ކ. މާލެ
|
30 ޖުލައި 2024 | އަންގާރަ 08:12
އިސްރާއީލުގެ ދެކުނުގެ ޖަލެއްގެ ގޯތިތެރޭގައި ބަންދުކޮށްފައި ތިބި ފަލަސްތީން މީހުން
އިސްރާއީލުގެ ދެކުނުގެ ޖަލެއްގެ ގޯތިތެރޭގައި ބަންދުކޮށްފައި ތިބި ފަލަސްތީން މީހުން
އޭއެފްޕީ
ފަލަސްތީން އިސްރާއިލް ހަނގުރާމަ
ހޯމަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި 33 ފަލަސްތީން މީހުން ޝަހީދު ކޮށްލައިފި
ފަލަސްތީން ރައްޔިތުންނަށް ލާއިންސާނީ އަނިޔާ ދެމުންދާ ސްޑީ ޓީމަން ޑިޓެންޝަން ފެސިލިޓީ ވަގުތުން ބަންދުކޮށް އަނިޔާ ކުރި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިޒްރޭލުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާ އަކުން އިޒްރޭލް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ޚަބަރުގެ އޯޑިއޯ

ހޯމަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދު ތަކަށް ދިން ހަމަލާތަކުގައި މަދުވެގެން 33 ފަލަސްތީން މީހުން ޝަހީދު ވެއްޖެ ކަމަށް ގާޒާ ގެ ސިއްހީ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނެފިއެވެ.

ހަނގުރާމަ އަށް ނިމުމެއް އައުމުގެ އެއްވެސް ނިޝާނެއް ފެންނަމުން ނުދާ އިރު، އިޒްރޭލުގެ ބޮޑު ވަޒީރު ބެންޔަމިން ނަތަންޔާހޫ ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހުރަސް އަޅަނީ ހަމާސް އިން ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ހަމާސް އިން ހަމަ މި މޭރުމުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހުރަސް އަޅަނީ ނަތަންޔާހޫ ކަމަށް ބުނެ ބަޔާނެއް ވަނީ ނެރެފައެވެ.

އަނެއްކޮޅުން ފަލަސްތީނުގެ ރައްޔިތުން ބަންދުކޮށްގެން ގެންގުޅެން އިޒްރޭލުން ހަދާފައިވާ ސްޑީ ޓީމަން ޑިޓެންޝަން ފެސިލިޓީގައި ލާއިންސާނީ އަނިޔާތައް ތަކުރާރުކޮށް ދެމުންދާ މައްސަލައިގައި "ފިޒީޝަންސް ފޯ ހިއުމަންރައިޓްސް އިޒްރޭލް" އިން އެ ޑިޓެންޝަން ސެންޓަރު ވަގުތުން ބަންދު ކޮށް އަނިޔާ ދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިޒްރޭލް ސަރުކާރަށް ގޮވާލައިފިއެވެ.

މި ޖަމްއިއްޔާ އިން މިކަމަށް ގޮވާލީ، ޑިޓެންޝަން ސެންޓަރުގައި ފަލަސްތީން މީހުންނަށް ލާ އިންސާނީ އަނިޔާ ދެމުންދާ މައްސަލައިގައި ސުވާލު ކުރުމަށް އިޒްރޭލުގެ 9 ސިފައިން ހޯމަ ދުވަހު ބަންދުކޮށްފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ހާމަ ކުރުމާ ގުޅިގެންނެވެ.

އެ ޖަމްއިއްޔާ އިން ބުނީ އިޒްރޭލުން ހައްޔަރު ކޮށްގެން ގެންގުޅޭ ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލު ސިފައިން ދެމުންދާ ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ އެއީ ނުވާ ކަމެއް ކަމަށް ހަދައިގެން ނުތިބެވޭނެ ކަމުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުން ހިންގާ ޑިޓެންޝަން ސެންޓަރުގައި ފަލަސްތީން މީހުން ރޭޕް ކުރުމާއި، ގައިގެ ގުނަވަންތައް ބުރި ކުރުމާއި، ގަދަ އަޑު އިއްވައިގެން ނަފްސާނީ ގޮތުން ބަލި ކުރުމާއި، ކާންބޯން ނުދީ ބޭތިއްބުން ފަދަ އެތައް އެތައް ޖަރީމާއެއް ހިންގާ އެތައް ބަޔަކަށް ވަނީ ވޭން ދެނިވި ލާއިންސާނީ އަނިޔާ ދީފައެވެ.

ލާއިންސާނީ އަނިޔާ ދިނުމުގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ބުނެ އިޒްރޭލުގެ 9 ސިފައިން ހައްޔަރު ކުރުމުން، އަކަމާ ދެކޮޅު ހަދާ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ގްރޫޕަކުން ވަނީ އެމީހުންގެ ދިފާއުގައި ސިފައިން ބަންދުކޮށްފައި ތިބި ތަނަށް ވަދެގަނެ އެމީހުން ދޫކޮށްލުމަށް ގޮވާ ހަމަނުޖެހުން ހިންގާފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން އިޒްރޭލު ގެ ހަމަލާތަކުގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 39،363 ށް އަރާފައެވެ. އޭގެ އިތުރުން ފަލަސްތީނުން ޒަޚަމްވި މީހުންގެ އަދަދު 90،923 ށް އަރާފައިވާ ކަމަށް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް