ލުބުނާންގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ބޮން އަޅައިފިއެވެ.
ބޮން އެޅީ، ބެއިރޫތުގެ ދެކުނުގައި ހިޒްބުﷲ ގެ މަރުކަޒެއް ހުންނަ ތަނަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިޒްރޭލުން ވަނީ ހަމަލާ ދިން ކަމަށް ބުނެފައެވެ. އަދި ހަމަލާ ދިނީ ހިޒްބުﷲ ގެ ކޮމާންޑަރަކަށް އަމާޒު ކޮށް ކަމަށާއި، އޭނާ އަކީ ގޯލާން ހައިޓްސް އަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި އިސް ދައުރެއް އަދާ ކުރި ފަރާތް ކަމަށް ވެސް ބުނެފައިވެއެވެ.
ހޮނިހިރު ދުވަހުގެ ހަމަލާ އިޒްރޭލުން ހިޒްބުﷲ ގެ ބޮލުގައި އެޅުވި ނަމަވެސް އެ ޖަމާއަތުން ބުނެފައިވަނީ އެ ހަމަލާއާ ގުޅުމެއް ނެތް ކަމުގައެވެ.
އަންގާރަ ދުވަހުގެ ރޭ އިރާކޮޅު ދިން މިހަމަލާގައި އިޒްރޭލުން ޓާގެޓް ކުރި ހިޒްބުﷲ ގެ ކޮމާންޑަރ މުހްސިން ޝުކޫރު ގަދަވެ ހުރި ކަމަށް އޭއެފްޕީ އާއި ރޮއިޓާސް އިން ވެސް ބުނެފައިވެއެވެ.
މުހުސިން ޝުކޫރު އަށް ފުއާދު ޝުކޫރު ގެ ނަމުންވެސް މުޚާތަބް ކުރޭވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އޭނާ އަކީ ހިޒްބުﷲ ގެ އަސްކަރީ ބައިގެ އެންމެ އިސް ފަރާތް ކަމަށާއި އަދި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ގެ މުޝީރެއް ކަމަށް ޚަބަރުތައް ބުނެއެވެ.
ފުއާދު ޝުކޫރަކީ އެމެރިކާ އިން ހޯދަން ބޭނުންވާ އަދި އޭނާ އާ ބެހޭ މައުލޫމާތު ދޭ ފަރާތަކަށް 5 މިލިއަން ޑޮލަރު ހުށަހަޅާފައިވާ ފަރާތެކެވެ. އެމެރިކާ އިން ބުނެފައިވަނީ ބެއިރޫތުގައި ހުރި އެމެރިކާގެ މެރިން ބެރެކްސް އަށް 1983 ވަނަ އަހަރު ދިން ހަމަލާ ގައި އިސް ދައުރެއް އަދާ ކުރީ ފުއާދު ޝުކޫރު ކަމަށެވެ. އެ ހަމަލާގައި 241 އެމެރިކާ ސިފައިން މަރުވެފައިވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ހިޒްބުﷲ ގެ ޝޫރާ ކައުންސިލް ހުންނަ ހިސާބަށް ދިން މިހަމަލާގައި އާންމުންގެ ދެ މީހުން މަރުވެ ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ލުބުނާންގެ ރަސްމީ ނޫސް އޭޖެންސީ (އެންއެންއޭ) އިން ބުނެފައިވަނީ ޑްރޯން ބޭނުން ކޮށްގެން އިޒްރޭލުން ދިން ހަމަލާގައި ތިން މިސައިލް ފޮނުވާލި ކަމަށެވެ.
އިޒްރޭލު ސިފައިންގެ ތަރުޖަމާނު ޑަނިއަލް ހަގަރީ ބުނާ ގޮތުގައި ހިޒްބުاللهގެ ކޮމާންޑަރު ފުއާދު ޝުކޫރު މަރާލީ އައިޑީއެފްގެ ހަމަލާގެ ނަތީޖާއެއްގެ ގޮތުންނެވެ.