. ނަމަވެސް މިއަދާ ހަމައަށް އައިއިރު، އިންޖީނު އިންސްޓޯލް ކުރެވިފައިނުވެއެވެ.

އައްޑޫ ސިޓީގެ ކަރަންޓާ ގުޅޭގޮތުން ރާއްޖެއެމްވީއަށް ފެނަކައިގެ ކުރީގެ އެމްޑީ ސައީދު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށެވެ. އެ މަސައްކަތުގެ ލިޔެކިއުންތައް ފެނަކަ އަދި ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށާއި، ގެންނަންޖެހޭ އިންޖީނުތައް ގެނައުމަށް ވާޓްސިލާ ކުންފުންޏާއެކު އެއްބަސްވުމެއް އެކުލަވާލެވި ސޮއި ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އެމަގުން މަސައްކަތްކުރި ނަމަ 2024 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އައްޑޫގެ ކަރަންޓުގެ މައްސަލައަށް ކުރިއަށް އޮތް 50 އަހަރަށް ހައްލުވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ އައްޑޫގެ ކަރަންޓުގެ ހާލަތަށް ރިޔާއަތްކޮށް ކޮންމެ ފަދަ އަގެއްގައި ނަމަވެސް އެސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް ކަމަށެވެ.


Advertisement
- ކޮމެންޓް