ކައްކާ ކާއެތިކޮޅު ގޭތެރެއިން ފޯރުކޮށްދެނީ އަނބިމީހާގެ ބަދަލުގައި ބިދޭސީއެއް ކަމަށާއި، އަނބިމީހާ އޮންނަނީ ގޭގައި ރީތިކޮށް ދެފައި ދަމާފަ ކޮންމެވެސް ކަސޯޓީއެއް ބަލަން ކަމަށް ވިދާޅުވެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ޙުސައިން ޝަރީފް މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ ރާއްޖެޓީވީން އެކްސްގައި ޕޯސްޓް ކުރުމުން 24 ގަޑީއިރު ތެރޭ ލައްކައަކަށްވުރެ ގިނަ މީހުން ބަލާ އެ ވީޑިއޯ އަށް ކޮމެންޓް ކޮށްފިއެވެ.
ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި، ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާޙު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ފިރިމީހާ ގެއަށްދާއިރު، ކާ އެތިކޮޅު ފޯރުކޮށްދޭން ވެސް މިހާރު ހުންނަނީ ބިދޭސީ އެއް ކަމަށެވެ.
ރާއްޖެޓީވީން ކޮށްފައިވާ އެ ޕޯސްޓަށް 131000 (އެއްލައްކަ ތިރީސް އެއްހާސް)ށް ވުރެ ގިނަ ވިއުސް ލިބިފައިވާއިރު، 148 މީހުން ރިޓްވީޓް ކޮށްފައިވެއެވެ.
ހުސެއިން ޝަރީފްގެ އެ ވާހަކަތަކަށް ފާޑު ކީ މީހުން ބުނެފައިވަނީ ދިވެހި ގިނަ އަންހެނުންނަކީ ގޭގަ ކައްކާ، ކާން ހަދާ ތަށި ދޮވެ އަދި ދިރިއުޅުމުގެ ޒަރޫރީ ބޭނުން ފިރިމީހާ އެކަނި ކުރާ މަސައްކަތުން ނުފުދޭތީ، ނުވަތަ ފިރިއަކު ނެތިއްޔާ އެފަދަ ހަރަދުތައް އަމިއްލައަށް ކުރަންޖެހޭތީ އާމްދަނީ ހޯދަން ބުރަ މަސައްކަތް ހަފްތާއަކު 7 ދުވަހު 24 ގަޑީއިރު ކުރާ ބައެއް ކަމަށެވެ.
ހުސެއިންގެ އެވާހަކަތަކަށް ރައްދު ދެއްވާފާއިވަނީ ހަމައެކަނި އަންހެނުންނެއް ވެސް ނޫނެވެ. ފިރިހެނުންގެ ފާޑު ކިއުންވެސް އޭނާ އަށް އަމާޒުވި އިރު، އެކަކު ބުނެފައިވަނީ، ޒަމާނުއްސުރެ ފެށިގެން ފަހުގެ ޖީލާ ހަމައަށް ވެސް އާއިލާތަކުގައި ތިބީ ހިތްވަރުގަދަ، ހީވާގި މުރާލި، ހިންގުންތެރި، ލާމަސީލު އަންހެނުން ކަމަށެވެ. އަދި އެމީހުންގެ ހިތްވަރާ ބާރަކީ ވެސް އަންހެނުން ކަމަށެވެ. އެއީ ނަމޫނާ ބައެއް ކަމަށެވެ.
ތި ވެދާނެ އަމިއްލަ ތަޖުރިބާކަމަށް !؟ ހަމަ ތި ގޮތަށް، ފާރެއްގައި ސިމެންތި ކޮޅެއް ނޫނީ ކުލަ ކޮޅެއް ލާން ވިޔަސް "އަޅުގަނޑުމެން" ދަނީ ތި ބިދޭސީން ގާތަށް !؟ ބޮޑެތި ވިޔަފާރިވެރިންވެސް "ދެފައި ދަމައިގަން" ތިބެ މަސައްކަތްކުރުވަނީ "ބިދޭސީން" ލައްވާ !؟އެކްސްގައި މީހަކު ކޮށްފައިވާ ކޮމެންޓެއް
ބައެއް އާއްމުން ވަނީ އަމިއްލަ އަނބިމީހާ އަށް ވެސް އެ މެމްބަރު އިޚްތިރާމް ނުކުރާކަން އެ ވާހަކަތަކުން އެނގޭނެ ކަމަށާއި އެ ވާހަކަތަކުން އޭނާ އެހެން އަންހެނުންނަށް ވެސް އިޚުތިރާމްނުކުރާނެކަން ދޭހަވާ ކަމަށް ބުނެފައެވެ. އާއްމުން ވަނީ މިއީ އަންހެނުންނާއި މެދު ބުނެވޭ ބޭއަދަބީ ބަސްތަކަށް ހިތްވަރު ދިނުން ކަމަށް ވެސް ސިފަކޮށްފައެވެ. އަދި މަޖިލިސް މެމްބަރެއްގެ ކިބައިން މިފަދަ ކަމެއް ފެނުމަކީ އެއީ ލަދުވެތިކަމެއް ކަމަށް އާއްމުން ވަނީ ސިފަކޮށްފައެވެ.
ލަދުހަޔާތުގެ ކަންފުޅެއްވެސް ނުހައްދަވާ ޖާހިލުން މަޖިލީހައް ވަދެގެން މި ހަޑިހާވަނީ ކޮން ފެންވަރެެއް ހުރެގެން؟އެކްސްގައި މީހަކު ކޮށްފައިވާ ކޮމެންޓެއް
"އަނބި މީހާ އަކީ ގޭގަ ކަންކަން ހޯދާ ކައްކާ އެއް ނޫން ކަން ނޭގުނީމަ ކިހާ ދެރަ؟" މިފަދައިން ބުނެ އާއްމުން ވަނީ އަންހެނުންނަކީ ހަމައެކަނި ގޭގެ ކަންކަން ކުރަންތިބޭ ބައެއް ކަމަށް ދެއްކުމަކީ އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ބުނެފައެވެ. މީގެ ކުރިން ވެސް މި ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ބައެއް މެމްބަރުން އަންހެނުންނަށް ނިސްބަތްކޮށް ބަދުބަސް ބުނެ ދަށު ދަރަޖައިގެ ގޮތަކަށް މުއާމަލާތުކުރާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.