ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 19:42
ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ރައީސް ޑރ. މުހައްމަދު މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ޓްވިޓަރ
މަގޭ ރިޕޯޓް
އެމްއެމްޕީއާރުސީގެ ވާހަކައާއެކު މި ސަރުކާރު ވާނީ ބަރަހަނާ
ރައީސް މުއިއްޒުގެ އަރިހުގައި ތިބި ބޮޑުންގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގައި ހިމެނޭ ބޭފުޅުން އެބަތިއްބެވެ. ދުވަހަކުވެސް ކަރަޕްޝަން ނުބޭލޭވަރަށް ބައްލަވާނަމޭ ވިދާޅުވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ ވާހަކަ އޮއިއްޓޭގެ ބަޔާނުގައި އެބައޮތެވެ. އެހެންކަމުގައިވާނަމަ މި މައްސަލަ ބަލާ މި ސަރުކާރު ބަރަހަނާވުން ނޫން އިތުރުކަމެއް ނުވާނެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތަކީ ދިވެހިރާއްޖޭގެ ތާރީހުގައި ހިނގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން މައްސަލައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ފެށިގެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައެވެ. ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަކީ ކުންފުނީގެ އެންމެ ބޮޑު މަގުސަދު ނަމަވެސް، ކުންފުނީގެ އިސްވެރިންނާއި ސަރުކާރުގެ އިސް ފަރާތްތަކުގެ މެދުގައި ރޭވިގެން، ފަޅުރަށްތަކާއި ފަޅުތަކާއި ފިިނޮޅުތައް ދޫކުރުމުގެ ނަމުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކުރަން ފެށިއެވެ.

މި ހިޔާނާތުގައި ގިނަ އަދަދެއްގެ ސަރުކާރު އިސްވެރިންނާއި، ވިޔަފާރިވެރިންނާއި އަދި ބޭރުގެ ފަރާތްތައް ހިމެނެއެވެ. މީގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޒިޔަތާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބާއި، ކުރީގެ ފިނޭންސް މިނިސްޓަރަކާއި، ގިނަ އަދަދެއްގެ މަޖިލިސް މެންބަރުންނާއި، ބައެއް ވިޔަފާރިވެރިން ހިމެނެއެވެ.

އިހަށް މިވާހަކަ ބާއްވާނަމެވެ. އެމްއެމްޕީއާރުސީގެ މައްސަލައަކީ އެންމެ އިސްކަންދީގެން ބަލާނެ މައްސަލަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާއިރު، އަދި އެކަން އެހެން ސަރުކާރަކުން ނުކުރާ މިންވަރަށް މި ސަރުކާރުން ކުރާނެކަމަށް ވިދާޅުވެ ރައީސް އަމިއްލަފުޅަށް އަމިއްލަ ސަރުކާރު ބަރަހަނާކޮށްލީއެވެ. ރައީސް މި ވާހަކަ ވިދާޅުވި އިރު، އެ ޖަލްސާގައި ތިބި ފަރާތްތައް ނުވަތަ މި ސަރުކާރުގެ އިސް ވެރިންގެ މޫނުމަތިން ފެނުނީ މާޔޫސްކަމާއި ނުތަނަވަސްކަމެވެ.

ވާނީވެސް އެހެންތާއެވެ. އެތަނުގައި ތިބީ ފައިސާ ގޯނި ގޯނީގައި ގެންދެވި ފަރާތްތަކާއި، ދިޔާކޮށްނާއި ހަރުކޮށް އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައި ތިބި ބޭފުޅުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި މި ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރުންވެސް ހިމެނެއެވެ.

އެމްއެމްޕީއާރުސީގެ ކަޅުފައިސާގައި ޖެހުނު ފަރާތްތައް ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި އިރު، އަދި މި ސަރުކާރުން މަޖިލީހުގެ ސުޕަރމެޖޯރިޓީ ނަގާފައިވާއިރު، އަދި ނުފޫޒުގަދަ އެތައް ފަރާތެއް ހިމެނޭއިރު، ރައީސް އެ ވިދާޅުވާ ގޮތަށް މިކަން ކުރެއްވޭނަކަމީ ބިލާހެކެވެ.

މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް މި ވާހަކަ ވިދާޅުވި އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުން ބައިލިބުނު ފަރާތްތައް ތިބީ ސަފުގެ ކުރީގައެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި އިރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން ޗެލެންޖުކުރައްވާފައި ވިދާޅުވަނީ މި ސަރުކާރުން މިކަން ނުބެލޭނެ ވާހަކައެވެ. އެމަނިކުފާނު ވިދާޅުވާ ވާހަކަތަކުގައި ހަގީގަތް ހިމެނެއެވެ. އެއީ ކަޅު ފައިސާ ލިބުނު މީހުން ވެރިކަމުގެ އިސް ސަފުގައި ތިބެގެން ނުކުރެވޭނެ ކަމަކަށްވާތީއެވެ.

ގާނޫނު އަސާސީން މިކަން މަތިކޮށްފައިވަނީ އޭސީސީއަށް. ދެން އޮތީ ޖިނާއީ ބައި އަންނަކަމުގައިވާނަމަ އެދަނީ ފުލުހުންނަށް. މި ދެ މުއައްސަސާއަކުން ކުރެ މުއައްސަސާއަކަށް މިކަމެއް ނުކުރެވޭނެ. ދެން ރައީސުލްޖުމްހޫރިއްޔާ އެ ވިދާޅުވާ ގޮތަށް، އެއްވެސް ބަޔަކަށް ނުކުރެވޭ މިންވަރަށް މިކަން ކުރާނެކަމުގެ ހިތްވަރު ހުރިކަމުގައިވާނަމަ އަޅުގަނޑު ރައިސުލްޖުމްހޫރިއްޔާއަށް ޗެލެންޖްކޮށްފައި ދަންނަވާ ވާހަކައެއް މިއީ، ރައީސުލްޖުމްހުރިއްޔާއަށް ގާނޫނީ ގޮތުން ބާރުލިބޭ މި މުއައްސަސާތަކަށް ނުފޫޒެއް ނެތި މި މައްސަލަ ނުބެލޭކަމުގައިވާނަމަ ރައީސުލްޖުމްހުރިއްޔާ އެކުލަވާލައްވަންވީ ނޫންތޯ މިކަމަށް ކޮމިޝަނެއް. ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް 115 ވަނަ މާއްދާއިން މި ބާރުލިބޭ. މި ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮވެގެން އަދި އަބްދުއްރަހީމް ކަހަލަ މީހުންނާއި ނައިބުރައީސް މެން ލިސްޓުގައި ތިބެގެން ފުލުހުންނަކަށް މިކަން ނުބެލޭނެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކޮރަޕްޝަންގެ މައްސަލަ ބައްލަވާ ގެއްލިފައިވާ ފައިސާ ހޯއްދަވާނަމަ ރައީސް މުއިއްޒު އެ ދައްކަވަނީ ހުދު އެމަނިކުފާނުގެ ވާހަކަފުޅެވެ. ސިޓީ ކައުންސިލްގައި މޭޔަރުކަމުގައި ހުންނެވި އިރު ހިންގެވި ޖަރީމާތަކާއި، ކުރެއްވި ކަންތައްތައް އެއިރު ފޮރުވި ނަމަވެސް މިއަދު އޮތީ ފެންނާށެވެ. ރައީސް މުއިއްޒުގެ މައްސަލަވެސް އޮރީ އޭސީސީގައެވެ. ކޮރަޕްޝަނާއި ގުޅޭ މައްސަލައެވެ. އެ މައްސަލަ ވީތަނެއް އަދިވެސް ނޭނގެއެވެ.

މި ސަރުކާރުގެ ބޮޑުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރޭގައި ސަރުކާރާއި ބައިވެރިވެ ކޯލިޝަން ހަދާފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިންވެސް ހިމެނެއެވެ. ބޮޑެތި ވިޔަފާރިވެރިންނާއި މަހުޖަނުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި އެންމެ އަޑުގަދަ މީހުންވެސް ހިމެނެއެވެ. ހުދު މަޖިލީހުގެ ރައީސް ވެސް ފައިސާ ނެންގެވި ވާހަކަ ބަޔާންތަކުގައި އެބަހުއްޓެވެ.

އެހެންކަމުގައިވާނަމަ ދެން ހިޔާނާތުގެ އެހެން މައްސަލައެއް ވަކި އޭސީސީއަކުން އަދި ފުލުހުންވެސް ބަލާނީ ކިހިނެއް ހެއްޔެވެ. އަދި ވަކިން ބޮޑަށް މި ސަރުކާރުގެ ބޮޑުން ހިމެނޭ އެމްއެމްޕީއާރުސީގެ މައްސަލަ އެމަނިކުފާނު ބައްލަވާނީ ކިހިނެއް ހެއްޔެވެ. މި މައްސަލަ ބަލައިގެން މި ސަރުކާރު ބަރަހަނާވުން ނޫން އެހެން އެއްވެސް ގޮތެއް ނެތެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން ރައީސް ޔާމީނާއި އަދީބުގެ ވާހަކައިން އެކަން ނިންމާލެވޭކަށް ނެތެވެ. އެކަން ހެޔޮ ނިޔަތުގައި ކުރައްވާނަމަ ސަރުކާރު ބަރަހަނާވިޔަސް މި ސަރުކާރުގެ ވެރިންގެ މައްސަލަވެސް ބަލަންޖެހެއެވެ. ނަމަވެސް އުފެދޭ އެންމެ ސުވާލަކީ އަބްދުއްރަހީމާއި، މި ސަރުކާރުގެ ކެބިނެޓް މިނިސްޓަރުންނާއި ސިޔާސީ އިސް ފަރާތްތަކުގެ މައްސަލަ މި ސަރުކާރުން ބަލާފާނެތޯއެވެ.

- ކޮމެންޓް